01 އޮކްޓޯބަރ 2020 - 19:25

ބިޑް އިވެލުއޭޓް ކުރުމަކާ ނުލައި، ގުޅިއެއްގެ ތެރެއިން ނެގި ގުރުއަތު ކަރުދާސްކޮޅުގައި އޮތް ކުންފުންޏާ ހުޅުމާލެ ވަގުތީ މަސް މާރުކޭޓް ހިންގަން ހަވާލުކުރުމުން، ކުރިމަތިލި އެހެން މީހުންގެ ހައްގު ގެއްލޭ ކަމަށް ބުނެ މައްސަލަ ބަލައިދޭން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މިއަދު ހުށަހަޅައިފި އެވެ.
މި މައްސަލަ ބަލައިގަނެ ހުށަހެޅި ފަރާތަށް އޭސީސީން ދީފައިވާ ލިއުމުގައި ބުނެފައި ވަނީ، ހުޅުމާލެ ވަގުތީ މަސް މާރުކޭޓް ކުއްޔަށް ދޫކުރަން އެޗްޑީސީން މިދިޔަ އޮގަސްޓު މަހު ކޮށްފައިވާ އިއުލާނާ ގުޅިގެން ހުށަހެޅި ބިޑްތައް އިވެލުއޭޓް ކުރުމަކާ ނުލައި ގުރުއަތު ލައިގެން މަސް މާރުކޭޓް ބަޔަކާ ހަވާލުކުރި ކަމަށް ހުށަހެޅި މައްސަލަ ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ. މައްސަލަ ބެލުމާ މެދު ކޮމިޝަނުން ނިންމާ ގޮތެއް އަންގާނެ ކަމަށް ލިއުމުގައި އެވެ.
ވަގުތީ މަސް މާރުކޭޓް ހިންގަން ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވުނު "ފިޝް ބާޒާރާ" އެކު އެޗްޑީސީން މިހާރު ވަނީ ސޮއިކޮށްފަ އެވެ. އެތަން ހިންގަން މީގެ ދެ މަސް ކުރިން ބިޑް ހުޅުވާލުމުން، ގާތްގަނޑަކަށް 57 ފަރާތަކުން ކުރިމަތިލި އެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހްމަދު "މިހާރު" އަށް ވިދާޅުވީ މަސް މާރުކޭޓަށް ކުރިމަތިލާން ހުޅުވާލީ ބިޑް އިވެލުއޭޓްކޮށްގެން ކުރިއަށް ގެންދާ އުސޫލަކުން ނޫން ކަމަށެވެ. އެކަން ކުރިއަށް ގެންދަން އޮތީ ހުށަހަޅާ ކުންފުނިތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ބަޔަކަށް ކަމަށާއި އިއުލާންކޮށްފައިވާ ގޮތަށް އެޗްޑީސީން އެކަން ކުރިއަށް ގެންދިޔައީ ކުރިމަތިލި އެންމެން ބައިވެރިކޮށްގެން ކަމަށް ވިދާޅުވި އެވެ.
"ހުޅުވާލީ ވެސް އިވެލުއޭޓް ކުރާ ގޮތަކަށް ނޫން، ގުރުއަތުންނޭ ހޮވާނީ. ތަޖުރިބާއެއް ވެސް ހުށަހަޅާކަށް ނޯންނާނެ. އެކަން ކުރިއަށް ގެންދިޔައީ އިއުލާންކުރި ގޮތަށް،" ސުހެއިލް ވިދާޅުވި އެވެ.
ހުޅުމާލެ މަސް މާރުކޭޓް ހިންގަން ކުރިމަތިލީ ކުންފުންޏަކުން "މިހާރު"އާ ވާހަަކަ ދެއްކި މީހަކު ބުނީ މީގެ ދެ މަސް ކުރިން ބިޑް ހުޅުވާލައި އެތަން ހަވާލުކުރާނެ ޝަރުތުތަކެއް ވެސް އޮތީ ކަނޑައަޅާފައި ކަމަށެވެ. އޭގެތެރޭގައި، އެ އޮޕަރޭޝަން ހިންގާނެ ގޮތާއި ހަވާލުވާ ބައެއްގެ ތަޖުރިބާއަށް ބެލުން ފަދަ ކަންކަން ހިމެނެ އެވެ.
އެކަމަކު ކުރިމަތިލީ މީހުންގެ ކަންބޮޑުވުމަކީ، އޭނާ ބުނި ގޮތުގައި، ހުށަހެޅި ކަރުދާސްތަކަށް ބަލާލުމެއް ވެސް ނެތި، ގުޅިއެއްގެ ތެރެެއަށް ހުރިހާ ނަންތަކެއް އަޅައި ގުރުއަތުން ނެގުނު ބަޔަކީ އެކަމަށް އެންމެ ގާބިލް މީހުން ކަމަށް ނިންމުމެވެ. ގުރުއަތަކަށް ދާން ޖެހޭނީ ވެސް ރަނގަޅަށް ބިޑް އިވެލުއޭޓް ކުރުމަށް ފަހުގައި ކަން އޭނާ ދެކެ އެވެ.
"އެއްވެސް ބަލައިލުމެއް ނެތި، ގުޅިއަށް ލާފައި ކަރުދާސްކޮޅު މި ނެގީ. އޭރުން މިވާ ގޮތަކީ ދެން ކުރިމަތިލީ ކުންފުނިތަކުގެ ތަޖުރިބާ ވެސް އޮޕަރޭޝަން ހިންގާ ގޮތް ވެސް ގާބިލްކަން ވެސް ބޭކާރު ވަނީ. އެކަމަކު ފޯމުގައި އެބަ އޮވޭ މިކަންކަމަށް ބަލާނެ ކަމަށް،" އޭނާ ޝަކުވާ ކުރި އެވެ.
"ސަންގުފުމެފައި ސަފަކަށް އަތުރާފައި މި ހޮވީ ދެ މިނެޓް ތެރޭގައި. އެހެންވެއްޖިއްޔާ ކީއްކުރާ ފޯމެއްތޯ މި ހުށަހެޅީ."
މާރުކޭޓް ދިން ގޮތުން ގިނަ ބައެއްގެ ހައްގު ގެއްލޭ ކަމުގެ ތުހުމަތުކޮށް، ހިމޭން އިހްތިޖާޖެއް ކުރަން ތައްޔާރުވަމުން އަންނަ ކަމަށް "މިހާރު"އާ ވާހަކަ ދެއްކި މީހާ ބުންޏެވެ. އެ އިހްތިޖާޖުގައި، މާރުކޭޓް ހިންގަން ކުރިމަތިލީ ބައެއް ކުންފުނިތަކުގެ އިތުރުން ހުޅުމާލޭގެ ބައެއް ރައްޔިތުން ވެސް ބައިވެރިވާނެ ކަމަށް އޭނާ ބުންޏެވެ.