ޝަފީއު އާއި ފަރުހީޒާ ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރައްވައިފި
ޝަފީއު އާއި ފަރުހީޒާ ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރައްވައިފި

ހައި ކޯޓަށް އައްޔަންކުރަން ނިންމާފައިވާ ދެ ފަނޑިޔާރުން މަގާމުގެ ހުވާ މިއަދު ކުރައްވައިފި އެވެ.

ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްކޮށް އޮތް ދެ މަގާމަށް ސިވިލް ކޯޓުގެ ގާޒީ ހަސަން ޝަފީއު އާއި ސ. ފޭދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ފާތިމަތު ފަރުހީޒާ އައްޔަން ކުރަން ޖޭއެސްސީން ކުރިން އޮތީ ނިންމައިފަ އެވެ.

އެ ދެ ބޭފުޅުން މިއަދު މަގާމުގެ ހުވާ ކުރައްވައި، އެ ދެ ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު އެރުއްވީ ޖޭއެސްސީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ދެ ބޭފުޅުންނަށް މަގާމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.

ޖުމްލަ 11 ފަނޑިޔާރުން ތިއްބަވާ ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ދެ މަގާމެއް ހުސްވީ އެ ކޯޓުގެ އިސް ފަނޑިޔާރަކަށް ހުންނެވި ޝުޖާއު އުސްމާނާއި ފަނޑިޔާރު ހަސަން އަލީ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އެ ދެ ބޭފުޅުން އިސްތިއުފާ ދެއްވީ އެ ބޭފުޅުންގެ ސުލޫކީ މައްސަލަތަކެއް ޖޭޭއެސްސީން ބަލަމުން ދަނިކޮށެވެ.