04 އޮކްޓޯބަރ 2020 - 09:14

މާލޭގައި ކޮވިޑު-19ގެ ކޭސްތައް އަލުން އިތުރުވާން ފެށުމުން ސްކޫލުތައް ބަންދުކޮށްފައި އޮތުމަށް ފަހު، މިއަދު އަލުން ކިޔަވައިދޭން ފަށައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ މަޝްވަރާއާ އެކު މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ ސްކޫލުތަކުގައި މިފަހަރު ވެސް ކިޔަވައިދޭން ފެށީ ގްރޭޑު 9 އިން މަތީގެ ގްރޭޑުތަކަށެވެ. އެހެން ގްރޭޑުތަކަށް އަންނަނީ، މާޗު 12 އިން ފެށިގެން އޮންލައިންކޮށް ކިޔަވައިދެމުންނެވެ.
ކޮވިޑުން ރައްކާތެރިވާން މާޗު 12 ގައި ރާއްޖޭގެ ހުރިހާ ސްކޫލެއް ބަންދުކުރުމަށް ފަހު އަލުން ކިޔަވައިދޭން ފެށީ ޖުލައި 1 ގަ އެވެ. އޭރު ވެސް މާލެ ސަރަހައްދުގެ ސްކޫލްތައް ހުޅުވީ ގްރޭޑު 9-12ގެ ދަރިވަރުންނަށެވެ. ރާއްޖޭގެ އެހެން ހިސާބުތަކުގައި މިހާރު ވެސް ގެންދަނީ ސްކޫލްތައް ހުޅުވައިގެން، ހުރިހާ ގްރޭޑަކަށް ކިޔަވައިދެމުންނެވެ.
އެކަމަކު މާލެ ސަރަހައްދުގައި ކޮވިޑްގެ ހާލަތު ގޯސްވުމުން އޮގަސްޓް 9 ގައި، ސްކޫލްތައް އަނެއްކާވެސް ބަންދުކުރި އެވެ. ދޮޅު މަހަށް ފަހު ސްކޫލުތައް މި ހުޅުވީ، ބަލި ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށްވާން ފެށުމުންނެވެ.
ސްކޫލުތަކަށް ދަރިވަރުން ވައްދަނީ ހުން ބަލައި، އަތް ސެނެޓައިޒްކުރުމަށް ފަހު އެވެ. ކްލާސްރޫމުގައި ދަރިވަރުން ތިބެނީ ތިން ފޫޓުގެ ގައިދުރުކަން ބަހައްޓައިގެންނެވެ. ރައްކާތެރިކަމުގެ އެ ފިޔަވަޅުތަކާ ހެދި ސްކޫލްތަކާ ގުޅުން ހުރި ކްލަސްޓާއެއް މިހާތަނަށް ފެނިފައި ނުވާ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި މިިދިޔަ ބުދަދުވަހު ބޭއްވި މީޑިއާ ބްރީފިންގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ސްކޫލުތައް ބަންދުކޮށް، ކިޔަވައިނުދެވޭތީ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އެކަމުގެ އަސަރުތައް ދަރިވަރުންނަށް ކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ދަރިވަރުންގެ ސިއްހަތުގެ ރައްކާތެރިކަމަށް ފިޔަވަޅު އެޅިގެން "ސްކޫލަށް ގެނެސް ކިޔަވައިދެވެންޏާ، ތައުލީމީ ދާއިރާގައި އުޅޭ އެންމެން ވެސް ދަރިވަރުން ސްކޫލަށް ގެންނަން" ބާރު އަޅާނެ ކަމަށެވެ.