02 އޮކްޓޯބަރ 2020 - 10:30

ވޮޝިންޓަން (އޮކްޓޯބަރު 2) އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އަނބިކަނބަލުން މެލަނިއާ ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެއްޖެ އެވެ.
ޓްރަމްޕް ވިދާޅުވީ ދެ ބޭފުޅުން މިހާރު ތިއްބެވީ ކަރަންޓީނުގައި ކަމަށެވެ.
ޓްރަމްޕާއި މެލަނިއާ ޕޮޒިޓިވް މިވީ ޓްރަމްޕުގެ ވަރަށް އަރިސް ބޭފުޅަކަށް ކޮވިޑް-19 ޖެހިފައި ވަނިކޮށެވެ. ޓްރަމްޕާއި އެންމެ ގާތުން މި ދުވަސްވަރު މަސައްކަތް ކުރައްވާ 31 އަހަރުގެ އެޑްވައިޒަރު ހޯޕް ހިކްސް ޕޮޒިޓިވްވިއިރު އޭނާ ވަނީ އަންގާރަ ދުވަހު އޮތް ރިޔާސީ ބަހުސަށް ޓްރަމްޕް އަރިހު އެއާ ފޯސް ވަންގައި އޮހާޔޯ އަށް ދަތުރު ވެސް ކުރައްވައިފަ އެވެ.
ހިކްސް ޕޮޒިޓިވްވުމާ ގުޅިގެން ޓްރަމްޕް ކުރިން ވިދާޅުވެފައި ވަނީ އޭނާ އާއި އަނބިކަނބަލުން ކަރަންޓީނަށް ވަޑައިގަންނަވާނެ ކަމަށެވެ.
"ކުޑަ ބްރޭކެއް ވެސް ނުނަންގަވާ ވަރަށް ބުރަކޮށް މަސައްކަތް ކުރައްވަމުން ގެންދަވާ ހޯޕް ހިކްސް ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ. ބިރުވެރި! އަޅުގަނޑާއި ފަސްޓް ލޭޑީ މި އިންތިޒާރު ކުރަނީ ނަތީޖާ އަށް. ނަތީޖާ ލިބެންދެން ވެސް އަޅުގަނޑުމެން ތިބޭނީ ކަރަންޓީނުގައި،" ޓްރަމްޕް ކުރިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.
ޕޮޒިޓިވްވިކަން އުމުރުން 74 އަހަރުގެ ޓްރަމްޕް އިއުލާން ކުރެއްވީ ޓްވިޓާ މެދުވެރިކޮށެވެ. ޓްރަމްޕް ޕޮޒިޓިވްވި އިރު އެމަނިކުފާނަކީ ހައި-ރިސްކް ގްރޫޕުގެ ބޭފުޅެކެވެ. އަނބިކަނބަލުން މެލަނިއާގެ އުމުރަކީ 50 އެވެ.
ޓްރަމްޕުގެ ޑޮކްޓަރު ޝޯން ކޯންލީ ނެރުއްވި ބަޔާނެއްގައި ބުނެފައި ވަނީ ރައީސް އާއި ފަސްޓް ލީޑީގެ ހާލު ރަނގަޅު ކަމަށެވެ.
"ކަރަންޓީނުގައި ހުންނެވި ނަމަވެސް ރައީސްގެ މަސްއޫލިއްޔަތުތައް ކުރިއަށް ގެންދަވާނެ. ޓްރަމްޕުގެ ބަލީގެ ހާލަތާ ގުޅޭ މައުލޫމާތު އަޅުގަނޑު ހާމަކުރަމުން ގެންދާނަން،" ކޯންލީ ވިދާޅުވި އެވެ.
އެކަމަކު ރައީސްގެ ހަށިކޮޅުން ބަލީގެ އެއްވެސް ކަހަލަ އަލާމާތެއް ފެންނަ ކަމެއް ނުވަތަ އަދި ނުފެންނަ ކަމެއް އޭނާ ވިދާޅެއްނުވެ އެވެ.
ވައިޓް ހައުސްގެ ބައެއް އެހެން ބޭފުޅުން، ނަން ނުޖަހާ ގޮތަށް، އެމެރިކާގެ މީޑިއާތަކަށް ވިދާޅުވެފައި ވަނީ ރައީސްގެ އަޑު ކުރެކިވެފައި ހުންނަ ކަމަށެވެ. އެއީ ކޮވިޑާ ގުޅިގެން ކަމެއް ނުވަތަ ކެމްޕޭންތަކުގައި ވާހަކަ ދައްކަވާލެއް ގިނަކަމުން އަޑަށް އައި ބަދަލެއް ކަމެއް އަދި ބުނާކަށް ނޭނގެ އެވެ.
ޓްރަމްޕް ޕޮޒިޓިވްވެފައި ވަނީ ރިޔާސީ އިންތިޚާބުގައި ވޯޓުލާން ގާތްގަނޑަކަށް މަހަކަށް ވެފައި ވަނިކޮށެވެ. އަދި ކެމްޕޭނުގެ ފޯރި އެންމެ ގަދަ ދުވަސްވަރު އެވެ. ޓްރަމްޕް ޕޮޒިޓިވްވިއިރު މި މަހު 15 ގައި ވަނީ ދެ ވަނަ ރިޔާސީ ބަހުސް މިއާމީގައި ބާއްވަން ޝެޑިއުލްކޮށްފަ އެވެ. ބަހުސްގެ ތާރީޚަށް ގެންނާނެ ބަދަލެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.
ރައީސް ޓްރަމްޕަކީ ކޮވިޑް-19ގެ ނުރައްކާ ކުޑަކަން ދައްކަވަން ފެށުނީއްސުރެ މަސައްކަތްކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ރިޔާސީ ފުރަތަމަ ބުހުސް އޮތް ހޯލަށް ވަދެވެނީ މާސްކް އަޅައިގެން ކަމަށް ވިޔަސް، އޭނާގެ އާއިލާގެ ބޭފުޅުން ތިއްބެވީ މާސްކް ނާޅުއްވަ އެވެ.
އިދިކޮޅު ފަރާތްތަކާއި ސިއްހީ ދާއިރާގެ ތަޖުރިބާކާރުންގެ ފާޑުކިއުން ފުރަތަމަ ދުވަހުން ފެށިގެން ޓްރަމްޕަށާއި ސަރުކާރަށް އަމާޒުވި އެވެ. އެ މީހުން ބުނާ ގޮތުގައި އެމެރިކާ އިން 200،000 އަށް ވުރެ ގިނަ މީހުން މަރުވީ، ރައީސްގެ ސިޔާސަތުގެ ސަބަބުންނެވެ.
އިއްޔެ ވެސް ޓްރަމްޕް ވިދާޅުވީ "ބަލިމަޑުކަން މިހާރު ނިމެނީ" ކަމަށެވެ. ނަމަވެސް އެމެރިކާގެ ތަޖުރިބާކާރުންނަށް އެ މަންޒަރެއް ނުފެނެ އެވެ. މިހާރު ވެސް އެންމެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވްވެ އަދި މަރުވެފައި ވަނީ އެމެރިކާގަ އެވެ.
ވައިރަސްއަށް ޕޮޒިޓިވް ވުމުގެ މާނައަކީ، ބަލީގެ އަލާމާތެއް ނުފެނުނަސް، ވަކި މުއްދަތެއްގައި ޓްރަމްޕަށް ވައިޓް ހައުސްގައި އެކަހެރިވެވަޑައިގެން އުޅުއްވަން ޖެހިވަޑައިގަތުމެވެ. އެހެންކަމުން ކެމްޕޭނަށް ވަރަށް ބޮޑެތި ހުއްޓުންތަކެއް އަންނާނެ ކަމަށް ބެލެވެ އެވެ.
އެމެރިކާގެ ބައެއް މީޑިއާތަކުން ބުނާ ގޮތުގައި ކޮރޯނާވައިރަސްގެ ނުރައްކާތެރިކަން ސީރިއަސްކޮށް ނުނަންގަވާ އަދި ސަރުކާރުން ފުރަތަމަ ވެސް އަޅަން ޖެހޭ ހަރުކަށި ފިޔަވަޅު ނޭޅުމުގެ ސަބަބުން، ޓްރަމްޕްގެ މިހާރުގެ ހާލަަތަކީ އިންތިހާބަށް އޭނާއަށް އެޅުނު ހިޔަންޏެކެވެ.
ގައިދުރުކުރުމާއި މާސްކް އެޅުން މަޖުބޫރުކުރުމެއް ނެތި ބޭރުގައި ކެމްޕޭންގެ އެއްވުންތައް ބާއްވަވާތީ، އެކަމާ ބެހޭ ގޮތުން އިދިކޮޅު ކެންޑިޑޭޓް ޖޯ ބައިޑަން، ރިޔާސީ ބަހުސްގައި އެއްޗެއް ވިދާޅުވުމުން، ޓްރަމްޕްގެ ރައްދަކަށް ވީ، ބައިޑަންއަށް ވެސް އެވަރަށް މީހުން އެއްކުރެވޭ ނަމަ އެއްވުންތައް ބާއްވަވާނެ ކަމެވެ.
ކެމްޕޭންގެ އެއްވުމެއް ބައިޑަންގެ ޓީމުން ބޭއްވިޔަަސް ބާއްވަނީ ގައިދުރުކުރަން ފިޔަވަޅު އެޅުމުގެ އިތުރުން މާސްކް ވެސް މަޖުބޫރުކޮށްގެންނެވެ.
އެމެރިކާގައި މިހާރު ވެސް ކޮވިޑް-19 ގައި ދުވާލަކު ގާތްގަނޑަކަށް ހާހެއްހާ މީހުން މަރުވެ އެވެ. އެކަމަކު ޓްރަމްޕް ވިދާޅުވަމުން ގެންދަވަނީ ބަލިމަޑުކަން މިހާރު ނިމެނީ ކަމަށެވެ. އަދި ސައިންސްވެރިން އުޅެނީ ބަލީގެ ނުރައްކާ މާ ބޮޑުކޮށްގެން ކަމަށް ވެސް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި އެވެ.
މާސްކް އެޅުމަކީ މާ ބޮޑު ފައިދާއެއް ނެތް ކަމެއް ކަމަށް އޭނާ ވިދާޅުވާ އިރު، ބައިޑަން އަބަދުވެސް ފެންނަނީ މާސްކްގައި ހުންނަވަނިކޮށެވެ. ވަރަށް މަދު ތަނެއްގައި ނޫނީ ޓްރަމްޕް މާސްކް ބޭނުންކުރައްވާފައެއް ނުވެ އެވެ.
އިންތިހާބަށް އެންމެ 33 ދުވަހަށް ވެފައި ވަނިކޮށް ޓްރަމްޕް، ކޮވިޑަށް ޕޮޒިޓިވް ވުމަކީ، ބަލީގެ ކޮންޓްރޯލްކުރަން އޭނާއަށް އެކަށީގެންވާ ފިޔަވަޅުތަކެއް ނޭޅުއްވުނު ކަމަށް، އެމެރިކާގެ ގިނަ މީހުން ގަބޫލުކުރާ ކުރުމަށް ލިބުނު ބާރެކެވެ.