30 އޮކްޓޯބަރ 2016 - 10:09

ޓިއުރިން (އޮކްޓޯބަރު 30) - ނަޕޯލީ ދޫކޮށް ރެކޯޑް އަގަކަށް މި ސީޒަނުގައި ޔުވެންޓަސް އަށް ބަދަލުވި ގޮންޒާލޯ ހިގައިންގެ ލަނޑާ އެކު އިޓާލިއަން ލީގުގައި ރޭ ނަޕޯލީ އަތުން 1-0 އިން ޔުވެންޓަސް މޮޅުވެއްޖެ އެވެ.
މި މޮޅާ އެކު ޔުވެންޓަސް ވަނީ ލީގުގެ އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. އެ ޓީމަށް 27 ޕޮއިންޓް ލިބިފައިވާއިރު ދެ ވަނައިގައި 22 ޕޮއިންޓާ އެކު އޮތީ އެއް މެޗު މަދުން ކުޅެފައިވާ ރޯމާ އެވެ. މިރޭ އެމްޕޮލީ އަތުން ރޯމާ މޮޅުވެއްޖެ ނަމަ އެ ޓީމަށް އަނެއްކާ ވެސް ދެ ޕޮއިންޓަށް ލީޑު ކުޑަކުރެވޭނެ އެވެ. ނަޕޯލީ އޮތީ 20 ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ. މިރޭ ޕެސްކާރާ އަތުން އޭސީ މިލާން މޮޅުވެއްޖެ ނަމަ އެ ޓީމަށް ތިން ވަނަ އަށް އެރޭނެ އެވެ. މިހާރު މިލާން އޮތީ 19 ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ.
ޔުވެންޓަސްގެ ސްޓޭޑިއަމުގައި ރޭ ކުޅުނު މެޗުގައި އެ ޓީމަށް 50 ވަނަ މިނެޓުގައި ލީޑު ނަގައިދިނީ ސެންޓްރަލް ޑިފެންޑަރު ލިއޮނާޑޯ ބޮނޫޗީ އެވެ. އޭގެ ހަތަރު މިނެޓު ފަހުން ނަޕޯލީން ވަނީ ހޯސޭ ކަޔެލޮންގެ ލަނޑުން އެއްވަރުކޮށްފަ އެވެ. ޔުވެންޓަސް މޮޅުކޮށްދިނީ 70 ވަނަ މިނެޓުގައި ހިގައިން އެވެ. އޭނާ ކުރީގެ ކްލަބް ކޮޅަށް ލަނޑު ޖެހުމަށް ފަހު އުފާފާޅެއް ނުކުރެ އެވެ.
މި ސީޒަނުގައި ހިގައިން 95 މިލިއަން ޔޫރޯ އަށް ޔުވެންޓަސް އަށް ބަދަލުވުމާ އެކު ނަޕޯލީ ސަޕޯޓަރުން ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރި އެވެ. އޭނާގެ ޖާޒީ އާއި ބެނާތައް އެންދިއިރު ކްލަބުގެ ސަޕޯޓަރުން އޭނާ އަށް އިންޒާރު ވެސް ދިނެވެ.