03 އޮކްޓޯބަރ 2020 - 11:32

މި ސަރުކާރަށް މިވީ ގާތްގަނޑަކަށް ދެ އަހަރުގެ ތެރޭގައި، ކ. ގުރައިދޫގައި ހުންނަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ހަރަދުތަކާއެކު ގިނަ ކަންތައްތައް ކޮށްދީފައިވާ ކަމަށާއި އުއްމީދުކުރައްވަނީ ފަސް އަހަރު ނިމިގެން ދާއިރު، އާއްމުން ބަލައިގަންނަ ތަފާތު މަރުކަޒެއް ފެނިގެން ދިއުން ކަމަށް އެތަނުގެ ސީއީއޯ ޔޫސަވް ޝިހާން އިއްޔެ ވިދާޅުވެއްޖެ އެވެ.
އޭނާ "މިހާރު" އަށް ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތުމަށްފަހު އެންމެ ބޮޑު ސަމާލުކަމެއް ދެއްވަމުން ގެންދަވާ އަންނަ އެއް ތަނަކީ ގުރައިދޫ މަރުކަޒު ކަމަށެވެ. އެ މަރުކަޒަށް ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށް ފާއިތުވި ދުވަސްތަކުގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ޝިހާން ވިދާޅުވި އެވެ.
ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި މިވަގުތު 201 މީހުން އެބަތިއްބެވެ. އޭގެ ތެރޭގައި އާއިލާގައި އަޅާލާނެ މީހެއް ނެތިގެން ދައުލަތަށް ނެގި 38 މީހަކު ހިމެނެ އެވެ.
"މިވީ ދެ އަހަރުގެ ތެރޭގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތުމަށްފަހުގައި މި ސަރުކާރުން މިތަނަށް [ގުރައިދޫ މަރުކަޒަށް] ކޮށްދިން ކަންތައްތައް އަގުމަގުގޮތުން ބަލައިފިއްޔާ އެތައް މިލިއަނަކަށް އެބަ އަރާ، ކޮށްދެއްވާފައި ހުރި ކަންތައްތަކާއި ހަރަދުތަކަށް،" ޝިހާން ވިދާޅުވި އެވެ.
އެތަނުގައި ތިބި މީހުން ބަލަހައްޓާ ކެއާ ވޯކަރުން މަދުވުމުން މިދިޔަ ޑިސެމްބަރު މަހު އެއްފަހަރާ 25 ކެއާ ވޯކަރުން ނަގާފައި ވެ އެވެ. އެއާއެކު ގުރައިދޫ މަރުކަޒުގައި މިވަގުތު 106 ކެއާ ވޯކަރުން އެބަތިއްބެވެ. އެންމެން ވެސް މަސައްކަތް ކުރަމުން އަންނަނީ ހަ ގަޑިއިރުގެ ޝިފްޓެއްގައި ކަމަށް ޝިހާން ވިދާޅުވި އެވެ.
ގުރައިދޫ މަރުކަޒުގައި ބަލަހައްޓާ މީހުން ކެޓަގަރައިޒްކޮށްފައި ވަނީ ތިން ބަޔަކަށެވެ. އެއީ ހައި ރިސްކާއި މީޑިއަމް އަދި ލޯ ރިސްކް ހިމެނެ އެވެ. އެ މީހަކަށް ކެއާ ވޯކަރުން ހަމަޖައްސާނެ އަދަދެއް ކަނޑައަޅާނީ ޑޮކްޓަރުންނެވެ.
"މިހާރު ތިބި ކެއާ ވޯކާސް އިން އަޅުގަނޑުމެންނަށް މެނޭޖްކުރެވޭ ވަރަށް އެބަތިބި،" ޝިހާން ވިދާޅުވި އެވެ.
ބަލި މީހުންނަށް ފޯރުކޮށްދޭ ސިއްހީ ފަރުވާގެ ކަންކަން ރަނގަޅުކުރުމުގައި ވެސް ބޮޑެތި ލުއިތަކެއް ލިބިފައިވާކަން ޝިހާން ފާހަގަކުރެއްވި އެވެ. އެގޮތުން ޖަޕާނު ސަރުކާރުން، މިދިޔަ ޑިސެމްބަރު މަހު ވަނީ ގުރައިދޫ މަރުކަޒުގައި މިހާރު ބޭނުންކުރާ ހެލްތު ސެންޓަރު ބޮޑުކޮށްދޭން ނިންމައި އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. އެ މަރާމާތުތައް ނިމުމުން ޑޮކްޓަރުންގެ އަދަދު ވެސް ތިނަކަށް އިތުރުކޮށް އެތަނުގައި އިތުރު މެޝިންތައް ބަހައްޓާނެ އެވެ.
އެ މަސައްކަތް ފެށުމަށް، ގުރައިދޫ މަރުކަޒުގައި މިހާރު ބޭނުންކުރާ ހެލްތު ސެންޓަރުގެ ހިދުމަތްތައް އެހެން ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.
ޝިހާން ވިދާޅުވީ ކޮވިޑުގެ މި ބަލިމަޑުކަމުގައި ޑަބްލިއުއެޗްއޯގެ ފަރާތުން ވެސް އެހީތެރިކަން ލިބިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ވެންޓިލޭޓަރާއި އޮކްސިޖަން ފަދަ ތަކެތި ހިމެނެ އެވެ.
ގުރައިދޫގައި ގިނައިން ވަޅުލަނީ އެ މަރުކަޒުގައި މަރުވާ މީހުން ކަމަށް ބުނެ ގުރައިދޫ ކައުންސިލުން 2016 ހިސާބުގައި ވަނީ ގުރައިދޫ މަރުކަޒުގައި މަރުވާ މީހުން، މާލޭގައި ވަޅުލާގޮތަށް ހަމަޖައްސައިފަ އެވެ. ނަމަވެސް ކޮވިޑްގެ މި ބަލިމަޑުކަމުގެ ސަބަބުން، މިދުވަސްކޮޅު މަރުވާ އެންމެން ވެސް ވަޅުލަމުން އަންނަނީ ގުރައިދޫގަ އެވެ.
އޭނާ ވިދާޅުވިގޮތުގައި މަރުކަޒު މަރާމާތުކުރުމުގެ ޕްލޭންތައް ވެސް އެބަހުއްޓެވެ. ކޮވިޑްގެ ބަލިމަޑުކަން ކުރިމަތިނުވި ނަމަ މި އަހަރު އެކަމަށް ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށް ވިދާޅުވި އެވެ.
މަރުކަޒުގައި ތިބި މީހުންނަށް، ކެއާ ވޯކަރުންނާއެކު ހަފުތާއަކު ދެ ދުވަހު ރަށުތެރެއަށް ދިއުމުގެ ފުރުސަތު ދޭނެ އެވެ. އެގޮތަށް ދާ ދިއުމުގައި ބޭރުން ސައިބޯން ބޭނުންވާ މީހުންނަށް އެ ފުރުސަތު ދީ ރަށުތެރޭގެ ކޮންމެ ވެސް ހިސާބެއްގައި ނުވަތަ ރަށެއްގައި ބާބަކިއުއެއް ނުވަތަ ކުޑަ ޕިކްނިކެއް ރާވާލަ އެވެ. ކޮވިޑްގެ ސަބަބުން އާއިލީ ބައްދަލުވުންތައް މެދުކަނޑާލިއަސް ފޯނާއި ވީޑިއޯ ކޯލް މެދުވެރިކޮށް އާއިލާއާ ބައްދަލުކުރުމުގެ ފުރުސަތު ފަހިކޮށްދެމުން އަންނަކަމަށް ވިދާޅުވި އެވެ.
"މި ސަރުކާރު އައި ފަހުން މާ ބޮޑަށް ވެސް މަރުކަޒުގެ ހިދުމަތްތައް ރަނގަޅުކޮށްފައިވަނީ. އެއް ކަމަކަށް ވާނެ ކެމެރާ ސިސްޓަމްވާނެ. އުއްމީދުކުރަނީ ފަސް އަހަރު ނިމިގެންދާއިރު ތަފާތު މަރުކަޒެއް ފެނިގެން ދިއުން،" ޝިހާން ވިދާޅުވި އެވެ.