01 އޮކްޓޯބަރ 2020 - 23:36

ފ. ދަރަނބޫދޫގެ ޒުވާނުންތަކެއް އެ ރަށުގެ އޮޅުކޮޅު ސަރަހައްދުގައި މުރަކަ އިންދައިފި އެވެ.

އެކަމުގައި ބައިވެރިވި މުހައްމަދު ހުސެއިން (އުއްޗު) މިރޭ ބުނީ ހައެއްކަ ރައްޓެހިންވެގެން މިދިޔަ އަންގާރަ ދުވަހު އެކަން ކުރީ އާއްމުކޮށް ސްނޯކްލިންނަށް ދާ ސަރަހައްދުގައި ހުރި މުރަކަތަކަށް ގެއްލުންވެ މަރުވަމުންދާތީ ކަމަށެވެ.

އޭނާ ބުނި ގޮތުގައި އިންދާނެ މުރަކަ ހޯދީ އަތޮޅުގެ ފަސް ސަރަހައްދަކުންނެވެ. ދަގަނޑު ފްރޭމް ހަދައި އޭގައި މުރަކަ އިންދުމުގެ ކުރިން، މީގެ ކުރިން އެކަންކޮށްފައި ތިބި މީހުންގެ ފަރާތުން މައުލޫމާތު އޮޅުންފިލުވާފައިވެ އެވެ.
"އެކަން ކުރާ ގޮތް ދަސްކޮށްގެން ކުރިއަށްދިޔައީ،" އުއްޗު ބުންޏެވެ.
ރަށު ބަނދަރު ހެދުމަށް ކޮންނަމުންދާތީ، މުރަކަ އިންދާފައި ހުރި ސަރަހައްދު ދަނީ ކިލަނބުވަމުންނެވެ. އެހެންވެ އެ ސަރަހައްދު ތަންކޮޅެއް ރަނގަޅަށް ބަލަހައްޓައި އަންނަ ބަދަލުތައް ފޮޓޯ ނަގަމުންދާނެ ކަމަށް ބުންޏެވެ.
މުރަކަ އިންދުމުގެ އިތުރުން އެ މީހުން ވަނީ، އާއްމުންނަށް ހިތްފަސޭހަވާނެ ގޮތަކަށް އަތިރިމަތި ބަދަލުކޮށްފަ އެވެ. އެގޮތުން އަތިރިމަތި ސާފުކޮށް އުނދޯލި އެލުވާފައި ވެ އެވެ.
"ބީޗުގައި، މޫދުގައި ވަރަށް ގިނަ ކަންކަން އެހެން ކުރެވިފައި ހުންނާނެ،" އުއްޗު ބުންޏެވެ.