ޕޮލިހަށް ހުށަހަޅާ މައްސަލަތައް ކުރިއަށްދާ ގޮތް އެސްއެމްއެސް އިން އަންގަނީ
ޕޮލިހަށް ހުށަހަޅާ މައްސަލަތައް ކުރިއަށްދާ ގޮތް އެސްއެމްއެސް އިން އަންގަނީ

ފުލުހުންނަށް އހުށަހަޅާ މައްސަލަތަކުގެ ތަހުގީގު ކުރިއަށްދާ ގޮތް އެސްއެމްއެސް މެދުވެރިކޮށް، އެ މައްސަލައެއް ހުށަހެޅި ފަރާތަކަށް ލިބޭނެ ގޮތް ފުލުހުން މިއަދު ހަމަޖައްސައިފި އެވެ.

ފުލުހުންގެ ވެބްސައިޓުގައި ބުނެފައިވާގޮތުގައި، މައްސަލަ ހުށަހަޅާ ފަރާތަށް އެ މައްސަލައެއް ހުށަހެޅިކަން އެންގުމާއި މައްސަލަ ބަލާ އޮފިސަރުގެ މައުލޫމާތާއި ގުޅޭނެ ނަންބަރު ފަދަ މައުލޫމާތު ވެސް އެސްއެމްއެސް މެދުވެރިކޮށް ދޭނެ އެވެ.

މައްސަލައެއްގެ ތަހުގީގު ނިންމައި ދައުވާކުރަން ފޮނުވުމުން ނުވަތަ ދައުވާކުރެވޭ ވަރަށް ހެކި ނެތުމުގެ ސަބަބުން އެ މައްސަލައެއް ފައިލްކުރުމުން ވެސް، އެ މައްސަލައެއް ހުށަހެޅި މީހަކަށް އެސްއެމްއެސް މެދުވެރިކޮށް އަންގާނެ ކަމަށް ވެބްސައިޓުގައި ބުނެފައިވެ އެވެ.

ފުލުހުންގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޑައިރެކްޓަރޭޓްގެ ހެޑް، އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ފަރުހާދު ފިކުރީއާ ހަވާލާދީ ބުނެފައި ވަނީ ފުލުހުންނަށް ހުށަހަޅާ މައްސަލަތައް ކުރިއަށްދާ ގޮތުގެ މައުލޫމާތު ނުލިބޭ ކަމުގެ ޝަކުވާ އަބަދުވެސް އަންނަ ކަމަށެވެ. މިއަދު ތައާރަފްކުރި ހިދުމަތުން މި މައްސަލަ އަށް ހައްލެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފިކުރީ ވިދާޅުވެފައި ވަނީ ފުލުހުންގެ ހިދުމަތުގައި ޓެކްނޮލޮޖީގެ ދައުރު ފުޅާކޮށް އާންމުންގެ ކަންބޮޑުވުންތައް ކުޑަކުރުމަށް ކުރިއަށް އޮތް ތަނުގައި ވެސް މަސައްކަތްތައް ކުރާނެ ކަމަށެވެ.