03 އޮކްޓޯބަރ 2020 - 12:20

ބެންކޮކް (އޮކްޓޯބަރު 3) - ކޮރޯނާވައިރަހުގެ ސަބަބުން ހީނަރުވެފައިވާ ތައިލެންޑުގެ ޓޫރިޒަމް އިންޑަސްޓްރީ އަލުން ކޮޅަށް ޖެހުމަށްޓަކައި މި މަހު ޓޫރިސްޓުންނަށް ބޯޑަރު ހުޅުވާލުމުގެ ފެހި ސިގްނަލް ދީފި އެވެ.
ތައިލެންޑުގެ އިގްތިސާދުގައި ޓޫރިޒަމް މުހިންމު ދައުރެއް އަދާކުރެ އެވެ. ނަމަވެސް މިދިޔަ އަހަރު އެ ގައުމަށް ޒިޔާރަތް ކުރި 40 މިލިއަން ޓޫރިސްޓުންނާ އަޅާބަލާއިރު މި އަހަރު ޒިޔާރަތްކޮށްފައި ވަނީ މަދު އަދަދެއްގެ ބަޔެކެވެ. ކޮރޯނާވައިރަހުގެ ސަބަބުން ދުނިޔޭގެ ވައިގެ ދަތުރުފަތުރު ގާތްގަނޑަކަށް ހުއްޓުމަކަށް އައެވެ.
ތައިލެންޑުގެ އޮފިޝަލުން އުއްމީދު ކުރަނީ ރައްކާތެރި މަންޒިލެއްގެ ގޮތުގައި އެ ގައުމު މާކެޓް ކުރެވޭނެ ކަމަށެވެ. ތައިލެންޑުން މިހާތަނަށް ކޮރޯނާވައިރަހަށް 3,575 މީހުން ޕޮޒިޓިވްވިއިރު މަރުވެފައި ވަނީ 59 މީހުންނެވެ. ނަމަވެސް ބޯޑަރު ހުޅުވާލުމުން ކޭސްތައް އިމްޕޯޓްވުމުގެ ބިރު އެބައޮތް ކަމަށް އޮފިޝަލުން ބުނެ އެވެ. އެހެންވެ ތައިލެންޑުން އިސްކަން ދެނީ ރިސްކް ކުޑަ ގައުމުތަކުގެ ޓޫރިސްޓުންނަށެވެ. ތައިލެންޑަށް ދަތުރު ކުރާ މީހުން 14 ދުވަހު ހޮޓެލްގައި ކަރަންޓީންވާން ޖެހެ އެވެ.
ބޯޑަރު ހުޅުވާލުމުން ތައިލެންޑަށް ފުރަތަމަ ދަތުރު ކުރާނީ ޗައިނާގެ 150 ޓޫރިސްޓުންނެވެ. އެ މީހުން ދާނީ ޕުކެޓަށެވެ.
ތައިލެންޑުގެ ޓުއާ އޮޕަރޭޓަރުން ދަނީ އެ ގައުމުގެ ބޯޑަރު ހުޅުވާލުމުގައި ލުއިތައް ދިނުމަށް ސަރުކާރަށް ގޮވާލަމުންނެވެ.
ތައިލެންޑުގެ ބޮޑުވަޒީރު ވިދާޅުވެފައި ވަނީ އެ ގައުމަށް ޒިޔާރަތް ކުރާ ޓޫރިސްޓުންގެ އަތުގައި ބޭންޑެއް އަޅުވައި، މޯބައިލް ފޯން އެޕެއް މެދުވެރިކޮށް މޮނިޓާ ކުރާނެ ކަމަށެވެ.