04 އޮކްޓޯބަރ 2020 - 11:46

ޖީއެސްޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މިހާރު ވިޔަފާރި ހުއްޓާލައިފައިވާ ނުވަތަ ވިޔަފާރިނުކުރާ ފަރާތްތަކާއި، ޖީއެސްޓީ ރަޖިސްޓަރީން އުނިކުރުމުގެ ޝަރުތު ހަމަވާ ފަރާތްތައް ރަޖިސްޓަރީން އުނިކުރުމަށް "ނުކުރާނަމަ އުނިކުރަމާ"ގެ ނަމުގައި މީރާއިން ހާއްސަ ކެމްޕޭނެއް ފަށައިފި އެވެ.
މީރާއިން ބުނީ ޖީއެސްޓީއަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ގިނަ އަދަދެއްގެ ފަރާތްތަކުން ސުން-ބަޔާން ހުށަހަޅަމުންދާ ކަމަށާއި އަދި ބައެއް ފަރާތްތަކުން އެއްވެސް ގޮތަކަށް ބަޔާން ހުށަނާޅާ ކަމެށެވެ. މީގެ ތެރޭގައި، ތަފާތު ވިޔަފާރިތައް ކުރުމުގެ ނިޔަތުގައި ރަޖިސްޓަރީކޮށް، އެހެން ނަމަވެސް ވިޔަފާރި ނުފެށިފައިވާ ފަރާތްތަކާއި އެކި އެކި ބީލަންތަކަށް ކުރިމަތިލާން ރަޖިސްޓަރީކޮށް، ބީލަން ކާމިޔާބު ނުވާ ފަރާތްތަކާއި، ވިޔަފާރިކުރުން ހުއްޓާލައިފައިވާ ފަރާތްތައް ވެސް ހިމެނުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ބުންޏެވެ.
މީގެ އިތުރުން ވިޔަފާރި ނުކުރިޔަސް ޖީއެސްޓީ އަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތެއްނަމަ ކޮންމެ ޓެކްސް ނެގޭ މުއްދަތަކާ ގުޅިގެން ކަނޑައެޅިފައިވާ ސުންގަޑީގައި ޓެކްސް ބަޔާން ހުށަހަޅަން ޖީއެސްޓީ ޤާނޫނުން ލާޒިމު ކުރާތީ މިފަދަ ފަރާތްތައް ޖީއެސްޓީ ރަޖިސްޓަރީން އުނި ނުކުރާނަމަ، ޓެކްސް ބަޔާން ހުށަހަޅަން ޖެހޭ ކަމަށާއި، ބަޔާން ހުށަނޭޅުމުގެ ސަބަބުން ޖޫރިމަނާވަމުން ދާކަމަށް މީރާއިން ބުންޏެވެ. އެހެންކަމުން މި ކެމްޕޭނުގެ ދަށުން ޖޫރިމަނާ ނާރާގޮތަށް އެފަދަ ފަރާތްތައް ވެސް ރަޖިސްޓްރީން އުނިކުރާނެ ކަމަަށް އެ އިދާރާއިން ބުންޏެވެ.
ޖީއެސްޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން، ޓޫރިޒަމް މަސައްކަތްކުރާ ފަރާތްތަކާއި މުދާ އިމްޕޯޓްކުރާ ފަރާތްތައް ފިޔަވާ އެހެން ވިޔަފާރިކުރާ ފަރާތްތަކުން އަހަރެއްގެ މައްޗަށް ފަސް ލައްކަ ރުފިޔާއަށްވުރެ ދަށުން އާމްދަނީ ލިބޭނަމަ ޖީއެސްޓީ ރަޖިސްޓަރީން އުނިކުރުމަށް ހުށަހެޅޭނެ އެވެ. މި ކެމްޕޭނުގެ ދަށުން ރަޖިސްޓަރީން އުނިކުރާ ކުންފުނިތަކުން ޓެކުހާ ގުޅޭ ޖޫރިމަނާއެއް ނުދައްކައި އޮތްނަމަ އެ ޖޫރިމަނާއެއް މައާފުކޮށްކޮށްދޭނެ އެވެ.
މި ކެމްޕެއިނުގެ ދަށުން ޖީއެސްޓީ ރަޖިސްޓަރީން އުނިކުރުމަށް ބޭނުންވާ ފަރާތްތަކުން، މީރާގެ 106 ފޯމު މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް މީރާއިން ބުންޏެވެ.