"ކާންޗީ" ގެ ބަތަލާ މިޝްޓީ މުކަރްޖީ މަރުވެއްޖެ
"ކާންޗީ" ގެ ބަތަލާ މިޝްޓީ މުކަރްޖީ މަރުވެއްޖެ

ޑައިރެކްޓަރު ސުބާޝް ގާއީ މީގެ ހަ އަހަރު ކުރިން ގެނެސްދިން ފިލްމު "ކާންޗީ: ދި އަންބްރޭކަބަލް" އިން ބޮލީވުޑަށް ނުކުތް ބަތަލާ މިޝްޓީ މުކަރްޖީ މަރުވެއްޖެ އެވެ.

މީޑިއާތަކުން ބުނީ 27 އަހަރުގެ ބަތަލާ ހުކުރު ދުވަހުގެ ރޭ މަރުވީ ކިޑްނީ ފެއިލްވެގެން ކަމަށެވެ. ޒުވާން ބަތަލާގެ މަރާ ގުޅިގެން ހޮނިހިރު ދުވަހު އާއިލާ އިން ނެރުނު ބަޔާނެއްގައި ބުނީ ބެންގަލޫރްގައި ދިރިއުޅުނު މިޝްމީ މަރުވީ ދުވަސްތަކެއް ވަންދެން ފޮލޯކުރަމުން ދިޔަ ކީޓޯ ޑައިޓްގެ ސަބަބުން ކިޑްނީ ފެއިލްވެގެން ކަމަށެވެ.

"މިއީ އާއިލާ އަށް ލިބުނު ފޫނުބެއްދޭ ވަރުގެ ގެއްލުމެއް، ފުން ހިތާމައެެއް،" އާއިލާ އިން ބުންޏެވެ.

ބޮލީވުޑްގައި މިހާރު އެންމެ ވިދާ ޒުވާން އެކްޓަރުންގެ ތެރޭގައި ހިމެނޭ ކާތިކް އާރިޔަނާ އެކު "ކާންޗީ" އިން ބޮލީވުޑަށް ނުކުތް ނަމަވެސް މިޝްޓީ މިހާތަނަށް މާ ގިނަ ފިލްމުތަކެއް ކުޅެފައެއް ނުވެ އެވެ. އޭނާ އެންމެ ފަހުން ކުޅުނު ހިންދީ ފިލްމަކީ މިދިޔަ އަހަރު ގެނެސްދިން ކަންގަނާ ރަނާވަތުގެ "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ" އެވެ. މިޝްޓީ ކުޅުނު ހިންދީ ފިލްމުތަކުގެ ތެރޭގައި ދެން ހިމެނެނީ 2016 ގެ "ގްރޭޓް ގްރޭންޑް މަސްތީ" އެވެ.

އޭނާ އެކްޓިން އަށް ނުކުތީ 2014 ގެ ބެންގާލީ ފިލްމު "ޕޮރިޗޯއި" އިންނެވެ. ހިންދީ އާއި ބެންގާލީގެ އިތުރުން މިޝްޓީ ވަނީ ތެލެގޫ، ތަމަޅަ، މަލަޔާޅަމް އަދި ކަންނާޑާ ފިލްމުތަކެއް ވެސް ކުޅެފަ އެވެ. އޭނާގެ އެންމެ ފަހުން ކުޅުނު ފިލްމަކީ މިދިޔަ އަހަރުގެ ޖުލައިގައި ރިލީޒްކުރި ތެލެގޫ ސައިންސް-ފިކްޝަން ކޮމެޑީ "ބުއްރާ ކާތާ" އެވެ.