03 އޮކްޓޯބަރ 2020 - 06:20

ޖައްވީ މިޝަންތަކުގެ ދާއިރާ އިން މިހާރު ބޮޑެތި ކާމިޔާބީތައް ހޯދަމުން އަންނަ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން 2024 ގައި ހަނދާން ދާން އަމާޒު ހިފައިފި އެވެ.
މިކަމަށް ހާއްސަކޮށްގެން ފަށާފައިވާ މިޝަން ވެސް މިހާރު ރަސްމީކޮށް އިއުލާންކޮށްފައިވާ އިރު، ޔޫއޭއީން ހަނދަށް ކުރާ ދަތުރަށް ބޭނުންކުރާނީ އެ ގައުމުގެ ސައްތައިން ސައްތަ އުޅަނދެކެވެ. އެއަށް ދީފައިވާ ނަމަކީ "ރާޝިދު" އެވެ. އުޅަނދަށް ނަން ދީފައި ވަނީ މެދުއިރުމަތީގެ އެންމެ ކުރިއަރާފައިވާ އެއް ގައުމުގެ ގޮތުގައި ފާހަގަކުރެވޭ ޔޫއޭއީގެ ނައިބު ރައީސް އަދި ބޮޑުވަޒީރު ޝެއިޚް މުހައްމަދު ބިން ރާޝިދު އަލް މަޚްތޫމް، 71، ގެ ނަމާ ގުޅުވައިގެންނެވެ.
ހަނދަށް 2024 ގައި ދާން ފަށާފައިވާ މިޝަންގެ ވާހަކަ ބޮޑުވަޒީރު ޓްވިޓާގައި ވެސް ހިއްސާކުރައްވާފައިވެ އެވެ. އޭނާ ވިދާޅުވީ މި މިޝަން ވެގެން ދާނި އަރަބި ގައުމަކުން ހަނދަށް ދާ ފުރަތަމަ ފަހަރަށް ކަމަށާއި މހަނދާ ގުޅޭ ގޮތުން ކުރިން ހޯދިފައި ނުވާ މައުލޫމާތުތަކެއް ޔޫއޭއީގެ މިޝަންގެ ތެރެއިން ހޯދޭނެ ކަމަށެވެ. އަދި އެ ގައުމުން ހޯދާ މައުލޫމާތު ބައިނަލްއަގްވާމީ ރިސާޗް ސެންޓަރުތަކާއި އިންސްޓިޓިއުތަކާ ހިއްސާކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
ޔޫއޭއީގެ ރަސްމީ އިދާރާކުން ބުނެފައިވާ ގޮތުގައި ހަނދަށް ކުރާ ދަތުރަށް ބޭނުންކުރާ އުޅަނދަށް "ރާޝިދު" ކިޔަން ނިންމީ ޝެއިޚް މުހައްމަދު ބިން ރާޝިދު އަލް މަޚްތޫމަކީ އެ ގައުމު ހޯދާފައިވާ މި ޒަމާނުގެ ތަރައްގީ ބޮޑު ހިއްސާދާރަށްވުމެވެ.
ޔޫއޭއީ އިން ހަނދަށް ކުރާ ދަތުރުގައި އެ ގައުމުގެ ހަތަރު އެސްޓްރޮނޯޓުން ބައިވެރިވާނެ އެވެ. އެ މީހުން ތަމްރީނު ހަދަން ޖެހިފައި ވަނީ އެމެރިކާގެ ޖައްވީ އިދާރާ ނާސާގެ ޖޯންސަން ސްޕޭސް ސެންޓަރުގަ އެވެ.
ހަނދަށް ދިއުމުގެ ތައްޔާރީތައް ޔޫއޭއީން ވަމުން އަންނަ އިރު މިދިޔަ ޖުލައި މަހުގެ ތެރޭގައި އެ ގައުމުން ވަނީ "ހޯޕް" ކިޔާ އުޅަނދެއް މާސް އަށް ވެސް އުދުއްސާލައިފަ އެވެ. އަދި މިދިޔަ އަހަރު އަލަށް ޔޫއޭއީގެ އެސްޓްރޮނޯޓެއް ކަމަށްވާ ހައްޒާ އަލް މަންސޫރީ އިންޓަނޭޝަނަލް ސްޕޭސް އެޖެންސީ (އައިއެސްއެސް) އަށް ދަތުރުކޮށްފައިވެ އެވެ.