03 އޮކްޓޯބަރ 2020 - 09:31

ވޮޝިންޓަން (އޮކްޓޯބަރު 2) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން، ކުރިމަގުގައި ވާނެ ގޮތަކާ މެދު ވަރަށް ގިނަ ސުވާލުތައް ދަނީ އުފައްދަމުންނެވެ.

އެންމެ ބޮޑު ސުވާލަކީ އިންތިޚާބަށް މަހަކަށްވެފައި ވަނިކޮށް، ޓްރަމްޕް އާލާސްކަންފުޅާ އުޅުއްވަން ޖެހުމުން ނޮވެމްބަރު 3 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެއްވޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ ދެން ހަދާނީ ކިހިނެއްތޯ އެވެ. ޓްރަމްޕުގެ ހާލުކޮޅު އެހާ ސީރިއަސް ނުވި ނަމަވެސް ބައެއް މީހުންގެ ސިކުނޑީގައި ދަނީ ކަންތައް ވެދާނެ ގޮތުގެ ސުވާލުތައް އުފައްދަމުންނެވެ.

ރައީސްގެ މަސްއޫލިއްޔަތު އުފުއްލަވަން ޓްރަމްޕް ނުކުޅެދިއްޖެ ހާލަތެއްގައި ރިޔާސީ ވާޖިބްތަކާ ހަވާލުވެވަޑައިގަންނަވާނީ، ގާނޫނު އަސާސީގެ 25 ވަނަ އިސްލާހު ބުނާ ގޮތުން، ނައިބް ރައީސް މައިކް ޕެންސެވެ. ރައީސް ފިޓްވުމުން އަލުން މަސްއޫލިއްޔަތާ ހަވާލުވެވޭނެ އެވެ. ރައީސްކަމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ޕެންސް ނުކުޅެދިއްޖެ ނަމަ، ޕްރެޒިޑެންޝަލް ސަކްސެޝަން އެކްޓްގައި ބުނާ ގޮތުން އެ ވާޖިބްތަކާ ހަވާލުވާން ޖެހޭނީ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރައީސާ ނެންސީ ޕެލޯސީ އެވެ. އެ ރޯލް އަދާކުރުމަށް އެކަމަނާ ވެސް ނުކުޅެދިއްޖެ ނަމަ ދެން އެ ވާޖިބުތައް ހަވާލު ކުރާނީ ސީނިއާ ރިޕަބްލިކަން ސެނެޓާ 87 އަހަރުގެ ޗާލްސް ގްރާސްލީ އަށެވެ.
ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ޓްރަމްޕް ކަމަށް ރަސްމީކޮށް ހަމަޖައްސާފައިވުމުން، ޓްރަމްޕަށް ވާދަ ނުކުރެއްވޭ ނަމަ، ޕާޓީގެ ކެންޑިޑޭޓަކަށް އޮޓޮމެޓިކުން ޕެންސް ނުވެވޭނެ އެވެ. ޕާޓީގެ ގަވާއިދު ބުނާ ގޮތުން އާ ރިޔާސީ ކެންޑިޑޭޓަކު ހޮވަން ޖެހޭނީ 168 މެންބަރުން ހިމެނޭ ރިޕަބްލިކަން ނޭޝަނަލް ކޮމިޓީ (އާރްއެންސީ) އިންނެވެ. އެ ހާލަތުގައި އެންމެ ގާތް ކެންޑިޑޭޓަކީ ޕެންސް އެވެ.
އާރްއެންސީން އާ ކެންޑިޑޭޓަކު ހޮވައިފި ނަމަ އާ ރަނިން މޭޓަކު ޕާޓީން ކަނޑައަޅަންވާނެ އެވެ. ރިޕަބްލިކަން އަދި ޑިމޮކްރެޓިކް ޕާޓީން ވެސް އަދި މިހާތަނަށް ޕާޓީގެ ރަސްމީ ކެންޑިޑޭޓް ބަދަލުކޮށްފައެއް ނުވެ އެވެ.
ރައީސް ރޮނަލްޑް ރޭގަންގެ ކެންސަރުގެ އޮޕަރޭޝަނެއް ކުރައްވަން ހޮސްޕިޓަލްގައި އެޑްމިޓް ކުރުމާ ގުޅިގެން، 1985 ވަނަ އަހަރު ވަނީ ރައީސްގެ މަސްއޫލިއްޔަތުތައް އޭރުގެ ނައިބް ރައީސް ޖޯޖް އެޗްޑަބްލިއު ބުޝްއާ ހަވާލު ކުރައްވައިފަ އެވެ.
ދެހާސް ދެ ވަނަ އަހަރު އަދި 2007 ވަނަ އަހަރު ޖޯޖް ޑަބްލިއު ބުޝްގެ ކޮލޮނޮސްކޯޕީއެއް ހަދަން ހޭފުޅު ނައްތަވަން ޖެހުމުން ރައީސްގެ މަސްއޫލިއްޔަތުތައް ވަނީ ނައިބް ރައީސްއާ ހަވާލު ކުރައްވައިފަ އެވެ.
ޓްރަމްޕް ޕޮޒިޓިވްވުމާ ގުޅިގެން މަދުވެގެން 10 ދުވަހު ކަރަންޓީނުގައި ހުންނަވަން ޖެހޭނެ އެވެ. އެހެންވެ ކެމްޕޭނުން މުހިންމު ދުވަސްތަކެއް ގެއްލޭނެ އެވެ. އެކަމަކު އިންތިޚާބު ފަސްކުރުމުގެ އެއްވެސް ބާރެއް ރައީސް އަށް ލިބިވަޑައިގެންފައެއް ނުވެ އެވެ. އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ގާނޫނު ބުނާ ގޮތުން ކޮންމެ ހަތަރު އަހަރަކުން އެއް ފަހަރު އިންތިޚާބު ބާއްވަން ޖެހޭނީ ނޮވެމްބަރު މަހުގެ ފުރަތަމަ ހޯމަ ދުވަހާ ޖެހިގެން އަންނަ އަންގާރަ ދުވަހު އެވެ. މި އަހަރު އެ ތާރީޚް ދިމާވަނީ ނޮވެމްބަރު 3 ވަނަ ދުވަހާ އެވެ.
ރިޔާސީ އިންތިޚާބުގެ ތާރީޚް ބަދަލު ކުރެވޭނީ ގާނޫނު ހަދާ މަޖިލީހަށް އެކަންޏެވެ. ތާރީޚް ބަދަލު ކުރުމަށް ކޮންގްރެސްގެ ދެ ގޭގެ ވެސް އަޣްލަބިއްޔަތު ބޭނުންވާނެ އެވެ. ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު އޮންނަނީ ޑިމޮކްރެޓިކް ޕާޓީ އަށް ކަމަށްވުމުން އިންތިޚާބު ފަސް ކުރުމަކީ ނާދިރު ކަމެކެވެ.
އިންތިޚާބު ފަސްކުރި ނަމަވެސް، އެމެރިކާގެ ގާނޫނު އަސާސީ ބުނާ ގޮތުން ރިޔާސީ ދައުރެއްގެ މުއްދަތަކީ ހަތަރު އަހަރެވެ. އެހެންވެ ޖެނުއަރީ 20، 2021 ގެ ފަހުން ޓްރަމްޕަށް ވެރިކަމުގައި ނުހުންނެވޭނެ އެވެ. އެ ތާރީޚް ބަދަލު ކުރެވޭނީ އެމެރިކާގެ ގާނޫނު އަސާސީ އަށް ބަދަލު ގެނެސްގެންނެވެ. ގާނޫނު އަސާސީ ބަދަލު ކުރެވޭނީ ގާނޫނު ހަދާ މަޖިލީހުގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތާއި ސްޓޭޓްތަކުގެ ހަތަރު ބައިކުޅަ ތިންބައި އަޣުލަބިއްޔަތުންނެވެ.