ރާއްޖޭގެ އިގުތިސާދަށް މިވަރުގެ ލޮޅުމެއް އައީ ހަމައެކަނި ޓޫރިޒަމަށް ބަރޯސާވުމުން: ޝާހިދު
ރާއްޖޭގެ އިގުތިސާދަށް މިވަރުގެ ލޮޅުމެއް އައީ ހަމައެކަނި ޓޫރިޒަމަށް ބަރޯސާވުމުން: ޝާހިދު

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް މިވަރުގެ ލޮޅުމެއް އައީ ހަމައެކަނި ޓޫރިޒަމް ދާއިރާ އަށް ގައުމުގެ އިގުތިސާދު ބަރޯސާވެފައި އޮތުމުން ކަމަށް، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އިގުތިސާދަށް މިވަރުގެ ލޮޅުމެއް އައީ ހަމައެކަނި ޓޫރިޒަމަށް ބަރޯސާވުމުން: ޝާހިދު
ރާއްޖޭގެ އިގުތިސާދަށް މިވަރުގެ ލޮޅުމެއް އައީ ހަމައެކަނި ޓޫރިޒަމަށް ބަރޯސާވުމުން: ޝާހިދު

އދ. ގެ އާއްމު މަޖިލީހުގެ ހަވާސާގައި ބޭއްވި، ހޮރަސިސް އެކްސްޓްްރާއޯޑިނަރީ ބައްދަލުވުމުގައި ޝާހިދު ވިދާޅުވީ ދުރާލާ ފިޔަވަޅުތަކެއް އެޅި ނަމަވެސް، އިގުތިސާދަށް މިހާ ބޮޑަށް އަސަރުކުރީ އެންމެ ދާއިރާއަކަށް ބަރޯސާވުމުން ކަމަށެވެ. ހަރަދު ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅައި، އިގުތިސާދު ކޮޅަށް ޖެހުމަށް ދިގުރާސްތާ ޕްލޭންތަކެއް ހަދާފައިވާ ކަމަށާއި އޭގައި އިގުތިސާދު ޑައިވާސިފައިކޮށް، ހަމައެކަނި ޓޫރިޒަމަށް އެކަނި ބަރޯސާވެފައި އޮތްއޮތުން ނިމުމަކަށް ގެނައުން ހިމެނޭކަން ފާހަގަކުރެއްވި އެވެ.

"ޕޮޓެންޝަލް ފޯ ސައުތު އޭޝިއާ" ގެ މައުޟޫ އަށް ކުރިއަށްގެންދިޔަ ބައްދަލުވުމުގައި މިނިސްޓަރު ވަނީ ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ވެސް އިންޑިއާ، ސްރީލަންކާ އަދި ބަންގްލަދޭޝް ފަދަ އަވަށްޓެރި ގައުމުތަކުން މާލީ އެހީ އާއި ލޯނު ފޯރުކޮށްދީ، މެދުކެނޑުމެއް ނެތި ރާއްޖެ އަށް ބޭނުންވާ އަސާސީ ތަކެތި ލިބޭނެ މަގު ފަހިކޮށްދީފައިވާތީ އެ ގައުމުތަކަށް ޝުކުރު އަދާކުރައްވައިފަ އެވެ.

އޭނާ ވިދާޅުވިގޮތުގައި ކޮވިޑުގެ ސަބަބުން ގައުމުތަކުގެ މެދުގައި އަދި ގައުމުތަކުގެ ތެރޭގައި ހަމަހަމަކަން ނެތް ބައެއް ކަންތައްތައް ހާމަވެފައިވެ އެވެ. އޭގެ އިތުރުން ބޮޑު ބަލިމަޑުކަމާ ހެދި ދެކުނު އޭޝިޔާ ސަރަހައްދަށް ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުމަށް ގައުމުތައް ގުޅިގެން މަސައްކަތްކުރުން މުހިއްމު ކަމަށް ވެސް ވިދާޅުވި އެވެ.

ދެކުނު އޭޝިޔާ ސަރަހައްދުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި، ސާކުގެ މަސައްކަތްތައް އިތުރަށް ފުޅާކުރުމަށް މިނިސްޓަރު ޝާހިދު ގޮވާލެއްވި އެވެ. އަދި ސަރަހައްދީ އެއްބާރުލުމުގެ ފުރިހަމަ ނަތީޖާ ނެރުމަށްޓަކައި ގައުމުތަކުގެ މެދުގައި ވިޔަފާރި އާއި ދަތުރުފަތުރު އިތުރަށް ފުޅާކުރަން ޖެހޭކަމަށް އޭނާ ވިދާޅުވި އެވެ. ހަމައެއާ އެކު އެންމެންނަށް އިންޓަނެޓާއި ޑިޖިޓަލް ޓެކްނޮލޮޖީ ފޯރުކޮށްދިނުމުގެ މުހިއްމުކަން، ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ހާމަވެފައިވާ ކަމަށް ވިދާޅުވި އެވެ.

ހޮރަރިސް އަކީ ސްވިޒަލެންޑުގެ ޒިއުރިކްގައި ގާއިމްކޮށްފައިވާ ބައިނަލްއަގުވާމީ ތިންކް ޓޭންކެކެވެ. އެ ތިންކް ޓޭންކް 2005 ވަނަ އަހަރު ގާއިމްކުރީ ވޯލްޑް އިކޮނޮމިކް ފޯރަމްގެ ކުރީގެ ޑައިރެކްޓާ ފްރޭންކް ޖާގަން ރިކްޓާ އެވެ.