ޔަމަނުގެ ޖަލަކަށް ވައިގެ ހަމަލާދީ ގިނަ ބަޔަކު މަރާލައިފި
ޔަމަނުގެ ޖަލަކަށް ވައިގެ ހަމަލާދީ ގިނަ ބަޔަކު މަރާލައިފި

ސަންއާ (އޮކްޓޯބަރު 30) - ޔަމަނުގެ ޖަލަކަށް ސައުދީ ކޯލީޝަނުން ވައިގެ ހަމަލާ ދިނުމުގެ ސަބަބުން ގިނަ ބަޔަކު މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ވައިގެ ހަމަލާދީފައި ވަނީ ހުޅަނގުގެ ހުދަޔަދާ ސިޓީގެ އަލް ޒައިދިޔާ ސަލާމަތީ ހެޑްކުއާޓަރުގައި ގާއިމްކޮށްފައިވާ ޖަލަކަށެވެ. މިއީ ހޫތީންގެ ކޮންޓްރޯލުގެ ދަށުގައި އޮތް ސިޓީ އެކެވެ. ހޫތީން ވަނީ 2014 ވަނަ އަހަރުން ފެށިގެން ޔަމަނުގެ ބައެއް ސަރަހައްދުތައް އެ މީހުންގެ ބާރުގެ ދަށަށް ގެންގޮސްފަ އެވެ.

ޖަލަށް ދިން ވައިގެ ހަމަލާތަކުގައި 30 މީހުން މަރުވި ކަމަށް އޮފިޝަލުން ބުނެ އެވެ. އޭގެ ތެރޭގައި ހޫތީ ބާޣީންނާއި ޖަލުގެ ގައިދީން ވެސް ހިމެނެ އެވެ. އެކަމަކު ހޫތީން ބުނެފައި ވަނީ ވައިގެ ހަމަލާތަކުގައި 43 މީހުން މަރުވެފައިވާ ކަމަށެވެ.

ކޯލީޝަނުން ތާއީދު ކުރަނީ ހޫތީ ބާޣީން ވެރިކަމުން ދުރުކޮށްފައިވާ ރައީސް އަބްދުއްރައްބޫހު މަންސޫރު ހާދީ އަށެވެ. ހޫތީން ވެރިރަށް ސަންއާ އަށް ވެރިވެ ގަތުމުން ބައިނަލްއަގުވާމީ ގޮތުން ބަލައިގެންފައިވާ ސަރުކާރު ހިންގަނީ އަދަނުގަ އެވެ. ބާޣީންނާ ދެކޮޅަށް ސައުދީ ކޯލީޝަނުން ވައިގެ ހަމަލާތައް ފެށީ މާޗް 2015 ގަ އެވެ.

ވައިގެ ހަމަލާތަކުގައި އާއްމުންގެ ގިނަ ބަޔަކު މަރުވަމުން ދާތީ ސައުދީ އިސްވެ އުފައްދާފައިވާ ކޯލީޝަނަށް ފާޑުކިޔުންތައް ދަނީ އަމާޒުވަމުންނެވެ. ޔަމަނުގައި މި މަހު ކުރީކޮޅު ހޫތީންގެ ޖަނާޒާރެއް ކުރިއަށް ދަނިކޮށް ވައިގެ ހަމަލާދީ 140 މީހުން ވަނީ މަރާލައިފަ އެވެ. ކޯލީޝަނުން ފަހުން ބުނެފައި ވަނީ ވައިގެ ހަމަލާ ދެވުނީ ނުބައި މައުލޫމާތެއް ލިބުމުން ކަމަށެވެ.

އެންމެ ފަހުގެ ވައިގެ ހަމަލާދީފައި މި ވަނީ ޔަމަނުގެ ސުލްހައާ ބެހޭ ގޮތުން އދ.ގެ މަންދޫބު އެކުލަވާލި ޕްލޭންއާ ރައީސް ހާދީ ދެކޮޅު ހައްދަވާފައި ވަނިކޮށް ކަމަށެވެ. ހާދީ ވިދާޅުވީ މި ޕްލޭނުން ފައިދާ ވާނީ ބަޣާވާތް ކުރި ލީޑަރުންނަށް ކަމަށެވެ.