ހަނިމާދޫ އަތުން އޭދަފުށި މޮޅުވިއިރު ފޭދޫ އަށް ފަސޭހަ މޮޅެއް
ހަނިމާދޫ އަތުން އޭދަފުށި މޮޅުވިއިރު ފޭދޫ އަށް ފަސޭހަ މޮޅެއް

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި އިއްޔެ ހދ. ހަނިމާދޫ އަތުން 4-2 އިން ބ. އޭދަފުށި މޮޅުވިއިރު ގއ. ދެއްވަދޫ އަތުން ޗެމްޕިއަން ސ. ފޭދޫ ފަސޭހަކަމާ އެކު 5-0 އިން މޮޅުވެއްޖެ އެވެ.

ދ. ކުޑަހުވަދޫގައި ކުރިއަށްދާ ގްރޫޕް އޭގެ މެޗުން އިއްޔެ ހަވީރު ފޭދޫ ތަފާތު ބޮޑުކޮށް މޮޅުވިއިރު ލަނޑު ޖަހައިދިނީ އިބްރާހިމް އިފާނާއި އިބްރާހިމް މުހައްމަދާއި އަހުމަދު ތޮލާލާއި އިބްރާހިމް މަހުދީ އެވެ. އެ ޓީމުގެ އަނެއް ލަނޑަކީ ދެއްވަދޫ ޓީމުގެ އަބްދުﷲ ނަސީރު އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

މި ގްރޫޕުގެ ފުރަތަމަ މެޗުން އދ. މަހިބަދޫ އަތުން 1-0 އިން ކުޑަހުވަދޫ ވަނީ މޮޅުވެފަ އެވެ.

ތ. ތިމަރަފުށީގައި ކުރިއަށްދާ ގްރޫޕް ބީ ގެ މެޗުން އިއްޔެ ހަނިމާދޫ އަތުން އޭދަފުށީ މޮޅުވީ ފަހަތުން އަރަ އެވެ. މި މެޗުގެ 10 ވަނަ މިނެޓުގައި އޭދަފުށްޓަށް ލީޑު ނަގައިދިނީ އިޝާން އިބްރާހިމެވެ. އޭގެ ފަހުން ހަނިމާދޫ ފަހަތުން އަރައި ލީޑު ނެގީ އާސިރު ޝަލީމާއި ނޫރުﷲ ތޯހާގެ ލަނޑުންނެވެ. އޭދަފުށި މޮޅުވީ އަޒްމީން އަބްދުއްސައްތާރު ޖެހި ދެ ގޯލާއި އިޝާން އިބްރާހިމްގެ ގޯލުންނެވެ.

މި މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލް އޮންނާނީ އަންނަ މަހު ހަތް ވަނަ ދުވަހު ކުޑަހުވަދޫގަ އެވެ. އެ މެޗުގައި ބައްދަލުކުރާނީ ގްރޫޕް އެކެއްގެ އެއް ވަނަ ޓީމާއި ގްރޫޕް ދޭއްގެ ދެ ވަނަ ޓީމެވެ. ދެ ވަނަ ސެމީ ފައިނަލް އަންނަ މަހު އަށް ވަނަ ދުވަހު އޮންނާނީ ތިމަރަފުށީގަ އެވެ. އެ މެޗުގައި ބައްދަލުކުރާ ގްރޫޕް ދޭއްގެ އެއް ވަނަ ޓީމާއި އެކެއްގެ ދެ ވަނަ ޓީމެވެ.

މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ މަހު 10 ވަނަ ދުވަހުގެރޭ މާލޭގަ އެވެ.