04 އޮކްޓޯބަރ 2020 - 11:32

ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ޕާމަނަންޓް ސެކްރެޓަރީ އަބްދުﷲ ފަޔާޒް ސަސްޕެންޑްކޮށްފި އެވެ.
ކުރީގެ ސަރުކާރުގައި ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވި ފަޔާޒް ސަސްޕެންޑްކުރީ، އެނގިފައިވާ ގޮތުގައި، މައްސަލަ ބޮޑުވެގެން އުޅޭ ޝިޕިން އެޖެންސީތަކުގެ ގަވާއިދާ ގުޅޭ މައްސަލައެއްގަ އެވެ. އޭނާގެ މައްސަލަ މިނިސްޓްރީން ސިވިލް ސާވިސް ކޮމިޝަނަށް ހުށަހެޅިއިރު، ވިޔަފާރިވެރިންތަކެއް ވަނީ މިނިސްޓަރު އައިޝަތު ނަހުލާއާ ދެކޮޅަށް އޭސީސީއަށް މައްސަލައެއް ވެސް ހުށަހަޅައިފަ އެވެ.
އެކަމަކު އެ ގަވާއިދު އުވާލީ ކަމާ ގުޅޭ މިނިސްޓްރީތަކުގެ ލަފަޔާ އެކު އިސްލާހުކޮށް އަލުން އެކުލަވާލަން ކަމަށް ވިދާޅުވެ މިނިސްޓަރު ވަނީ ދިފާއުވެވަޑައިގެންފަ އެވެ.
ސީއެސްސީން ބުނީ ފަޔާޒް ސަސްޕެންޑްކުރީ އޭނާއާ ގުޅޭ ގޮތުން ހުށަހެޅި ޝަކުވާތަކެއް ތަހުގީގުކުރަން ކަމަށެވެ. އެކަމަކު ސަސްޕެންޝަންގައި ހުންނަވާ މަސް ދުވަހުގެ މުއްދަތުގައި އޭނާ އަށް މުސާރަ ލިބޭނެ އެވެ.
ވަޒީރުގެ ލަފާގެ މަތިން އެ މިނިސްޓްރީއަކަށް ޕީއެސްއަކު އައްޔަންކުރާއިރު، ފަހަކަށް އައިސް އެކި މިނިސްޓްރީތަކުގެ ޕާމަނަންޓް ސެކްރެޓަރީންނާ ގުޅޭ މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ. އެ މައްސަލަތަކުގައި ބައެއް މީހުން ވަޒީފާ އިން ވެސް ވަކިކޮށްފައިވެ އެވެ.
މީގެ ހަފުތާއެއްހާ ދުވަސް ކުރިން، ޓޫރިޒަމް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މައްސަލަތަކަކާ ގުޅިގެން އޭނާ ވެސް ހުންނެވީ ސަސްޕެންޑްކޮށްފަ އެވެ.