03 އޮކްޓޯބަރ 2020 - 12:57

ވޮޝިންޓަން (އޮކްޓޯބަރު 3) - ކޮވިޑް-19 އަށް ޕޮޒިޓިވްވި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ފަށައިފި އެވެ.
ވައިޓް ހައުސްގައި ކަރަންޓީނުގައި ހުންނެވި ޓްރަމްޕް ވަނީ މާސްކް އަޅުއްވައިގެން، ހެލިކޮޓަރުގައި ވޮޝިންޓަނުގެ ވޯލްޓާ ރީޑް މިލިޓަރީ ހޮސްޕިޓަލަށް ވަޑައިގެންފަ އެވެ. އެޑްމިޓް ކުރި ނަމަވެސް ޓްރަމްޕާއި އަނބިކަނބަލުން މެލަނިއާގެ ހާލު ރަނގަޅެވެ. ޓްރަމްޕުގެ ޑޮކްޓަރު ވިދާޅުވީ ރައީސް ކުޑަކޮށް ވަރުބަލިފުޅުވާ ކަމަށާއި ހުމުގެ އަސަރު ވެސް ކުޑަކޮށް އެބަހުރި ކަމަށެވެ. ނަމަވެސް އޮކްސިން ބޭނުންވާ ހާލަތަކަށް އަދި ނުދާ ކަމަށް ވިދާޅުވި އެވެ.
"ކުރިއަށް އޮތް ދުވަސްތަކުގައި" ހޮސްޕިޓަލްގައި ޓްރަމްޕް އޮންނެވި ނަމަވެސް ވޯލްޓާ ރީޑް ހޮސްޕިޓަލްގައި ގާއިމްކޮށްފައިވާ ރައީސްގެ އޮފީސްކޮޅުން ރައީސްގެ މަސްއޫލިއްޔަތުތައް އަދާ ކުރަމުން ގެންދާނެ ކަމަށް އޮފިޝަލުން ބުނެ އެވެ. ވައިޓް ހައުސްގެ ތަރުޖަމާން ވިދާޅުވީ ރައީސްގެ މަސައްކަތްތައް ނައިބް ރައީސް މައިކް ޕެންސްއާ ހަވާލު ކުރައްވާފައި ނުވާ ކަމަށެވެ.
ވައިޓް ހައުސްގެ ޑޮކްޓަރު ޝޯން ކޯންލީ ވިދާޅުވީ ފަރުވާއެއްގެ ގޮތުގައި ޓްރަމްޕަށް ދީފައި ވަނީ ރެޖެނެރޮން އެންޓިބޮޑީ ކޮކްޓެއިލްގެ އެއް ޑޯޒް ކަމަށެވެ. އެބޯލާ ބައްޔަށް އުފެއްދި ފަރުވާއެއް ކަމަށްވާ ރެމްޑެސިވިއާ ވެސް ޓްރަމްޕަށް ވަނީ ދީފަ އެވެ. އުމުރުން 74 އަހަރުގެ ޓްރަމްޕް ހިމެނެނީ ކޮރޯނާވައިރަހަށް ހައި-ރިސްކް ކެޓަގަރީގައި ކަމަށްވާތީ ޑޮކްޓަރުން ގެންދަވަނީ ރައްކާތެރިކަމުގެ ގޮތުން އެތައް ފިޔަވަޅެއް އަޅަމުންނެވެ.
"ޓްރަމްޕުގެ ހާލަތު ދަނީ ޑޮކްޓަރުންގެ ޚާއްސަ ޓީމަކުން ބަލަމުން،" ކޯންލީ ނެރުއްވި ބަޔާނުގައި ބުނެފައިވެ އެވެ.
ޓްރަމްޕް ޕޮޒިޓިވްވި އިރު ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް ވަނީ މަހަކަށްވެފަ އެވެ. އަދި ޓްރަމްޕުގެ ކެމްޕޭނުގެ ގިނަ މަސައްކަތްތަކެއް މިހާރު ވަނީ މަޑުޖައްސާލައިފަ އެވެ.