04 އޮކްޓޯބަރ 2020 - 19:49

ފިލްމީ ތަރި މުހައްމަދު ޔުނާން އާއި އޭނާގެ އަންހެނުން ރިހުލާ ކުޑަ ފިރިހެން ކުއްޖަކާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ބުނެ ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ދެ މީހުންގެ މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.
ވަކި ބައެއްގެ ނަން ހާމަ ނުކޮށް ފުލުހުން ބުނީ ހުޅުމާލޭގައި އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖަކާ އެކު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގިކަމުގެ މައްސަލައެއް އިއްޔެ ހުށަހެޅުމާ ގުޅިގެން އެކަން ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލާގައި އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.
ނަމަވެސް، މި މައްސަލާގައި ޔުނާންގެ ދެމަފިރިން ހައްޔަރުކުރަން ގޮވާލައި ހުޅުމާލޭގައި މިއަދު ހަވީރު ބަޔަކު އަޑު އުފުލައި ޔުނާން އުޅޭ ގެ ކައިރި އަށް ވެސް އެއްވެފައި ވަނިކޮށް ޔުނާން އާއި އޭނާގެ އަންހެނުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. ފުލުހުން ބުނީ އެއީ ރައްކާތެރިކަމަށް އެދުމުން ޕޮލިސް ސްޓޭޝަނަށް ގެންދިޔަ ދެ މީހުން ކަމަށެވެ.
ރިހުލާގެ އާއިލާ އިން ވާހަކަ ދެއްކި މީހަކު ބުނެފައި ވަނީ މިއީ އާއިލާ ތެރޭ އޮތް މައްސަލައެއްގައި، ޔުނާންގެ ދެމަފިރިންގެ އަގު ވައްޓާލުމަށް ކޮށްގެން އުޅޭ ހަގީގަތެއް ނެތް ތުހުމަތެއް ކަމަށެވެ.
މީގެ ދުވަސްކޮޅެއް ކުރިން ޔުނާންގެ ތުއްތު ދަރިފުޅުގެ ބޭސްފަރުވާ އަށް އެކި ފަރާތްތަކުން ދިން ފައިސާގެ އެހީން ލަގްޒަރީ ކަންކަމަށް ހޭދަކުރި ކަމަށް ބުނެ ވެސް ސޯޝަލް މީޑިއާގައި އެ ދެމަފިރިންނަށް ފާޑުކިޔާފައިވެ އެވެ. ނަމަވެސް އެ ތުހުމަތަށް ވެސް އެ މީހުން ވަނީ އިންކާރުކޮށްފަ އެވެ.