02 އޮކްޓޯބަރ 2020 - 20:33

ގއ. ދާންދޫގައި ރޭ ހިންގި މާރާމާރީގައި ހާލު ސީރިއަސްވި ޒުވާނާ، އިތުރު ފަރުވާއަށް މާލެ ފޮނުވައިފި އެވެ.
ދެ ގްރޫޕެއްގެ މެދުގައި ހިނގި ހަމަނުޖެހުންތަކުގައި ސީރިއަސް ޒަހަމްތަކެއް ލިބުނު އެ ފިރިހެން މީހާއަށް ފުރަތަމަ ފަރުވާދިނީ އެ ރަށު ސިއްހީ މަރުކަޒުންނެވެ. ނަމަވެސް ލޭ މަނާނުވުމުން ރޭ 12:15 ހާއިރު އެ އަތޮޅު ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ފޮނުވާލީ އެވެ.
ވިލިނގިލީ ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ މާރާމާރީގައި ޒަހަމްވި ޒުވާނާގެ ހާލު ސީރިއަސްވުމުން އިތުރު ފަރުވާ ދިނުމަށް މާލެ ފޮނުވާލާފައިވާ ކަމަށެވެ. ނަމަވެސް އޭނާއަށް ލިބުނު ޒަހަމްތަކުގެ ތަފްސީލެއް އަދި ނުލިބެ އެވެ.
އެ ރަށުން ރޭ ވާހަކަ ދެއްކި މީހަކު ބުނީ ކެފޭއެއްގެ ތެރޭގައި މާރާމާރީ ހިންގި އެއް ގުރޫޕުގައި ތިބީ އުމުރުން 25 އަހަރުގެ ދެ މީހަކާއި 27 އަހަރުގެ ފިރިހެނެކެވެ. އަނެއް ގުރޫޕުގައި ހަރަކާތްތެރިވީ އުމުރުން 18 އަހަރުން ދަށުގެ ކުދިންނާއި ގާތްގަނޑަކަށް 19 އަހަރުގެ ފިރިހެނެކެވެ. ސީރިއަސް އަނިޔާ ލިބުނީ އޭނާއަށެވެ.
"ހަޑި އެއްޗެހި ކީމާ، އެ ކުދިންނަށް ގުޅާފައި ކެފޭއެއް ގެންދިޔަ ކަމަށް ވަނީ. އެ ތަނަށް ގެންގޮސްފައި އެތެރޭގައި ހަމަނުޖެހުން ހިންގީ،" ރަށުން ވާހަކަދެއްކި މީހާ ބުންޏެވެ.