03 އޮކްޓޯބަރ 2020 - 16:31

ނިއުކްލިއާ ހަތިޔާރު މަނާކުރާ އދ. ގެ މުއާހަދާގައި ގައުމުތަކުން ބައިވެރިވާން ރާއްޖެއިން މިއަދު ގޮވާލައިިފި އެވެ.
މިއަދު ފާހަގަކުރާ ނިއުކްލިއާ ހަތިޔާރު ނައްތާލުމާ ބެހޭ ބައިނަލްއަގްވާމީ ދުވަހާ ގުޅިގެން އދ. ގެ އާންމު މަޖިލީހަށް ވީޑިއޯ މެދުވެރިކޮށް ޝާހިދު ދެއްވި ތަގްރީރުގައި ވިދާޅުވީި ބައެއް ގައުމުތަކުގައި ނިއުކްލިއާ ހަތިޔާރު ހުރި ހުރުމާ މެދު ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށާއި އަދި ނިއުކްލިއާ ހަތިޔާރު މަނާކުރާ މުއާހަދާގައި ސޮއި ނުކުރާ ގައުމުތަކުން ވީހާ ވެސް އަވަހަށް އެ މުއާހަދާގައިި ސޮއިކުރަން ގޮވާލައްވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ އެއްވެސް ބާވަތެއްގެ ނިއުކްލިއާ ހަތިޔާރެއް ގެންގުޅުން ނުވަތަ އުފެއްދުމުގެ ވިސްނުމެއް ރާއްޖެއިން ނުގެންގުޅޭނެ ކަމަށާއި އޭގެ ހެއްކެއްގެ ގޮތުން ރާއްޖެއަކީ އދ. ގެ މުއާހަދާގެ ބައިވެރިއެއް ކަމަށް ވިދާޅުވި އެވެ. އަދި ބައިނަލްއަގްވާމީ ގޮތުންނާއި ސަރަހައްދީ ގޮތުން ހަމަޖެހުން ގެނައުމަށް ރާއްޖެއިން މަސައްކަތް ކުރާނެ ކަމަށް ވެެސް ޝާހިދު ވިދާޅުވި އެވެ.
ނިއުކްލިއާ ހަތިޔާރު އެއްކޮށް ނައްތާލާ އދ. ގެ މުއާހަދާ 2017 ވަނަ އަހަރު ފާސް ކުރިޔަސް، އެއަށް އަމަލުކުރަން ފަށަން ބޭނުންވާ މިންވަރަށް ގައުމުތަކުން އެ މުއާހަދާގައި ބައިވެރިނުވާތީ އަދިވެސް އަމަލެއް ނުކުރެވެ އެވެ. އެ މުއާހަދާ ތަންފީޒު ކުރެވޭނީ މަދުވެގެން 50 ގައުމަކުން ބައިވެރިވެގެން ކަމަށް ވާއިރު، މިހާތަނަށް ބައިވެރިވީ 46 ގައުމަކުންނެވެ.
އެ މުއާހަދާގައި އަލަށް ބައިވެރިވާ ގައުމުތަކުން އެއްވެސް ބާވަތެއްގެ ނިއުކްލިއާ ހަތިޔާރެއް އުފެއްދުން ނުވަތަ ގެންގުޅުން މަނާވާނެ އެވެ. އެކަމަކު ނިއުކްލިއާ ހަތިިޔާރު ހުރި ގައުމުތަކުން އެ މުއާހަދާގައި ބައިވެރިވާ ނަމަ، އެ ތަކެތި ނައްތާލަން ވަކި މުއްދަތެއް ލިބޭނެ އެވެ. ދުނިޔޭގެ ނިއުކްލިއާ ބޮޑެތި ބާރުތައް ކަމަށްވާ އެމެރިކާ އާއި ރަޝިއާ އާއި އިނގިރޭސިވިލާތާއި ޗައިނާ ފަދަ ގައުމުތަކުން އެ މުއާހަދާގައި ބައިވެރިއެއް ނުވެ އެވެ.