04 އޮކްޓޯބަރ 2020 - 17:15

އައްޑޫ ބޭރުން ޑްރަގްސްއާ އެކު އެތައް ބަޔަކު ހައްޔަރުކުރި ބޮޑު އޮޕަރޭޝަނުގައި، ޑްރަގްސް އެތެރެކުރި މީހުން ފުލުހުން ފެނުމާ އެކު ޑްރަގްސް ބަސްތާތައް ކަނޑަށް އުކާލި ކަމަށާއި އެ ތަކެތި އަތުލައިގަނެވުނީ ފުލުހުން ކަނޑަށް އެރިގެން ކަމަށް، އޮޕަރޭޝަންގެ މައުލޫމާތު އެނގޭ ފަރާތަކުން "މިހާރު" އަށް ކިޔައިދީފި އެވެ.

އުކާލި ތަކެތި ފުލުހުންގެ އަތު ޖެހުމަކީ މުހިންމު ކަމަކަށް ވަނީ، މަސްތުވާތަކެތި އެތެރެކުރިކަމުގެ ސާފު ހެކި ލިބޭނީ އެތެރެކުރި ތަކެތި ފެންނަން ހުރުމުން ކަމަށް ވާތީ އެވެ. އެހެންވެ މަނާ ތަކެތި އެތެރެކުރާ މީހުން ކޯޓު މަރުހަލާ އިން ސަލާމަތްވާން ހެކި ނައްތާލުމުގެ ގޮތުން، ފުލުހުންގެ އަތުޖެހުމުގެ ކުރިން ތަކެތި ގެއްލުވާލުމަކީ އާންމު ކަމެކެވެ.

މި އޮޕަރޭޝަން ހިންގީ ޕާކިސްތާނުގެ އެންޓި ނާކޮޓިކްސް ފޯސް (އޭއެންއެފް) އިން ދިން އިންޓެލިޖެންސް މައުލޫމާތަށް ކަމަށް އެ ގައުމުގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައި ވިޔަސް އެއީ ދޮގެއް ކަމަށާއި އެ ނޫސްތަކުން ނަގާފައިވާ މައުލޫމާތާއި ފޮޓޯ އަދި ވީޑިއޯ އަކީ މަސްތުވާތަކެއްޗާ ދެކޮޅަށް ސަރަހައްދީ ފެންވަރުގައި މައުލޫމާތު ހިއްސާކުރާ ގްރޫޕަކަށް ދިވެހި ފުލުހުން ފޮނުވި އެއްޗެހި ކަމަށް ވެސް "މިހާރު" އާ މައުލޫމާތު ހިއްސާކުރި ފަރާތުން ބުންޏެވެ.
"މިއީ ސައްތައިން ސައްތަ ދިވެހި ފުލުހުންގެ މަސައްކަތެއް. އިންޓެލިޖެންސް ވެސް އަދި މުޅި އޮޕަރޭޝަން ވެސް. އާންމުވެގެން އުޅޭ ފޮޓޯތަކާއި ވީޑިއޯ އާއި ބައެއް މައުލޫމާތަކީ މަސްތުވާތަކެއްޗާ ދެކޮޅަށް ސަރަހައްދީ ފެންވަރުގައި މައުލޫމާތު ހިއްސާކުރާ ގްރޫޕަކަށް ދިވެހި ފުލުހުން ފޮނުވި އެއްޗެހި. އެ ކޮންމެވެސް ގޮތަކުން ގޮސްގެން އެ އުޅެނީ،" އޮޕަރޭޝަން ފެށުނު ހިސާބުން ގޮސް، މީހުން އަތުލައިގަތުމުގެ އެންމެ ރިސްކް ބޮޑު މަރުހަލާތަކުގައި ވެސް ދިވެހި ފުލުުހުން ނޫން ބަޔަކު ނޫޅޭކަން ފާހަގަކުރަމުން ބުންޏެވެ.
މައުލޫމާތު ދިން ފަރާތުން ބުނީ ޕާކިސްތާނު ނޫސްތަކުގައި، ޑްރަގްސް އަތުލައިގަތީ އެރެބިއަން ސީގެ ތެރެއިން ކަމަށް ބުންޏަސް އެ މައުލޫމާތު ވެސް ސައްހަ ނޫން ކަމަށެވެ. "މިހާރު" އަށް ލިބިފައިވާ ފޮޓޯތަކުން ވެސް، ފުލުހުން ކަނޑަށް އެރިގެން ޑްރަގްސްތައް ނަގާ މަންޒަރު ފެންނަ އިރު ފަހަތުން ރާއްޖޭގެ ރަށްތައް ވެސް ފެނެ އެވެ.
އެނގިފައިވާ ގޮތުގައި ދެ ދުވަހުގެ މި އޮޕަރޭޝަންގައި ކަނޑުމަތިން ޑްރަގްސް އަތުލައިގަތީ ބައެއް ތަކެތި އެއްގަމަށް އަރުވައި ދެ ވަނަ ފަހަރަށް ތަކެތި ބަލައި ގޮސް އުޅެނިކޮށެވެ. ފުލުުހުން ވަނީ ކަނޑުމަތިން ހޯދި ތަކެތީގެ އިތުރުން އައްޑޫގެ ބައެއް ތަންތަނުން ވެސް ގިނަ އަދަދެއްގެ ޑްރަގްސް ހޯދައިފަ އެވެ.
މިހާތަނަށް ފެނުނު މަސްތުވާތަކެތީގެ ބަރުދަން 100 ކިލޯއާ ގާތްކުރާ ކަމަށް އެނގިފައިވެ އެވެ. އަދި މިއީ ޕާޓީ ޑްރަގްސްގެ ވެސް އެއް އޮޕަރޭޝަނެއްގައި އެންމެ ގިނައިން އަތުލައިގަނެވުނު ފަހަރު ކަމަށް ވަނީ އެނގިފަ އެވެ.
މިއަދު ހެނދުނު ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ޓްވީޓް ކުރައްވާފައިވާ ގޮތުގައި އެހާ ހިސާބަށް 80 ކިލޯގެ ޑްރަގްސް ވަނީ ފެނިފަ އެވެ. އޭގެ އިރުކޮޅެއް ފަހުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ 88 ކިލޯގެ ޑްރަގްސް ފެނިފައިވާ ކަމަށް ވިދާޅުވެފަ އެވެ.
މިހާތަނަށް ލިބިފައިވާ މައުލޫމާތުގައި، އައްޑޫގެ ވަރުގަދަ ޑްރަގް ޑީލަރެއް ކަމަށް ފުލުހުން ކުރިން ވެސް ތުހުމަތުކޮށް އެތައް ފަހަރަކު އެކި ކުށްތަކުގައި ހައްޔަރުކޮށްފައިވާ އިބްރާހިމް ރަޝީދު (އަބުޗާ) އަކީ މި ތަކެތި އެތެރެކުރުމުގައި އިސްކޮށް ހުރި މީހާ އެވެ. އޭނާ އެކި ފަހަރުމަތިން ހައްޔަރުކޮށްފައި ވިޔަސް އެކި ސަބަބުތައް މެދުވެރިވެ އޭނާ ދޫވަނީ އެވެ. ކޯޓުތަކުގައި ވެސް އޭނާގެ މައްސަލަތައް ހުރި އިރު އެ މައްސަލަތައް ނުނިމި ވަނީ ދިގުލައިގެން ގޮސްފަ އެވެ.
"މިހާރު" އަށް މައުލޫމާތު ހިއްސާކުރި ފަރާތުން ވެސް އެކަން ފާހަގަކޮށް ބުނީ، ފުލުހުން ބުރަ މަސައްކަތުން މިފަދަ މީހުން އަތުލައިގަންނަ އިރު ވެސް އެ މީހުން ދޫވެ އަލުން ޖަރީމާ ހިންގުމުގައި އުޅެން ފުރުސަތު ލިބޭ ނަމަ ކުށްކުރުން ހުއްޓުވަން ކުރާ މަސައްކަތުގެ ބޭނުން ކެނޑޭ ކަމަށެވެ.
ފުލުހުން މިއަދު ހެނދު ހުޅުމާލޭގައި ވެސް ޑްރަގްސްގެ އޮޕަރޭޝަނެއް ކުއްތާ ބޭނުންކޮށްގެން ހިންގި އެވެ. އެކަމަކު އެނގިފައިވާ ގޮތުގައި އެއީ އައްޑޫން ޑްރަގްސް އެތެރެކުރި މައްސަލައާ ގުޅުމެއް ހުރި އޮޕަރޭޝަނެއް ނޫނެވެ.