ކޮވިޑް-19އަށް މިއަދު ޕޮޒިޓިވްވީ 67 މީހުން
ކޮވިޑް-19އަށް މިއަދު ޕޮޒިޓިވްވީ 67 މީހުން

ކޮވިޑް-19އަށް މިއަދު 67 މީހަކު ޕޮޒިޓިވް ވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން އާއްމު ކުރި ތަފާސްހިސާބަށް ބަލާއިރު، މިއަދު ބަލި ޖެހިފައިވަނީ 58 ދިވެހިންނާއި ނުވަ ބިދޭސީންނަށެވެ.

މި އަދަދާ އެކު މިހާރު ރާއްޖޭން ޕޮޒިޓިވްވި މީހުންގެ އަދަދު ޖުމްލަ 10،465އަށް އެރީ އެވެ. އެކަމަކު އޭގެ ތެރެއިން 9،310 މީހުން ވަނީ މިހާރު ރަނގަޅުވެފަ އެވެ.

އެޗްޕީއޭން ބުނިގޮތުގައި ބަލި ޖެހުނު 73 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު 526 މީހަކު ވަނީ އައިސޮލޭޝަނުގައި ބައިތިއްބައިފަ އެވެ. ރަށްރަށަށް ބަލާއިރު، މީހުން ދިރިއުޅޭ 22 ރަށަކާއި 20 ރިސޯޓެއްގައި ބަލި ޖެހިފައިވާ މީހުން އެބަތިއްބެވެ. އެކަމަކު ރަށްރަށުގައި ގިނައީ، ހޯމް ކަރަންޓީނުގައި ތިބި މީހުންނެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ސިފައިންގެ ތަމްރީންތަކަކަށް ލ. ގަމަށް ދިޔަ 25 ސިފައިން ހިމެނެ އެވެ. އެ މީހުން ޕޮޒިޓިވްވި ކަން އެނގުނީ 14 ދުވަހުގެ ހޯމް ކަރަންޓީނަށް ފަހު ނެގި ސާމްޕަލްތަކުންނެވެ. އެކަމަކު އެ މީހުން ތިބީ، އާއްމުން ތިބޭ ސަރަހައްދާ ދުރުގައި ކަމުން، އޭގެ ނުރައްކާ އެހެން ބަޔަކަށް ނެތެވެ.

ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު މިހާރު ކުރިއާ އަޅާބަލާއިރު މަދުވެފައިވާތީ، ބައެއް ލުއިތައް އަންނަނީ ދެމުންނެވެ. އެގޮތުން ރޭގަނޑު ދިހައަކާ ހަމައަށް، އުޅަނދު ދުއްވޭ ގޮތަށް ރޭ ވަނީ ބަދަލުކޮށްފަ އެވެ.