ކޮވިޑަށް 44 މީހުން ޕޮޒިޓިވް، 26 މީހުން ބަލިން ރަނގަޅުވެއްޖެ
ކޮވިޑަށް 44 މީހުން ޕޮޒިޓިވް، 26 މީހުން ބަލިން ރަނގަޅުވެއްޖެ

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑަށް ޓެސްޓުކުރި 1،519 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވެފައި ވަނީ 44 މީހުން ކަމަށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.

އެ އެޖެންސީން ބުނީ، އިއްޔެ ހަވީރު 6:00 ން މިއަދު ހަވީރު 6:00 އާ ހަމައަށް 38 ދިވެހިންނާއި ހަ ބިދޭސީއަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެ މީހުންނާ އެކު، ރާއްޖެ އިން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 10،398 އަށް އަރައިފަ އެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި، މާލެ ސަރަހައްދުން 40 މީހުންނާއި ރަށްރަށާއި ރިސޯޓުތަކުން ހަތަރު މީހުން ހިމެނެ އެވެ.

ބަލިން 26 މީހަކު ރަނގަޅުވެފައިވާތީ މިހާރު ކޮވިޑަށް ފަރުވާ ހޯދަމުން އަންނަނީ 1،144 މީހުންނެވެ. އޭގެ ތެރެއިން 79 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާ ދެ އެވެ. އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބި މީހުންގެ އަދަދު ވެސް ވަނީ 573 އިން 516 އަށް މަދުވެފަ އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި މިދިޔަ މަހުގެ 24 ވަނަ ދުވަހު ބޭއްވި މީޑިއާ ބްރީފިންގައި، ޕަބްލިކް ހެލްތު އެކްސްޕާޓް، ޑރ. ޝީނާ މޫސާ ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވްވާ އަދަދު މަދުވަމުން ދިޔަސް ގްރީން ޒޯނަށް ނުވަތަ ރައްކާތެރިކަމުގެ ފިޔަވަޅުތައް ދޫކޮށްލާ ހިސާބަށް އަދި ނުދާ ކަމަށެވެ.

އޭނާ ވިދާޅުވީ ނަމްބަރުތައް ދަށްވަމުންދާތީ އެއީ ބަލި ކޮންޓްރޯލްވީ ކަމަށް ދެކި ބައެއް މީހުން ސުވާލު އުފައްދާ ކަމަށެވެ. ނަމަވެސް އިންޑިކޭޓާސްތަކަށް ބަލާއިރު އަދި ގްރީން ޒޯނަށް ނުދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެއްވެސް ކްލަސްޓާއަކާ ނުގުޅޭ ކޭސްތައް ކޮންމެވެސް ވަރަކަށް މަދުވުމުގެ މާނައަކީ ބަލި ފެތުރޭ ނިސްބަތް މަދުވުން ކަމަށް ޑރ. ޝީނާ ފާހަގަކުރެއްވި އެވެ. އެކަމަކު، އެ ސްޕީޑު ހުރީ ބޭނުންވާ ވަރުގަައި ނޫން ކަމަށާއި އެއީ ގިނަ ބަޔަކަށް ރައްކާތެރިކަމުގެ ފިޔަވަޅު މަތީގައި ރަނގަޅަށް ހިފަހައްޓާނުލެވޭތީ ކަމަށް އޭނާ ވިދާޅުވި އެވެ.