ޓްރަމްޕުގެ ހާލު އަންނަނީ ރަނގަޅުވަމުން، އެކަމަކު ޑޮކްޓަރުންގެ ކަންބޮޑުވުންތަކެއް
ޓްރަމްޕުގެ ހާލު އަންނަނީ ރަނގަޅުވަމުން، އެކަމަކު ޑޮކްޓަރުންގެ ކަންބޮޑުވުންތަކެއް

ވޮޝިންޓަން (އޮކްޓޯބަރު 4) - ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ހާލު އަންނަނީ ރަނގަޅުވަމުން ކަމަށާއި ވެރިކަމުގެ ބާރުތައް ނައިބް ރައީސްއާ ހަވާލު ކުރަންޖެހިދާނެ ކަމަށް ނުބެލެވޭ ކަމަށް ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފް މާކް މެޑޯސް ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވީ ޓްރަމްޕުގެ އޮކްސިޖަން ލެވެލް ދަށްވުމުން ޑޮކްޓަރުންގެ ކަންބޮޑުވުންތަކެއް ހުރި ކަމަށެވެ. ނަމަވެސް އެކަން ވެސް މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން ވައިޓް ހައުސްގައި ވެސް ޓްރަމްޕަށް ވަނީ އޮކްސިޖަން ދީފަ އެވެ.

"ޑޮކްޓަރުން ވެސް އިއްޔެ ވަރަށް ކަންބޮޑުވި. ރައީސްގެ އޮކްސިޖަން ލެވެލް ދަށްވެ އަދި ޓެމްޕަރޭޗާ ވެސް މަތިވުމުން،" ފޮކްސް ނިއުސްއާ ވާހަކަ ދައްކަވަމުން މެޑޯސް ވިދާޅުވި އެވެ.

ވައިޓް ހައުސްގެ ޑޮކްޓަރު ޝޯން ކޯންލީ އިއްޔެ ހަވީރު ވިދާޅުވީ ނުރައްކަލުން ޓްރަމްޕް އަދި މުޅިން ސަލާމަތް ނުވާ ކަމަށާއި އެކަމަކު ޑޮކްޓަރުންގެ އުއްމީދު ބޮޑު ކަމަށެވެ.

ޓްވިޓާގައި ޓްރަމްޕް އިއްޔެ ޕޯސްޓް ކުރެއްވި ވީޑިއޯ މެސެޖެއްގައި ވަނީ "ވަރަށް އަަވަހަށް ބައްދަލުވާނެ ކަމަށް" ވިދާޅުވެފަ އެވެ. އަދި ކެމްޕޭން ފެށި ގޮތަށް ނިންމާލެވެނޭ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.

ޓްރަމްޕަށް ފަރުވާ ދޭ ވޯލްޓާ ރީޑްސް ހޮސްޕިޓަލްގެ ޑޮކްޓަރުން ބުނެފައި ވަނީ ރެމްޑިސިވިއާގެ ދެ ވަނަ ޑޯޒެއް މިހާރު ދީފައިވާ ކަމަށެވެ.

ޓްރަމްޕުގެ އަނބިކަނބަލުން މެލަނިއާ ޕޮޒިޓިވްވި ނަމަވެސް އެކަމަނާގެ ހާލު ރަނގަޅެވެ.