03 އޮކްޓޯބަރ 2020 - 18:37

އޮގަސްޓު މަހާ އަޅާ ބަލާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އެއާ ޓްރެފިކް މިދިޔަ މަހު ދަށްވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ވީއައިއޭ ހިންގަމުން އަންނަ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ނެރުނު ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު އެ އެއާޕޯޓުން ރިކޯޑުކޮށްފައި ވަނީ 730 މޫވަމްނަޓެވެ. އެއީ ބައިންއަގުވާމީ 426 މޫވަމަންޓާއި އެތެރޭގެ އުދުހުންތަކުގެ 304 މޫވަމަންޓެވެ. އޮގަސްޓު މަހު އެ އެއާޕޯޓުން ވަނީ 758 މޫވްމަންޓު ރެކޯޑުކޮށްފަ އެވެ.
މިދިޔަ މަހުގެ ފްލައިޓު މޫވަމަންޓުތައް މަދު ނަމަވެސް އޮގަސްޓު މަހާ އަޅާ ބަލާއިރު މިދިޔަ މަހު ވީއައިއޭގެ ޕެސެންޖާ ޓްރެފިކް ވަނީ އިތުރުވެފަ އެވެ. އެގޮތުން މިދިޔަ މަހު އެކި ގައުމުތަކުން 13،487 ފަސިންޖަރުން ރާއްޖެ ޒިޔާރަތް ކުރި އިރު އެކި ރަށްރަށުން ވީއައިއޭއަށް 3،892 ފަސިންޖަރުން ވަނީ އައިސްފަ އެވެ.
މީގެ އިތުރުން 13،739 މީހުން ރާއްޖޭން ބޭރަށް ގޮސްފައިވާއިރު ވީއައިއޭއިން އެކި ރަށްރަށަށް 3،743 މީހުން ގޮސްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.
ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު އަލުން ހުޅުވާލީ މިދިޔަ ޖުލައި މަހުގެ 15ގަ އެވެ. ބޯޑަރު ހުޅުވިފަހުން މިހާތަނަށް 27،563 މީހުން ވަނީ ރާއްޖެ އައިސްފައިވެ އެވެ.
ރާއްޖޭގެ ބޯޑަރު އަލުން ހުޅުވައި ރާއްޖެ އަންނަ މީހުން އިތުރު ކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން، ރިސޯޓުތައް ޓޫރިސްޓުންނަށް ހުޅުވާލައިފައިވާއިރު މި މަހުގެ 15 އިން ފެށިގެން ރަށްރަށުގެ ގެސްޓުހައުސްތައް ވެސް ހުޅުވާލާނެ އެވެ.
މީގެ އިތުރުން އެއް ފަހަރަށްވުރެ ގިނައިން ރާއްޖެއަށް އަންނަ ޓޫރިސްޓުން އިތުރު ކުރުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ އިމިގްރޭޝަނާއި ގުޅިގެން ބޯޑާ މައިލްސް ޕްރޮގްރާމެއް ވެސް ފަށައިފަ އެވެ.