03 އޮކްޓޯބަރ 2020 - 22:33

ނައިބު ރައީސް ފައިސަލް ނަސީމް، މީޑިއާތަކާ އެޗްއީއޯސީގައި މިއަދު ބައްދަލުކުރައްވައިފި އެވެ.
"ކޮވިޑް ހުއްޓުވާނީ އަހަރެން" ގެ ނަމުގައި ރާއްޖޭގެ މީޑިއާތަކުން ގުޅިގެން ކުރިއަށް ގެންދާ ކެމްޕެއިންގައި ބައިވެރިވާ މީޑިއާތަކުގެ މަންދޫބުންނާ ނައިބު ރައީސް ބައްދަލުކުރައްވައި ކޮވިޑް-19 އާ ގުޅޭ ގޮތުން ހޭލުންތެރިކުރަން މީޑިއާތަކުން ކުރަމުން އަންނަ މަސައްކަތަށް ޝުކުރު އަދާކުރެއްވި އެވެ.
ކޮވިޑާ ގުޅޭ ގޮތުން ހޭލުންތެރި ކުރާށާއި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަދި ސިއްހީ މަސައްކަތްތެރިންގެ އިރުޝާދުތައް އާންމުންނާ ހަމައަށް ގެނެސްދިނުމުގައި މީޑިއާތަކުން ބޮޑު ރޯލެއް އަދާ ކުރާ ކަމަށް ފައިސަލް ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މި ދުވަސްވަރު ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ މަދުވެފަ އެވެ. ނަމަވެސް ކޮވިޑުން ރައްކާތެރިވުމުގައި ފަރުވާ ކުޑަވެއްޖެ ނަމަ ބަލި ފެތުރުން އިިތުރުވުން އެކަށީގެންވާ ކަމަށާއި އެކަމާ ދެކޮޅަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި ބައިވެރިވާން ނައިބު ރައީސް އެދިވަޑައިގަތެވެ.
މި ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ނައިބު ރައީސް ދެއްވަމުން އަންނަ އެއްބާރުލުމަށް މީޑިއާތަކުން ވަނީ މި ބައްދަލުވުމުގައި ޝުކުރުއަދާ ކުރައްވާފަ އެވެ.