03 އޮކްޓޯބަރ 2020 - 05:56

މިޑްފީލްޑަރެއްގެ މަގާމުގައި ފުޓްބޯޅަ ކުޅުމުގެ ކެރިއަރު ހޭދަކުރި ޕެޕް ގާޑިއޯލާ އެންމެ ފަހުން ކުޅުނު ކްލަބަކީ މެކްސިކޯގެ ޑޮރަޑޮސް ޑި ސިނަލޯ އެވެ. ގާޑިއޯލާ 2006 ވަނަ އަހަރު އެ ޓީމަށް ކުޅުނުއިރު އޭނާ އަށް މާސެލޯ ބިއެލްސާގެ ފުޓްބޯޅައިގެ ވާހަކަތައް އޮތީ އިވިފަ އެވެ. ދެކުނު އެމެރިކާ ސަރަހައްދުގައި ފުޓްބޯޅައިގެ ރޮނގުން ބިއެލްސާ އަށް ކުރާ ތައުރީފުތައް އިވި ގާޑިއޯލާ ހުރީ ބިއެލްސާއާ ބައްދަލުކުރަން ނުހަނު ބޭނުންވެފަ އެވެ.

ފުރުސަތު ފަހިވުމާ އެކު 5000 މޭލު ދުރަށް ދަތުރުކޮށް އާޖެންޓީނާ އަށް ދަތުރުކޮށް ގާޑިއޯލާ ވަނީ ބިއެލްސާއާ ބައްދަލުކޮށްފަ އެވެ. އެކަން ކުރަން ގާޑިއޯލާ ބޭނުންވީ ފުޓްބޯޅަ ކުޅުން ހުއްޓާލުމަށް ފަހު ކޯޗަކަށްވާން ކުރާ މަސައްކަތަށް ބިއެލްސާގެ ކިބައިން ހިޔާލުތަކެއް ހޯދުމަށެވެ. އޭރު ބިއެލްސާ ހުރީ އާޖެންޓީނާ ކޯޗުކަން ދޫކޮށްލިތާ ދެ އަހަރުވީ އިރުވެސް ޓީމަކާ ހަވާލުނުވެ ފުޓްބޯޅައިގެ ކޮންސަލްޓެންސީގެ އެކި ކުދި ކުދި ޕްރޮޖެކްޓްތައް ހިންގާށެވެ. ގާޑިއޯލާ ބައްދަލުކުރާން ބޭނުންވުމުން ބިއެލްސާ އެކަން ކޮށްދިނީ ވެސް ފުޓްބޯޅަ އަށް ކޮށްދޭ މަސައްކަތެއްގެ ގޮތުގަ އެވެ.

އާޖެންޓީނާގެ ބީނޯސް އޭރީޒްގައި ހުންނަ ބިއެލްސާގެ ގެޔަށް ގާޑިއޯލާ އާއި އެ މީހުންގެ އެކުވެރި ލިޔުންތެރިޔާ އަދި ފިލްމް ޑިރެކްޓަރު ޑޭވިޑް ޓްރޫބާ ގެންގޮސް ބިއެލްސާ ވަނީ ފުޓްބޯޅައިގެ ގިނަ ވާހަކަތަކެއް ކިޔައިދީފަ އެވެ. ބިއެލްސާގެ ޑޮކިއުމެންޓްރީގައިވާ ގޮތުން އެ ބައްދަލުވުން 11 ގަޑިއިރަށް ދިގުދެމިގެންދިޔަ އެވެ.
"އަހަރެން ދުވަހަކު ވެސް އެ ވަގުތުތައް ހަނދާނެއް ނުނެތޭނެ. އަހަރެންނަކީ އޭރު އެއްވެސް މީހެއް ނޫން. ހަމައެކަނި ފުޓްބޯޅައިގެ ޝައުގުވެރިކަން ހުރި މީހެއް. މާ މަޝްހޫރު ކުޅުންތެރިއެއް ވެސް ނޫން. އެކަމަކު ބިއެލްސާ އަށް އެނގިފައިހުރި ފުޓްބޯޅައިގެ އިލްމުތައް އަހަރެން އަހަން ބޭނުންވި ވަރަކަށް ކިޔައިދިން. އޮޅުންފިލުވަން ބޭނުންވި ކޮންމެ ސުވާލަކަށް ޖަވާބުދިން. ފުޓްބޯޅައިގައި އަހަންނަށް އެ ދުވަހު ވަރަށް ގިނަ މައުލޫމާތު ލިބުނު،" ގާޑިއޯލާ ބުންޏެވެ.
އެ ބައްދަލުވުން ނިންމާލުމަށް ފަހު ގާޑިއޯލާ ހިތުން ނިންމައިގެން ދިޔައީ ވީ އެންމެ އަވަހަކަށް ފުޓްބޯޅަ ކޯޗިންގެ ތެރެއަށް ވަންނާށެވެ. ބަރާބަރު އަހަރެއްވީތަނުން ގާޑިއޯލާ ވަނީ ބާސެލޯނާ ބީ ޓީމާ ހަވާލުވެފަ އެވެ. ބީ ޓީމުގައި އޭނާ ކުރި މަސައްކަތް ރަނގަޅުވެ 2008 ވަނަ އަހަރު ބާސެލޯނާ ޓީމުގެ ކޯޗުކަން ގާޑިއޯލާ އަށް ދިނެވެ. ބާސެލޯނާގައި ގާޑިއޯލާ ހޭދަކުރި ހަތަރު އަހަރުގައި އެ ޓީމުން ދުނިޔޭގެ ފުޓްބޯޅައިގައި ރަސްކަން ކުރިއިރު، ގާޑިއޯލާ ވަނީ ބިއެލްސާ ކިޔައިދިން ވަރަށް މުހިއްމު އުސޫލެއް ހިފަހައްޓައިފަ އެވެ. އެއީ 2017 އާންމުކުރި ބިއެލްސާގެ ފޮތް "ކޯޗިން ބިލްޑް އަޕް ޕްލޭ އެގެއިންސް ހައި ޕްރެސިން ޓީމްސް" ގައި ހިމަނާފައިވާ ބިއެލްސާގެ ހާއްސަ ޓެކްޓިކަލް ޕްލޭން އެވެ.
"ބޯޅަ ހިފަހައްޓަންވީ އިދިކޮޅު ޓީމު ވަރުބަލިކޮށްލުމުގެ ބޭނުމުގައި. އިދިކޮޅު ޓީމު ބޯޅަ ހިފަހައްޓާއިރު ވެސް އެ ޓީމު ވަރުބަލިކޮށްލަންވީ ދަނޑުގެ އެކި އޭރިއާތަކުގެ ސްޕޭސް ކޮންޓްރޯލްކޮށްގެން. ބޭނުމަކީ އަބަދުވެސް ސިކުނޑީގައި ކޮންޓްރޯލް އޮތްކަން ދެނެގަތުން،" މިއީ ބިއެލްސާގެ އެ ފޮތުގައިވާ މުހިއްމު ބައެކެވެ.
ބިއެލްސާގެ މި ޕްރެސްކުރުމާއި ޕާސް ކުރުމުގެ ވައްޓަފާޅި ގާޑިއޯލާގެ ޓީމުތައް ކުޅޭއިރު ވަރަށް ބޮޑަށް ފެންނަކަން ފުޓްބޯޅަ ދިރާސާކުރާ ގިނަ ފަރާތްތަކުން ބުނެ އެވެ. ގާޑިއޯލާ ބުނީ ބިއެލްސާގެ ކިބައިން ފުޓްބޯޅައިގެ އެކި ސިސްޓަމްތަކުގެ އިތުރުން އޭނާ އަށް ދަސްވި އަނެއް ކަމަކީ ކުޅުންތެރިންނާ ގާތްގުޅުމެއް ބަހައްޓާއި ޓީމެއްގެ ގޮތުގައި ކުޅުންތެރިން ބެލެހެއްޓުން ކަމަށެވެ.
"ގެޔަށް ދިޔައީމަ ކުޅުންތެރިއެއްގެ ފަރާތުން ފޯން ކޯލެއް ނޫނީ މެސެޖެއް ލިބިފައި އޮތީމަ ޔަގީންވާ ކަމަކީ އެ ކުޅުންތެރިއަކަށް ބޮޑު ކަމެއް ކޮށްދެވިއްޖެއޭ. އެއީ އެންމެ ބޮޑު ތަށްޓަކީ. ޗެމްޕިއަންސް ލީގާއި ޕްރިމިއާ ލީގާއި އެ ނޫން ވެސް ތަށްޓެއްގެ ވާހަކައެއް ނޫން. އެ ކުރާ ކަމެއްގެ އިތުބާރު ދިނުމާއި ޓީމުވަންތަ ލޯބި ދެމެހެއްޓުން. އެ ހުނަރު ބިއެލްސާގެ ކިބައިގައި ކޮޅެން ނެތް މިންވަރަށް އެބަހުރި،" ގާޑިއޯލާ ބުންޏެވެ.
މިހާތަނަށް ގާޑިއޯލާ އާއި ބިއެލްސާގެ ޓީމުތައް ވަނީ ތިން ފަަހަރެއްގެ މަތިން ކުރިމަތިލާފަ އެވެ. އެއީ ގާޑިއޯލާ ބާސެލޯނާއާ ހަވާލިވެހުރި ފަހު ސީޒަން ކަމަށްވާ 2011-12 ގަ އެވެ. ބިއެލްސާ އޭރު ހުރީ އެތުލެޓިކް ބިލްބާއޯގެ ކޯޗަކަށެވެ. އޭގެ ތެރެއިން ފުރަތަމަ މެޗުގައި ބިލްބާއޯ ދަނޑުގައި 2-2 އިން އެއްވަރުވިއިރު، ބާސެލޯނާ ދަނޑުގައި ވަނީ 2-0 އިން މޮޅުވެފަ އެވެ. ދެން ކުޅުނު މެޗަކީ ބާސެލޯނާ އަށް ގާޑިއޯލާ އިރުޝާދުދިން ފަހު މެޗެވެ. އެއީ އެ ފަަހަރުގެ ކޮޕަ ޑެލް ރޭ ފައިނަލުގައި ބިލްބާއޯ އަތުން 3-0 އިން ބާސެލޯނާ މޮޅުވި މެޗެވެ.
މި ފަހަރުގެ ސީޒަނުގައި ބިއެލްސާގެ ލީޑްސްގެ ފުރަތަމަ ފެނިލުން ވެސް ތަފާތެވެ. ލީޑްސް އަތުން ލީގުގެ ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލަށް އަމިއްލަ ދަނޑުގައި މޮޅުވެވުނީ އަމިއްލަ ދަނޑުގައި ކިރިޔާ އެވެ. އޭގެ ފަހުން ލީޑްސް ކުޅުނު ދެ މެޗުން ވަނީ މޮޅުވެފަ އެވެ. ބިއެލްސާ ބުނީ މިރޭ ސިޓީއާ ދެކޮޅަށް ކުޅެން ޖެހުނު ކަމަށްވިޔަސް އެ ޓީމުގެ ސްޓައިލަށް ބަދަލެއް ނާންނާނެ ކަމަށެވެ.
ގާޑިއޯލާ ބުނީ އޭނާގެ ކޯޗިން ކެރިއަރުގައި ބިއެލްސާ އަށް ވުރެން ގިނަ ތަށި ލިބުނު ކަމަށްވިޔަސް ފުޓްބޯޅައިގެ ކަންކަމުން އަދިވެސް އޭނާ އޮތީ ބިއެލްސާ އަށް ވުރެން ފަހަތުގައި ކަމަށެވެ. ބިއެލްސާ އަށް މިހާތަނަށް ލިބިފައިވަނީ ތިން ލީގު ތަށްޓެވެ. ގާޑިއޯލާ ވަނީ އޭނާ ކޯޗުކޮށްދިން ތިން ކްލަބްގައި 24 ތަށި އުފުލާލައިފަ އެވެ.
"އަހަރެން ދެކޭ ގޮތުގައި އަޅާކިޔަންވީ ހޯދާފައިވާ ތަށިތަކަށް ބަލައިގެނެއް ނޫން. އަހަރެންގެ ނަޒަރުގައި ކޯޗުންގެ ފުޓްބޯޅައިގެ އިލްމާއި އެހެން ހުންނަ ކަންކަން ވެސް ވަރަށް މުހިއްމު. ތެެދެއް އަަހަރެންގެ ޓީމުތައް ވަރަށް ގިނަ ތަށި ހޯދައިފި އޭނާ (ބިއެލްސާ) އަށް ވުރެން ގިނައިން. އެކަމަކު ފުޓްބޯޅައިގެ އިލްމާއި ރޭވުންތެރިކަމާ އެ ފަދަ ކަންކަމަށް ބަލާއިރު އަހަންނަށް ވުރެ އޭނާ އުޅެނީ މާ އުހުގައި،" ގާޑިއޯލާ ބުންޏެވެ.
"އަހަންނަށް ކޯޗިންގައި ފެށުން ރަނގަޅުވުމުގެ އެންމެ ބޮޑު ކްރެޑިޓެއް ހައްގުވާ އެއް ފަރާތަކީ ބިއެލްސާ."
ޕްރިމިއާ ލީގުގެ ތަށި ދެ ފަހަރަށް އުފުލާލާފައިވާ ގާޑިއޯލާ ބުނީ ސާޅީސް އަހަރުގެ ކޯޗިން ތަޖުރިބާ ލިބިފައިވާ ބިއެލްސާ އަކީ އިނގިރޭސި ފުޓްބޯޅަ އަށް ލިބުނު "ހަދިޔާ"އެއް ކަމަށާއި އޭނާގެ ކިބައިން އިނގިރޭސި ފުޓްބޯޅަ އަށް ގިނަ ކަންތައްތަކެއް ދަސްވެ ގިނަ ކުޅުންތެރިންތަކެއް ބޮޑު ކުރިއެރުންތަކެއް ހޯދާނެ ކަމަށެވެ.
ބިއެލްސާ ކޯޗިން ކެރިއަރު ފެށީ 1980 ވަނަ އަހަރު އާޖެންޓީނާގެ ނެވެލްސް އޯލްޑް ބޯއީސްގެ ޔޫތު ކޯޗެއްގެ ގޮތުގަ އެވެ. އެ އަށް ފަހު 18 އަހަރު އާޖެންޓީނާ އާއި މެކްސިކޯގެ އެކި ކްލަބްތަކުގައި މަސައްކަތްކުރުމަށް ފަހު ޔޫރަޕުން އޭނާ ފުރަތަމަ ހަވާލުވީ 1998 ވަނަ އަހަރު އެސްޕަންޔޯލްއާ އެވެ. އެކަމަކު އެސްޕަންޔޯލާ ހަވާލުވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އާޖެންޓީނާ ގައުމީ ޓީމާ ހަވާލުވުމުގެ ފުރުސަތު ލިބުމުން އޭގެ ބޭނުންހިފި އެވެ.
އާޖެންޓީނާ އަށް 2004 ވަނަ އަހަރާ ހަމައަށް ކޯޗުކޮށްދިނުމަށް ފަހު ދެން ފުޓްބޯޅަ ކޯޗިން އިން ތިން އަހަރުގެ ބްރޭކެއް ނަގައި އެހެން ޕްރޮޖެކްޓްތަކެއްގައި މަސައްކަތްކުރުމަށް ފަހު ދެން އޭނާ ހަވާލުވީ 2007 ވަނަ އަހަރު ޗިލާއާ އެވެ. ޗިލީ ދޫކޮށް 2011 ވަނަ އަހަރު އެތުލެޓިކް ބިލްބާއޯއާ ހަވާލުވެ ދެ އަހަރު އެ ޓީމާ އެކު ރަނގަޅު މަސައްކަތްތަކެއް ކުރި އެވެ. އޭގެ ފަހުން 2014 ވަނަ އަހަރު ފްރާންސްގެ މާސޭ އަށް ކުރު މުއްދަތަކަށް ކޯޗުކޮށްދިނެވެ. ފަހުން ފްރާންސްގެ ލިލް އަށް ކޯޗުކޮށްދިނުމަށް ފަހު އޭނާ ލީޑްސް އަށް ގެނައީ 2018 ވަނަ އަހަރު އެވެ. އޭނާ ލީޑްސް މި ފަހަރު ޕްރިމިއާ ލީގަށް ޕްރޮމޯޓްކޮށްދިނީ ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަންގެ ހައިސިއްޔަތުންނެވެ.
ކޯޗިންގައި ކުރިއަށްދާން މަޝްހޫރު ގިނަ ކޯޗުންނަށް ބިއެލްސާ ވަނީ އެހީތެރިވެދީފަ އެވެ. އޭގެ ތެރޭގައި ޓޮޓެންހަމް ހޮޓްސްޕާްސްގެ ކުރީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ އަދި އެތުލެޓިކޯ މެޑްރިޑްގެ ކޯޗު ޑިއޭގޯ ސިމިއޯނީ ހިމެނެ އެވެ.
ލީޑްސްގެ އެލަން ރޯޑްގައި މިރޭ ސިޓީއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 21:30 ގަ އެވެ.