01 އޮކްޓޯބަރ 2020 - 15:55

ރާއްޖޭގެ މީޑިއާތައް ގުޅިގެން ކުރިއަށް ގެންދާ "ކޮވިޑް ހުއްޓުވާނީ އަހަރެން" ކެމްޕެއިންގެ ދަށުން އާންމުންނަށް ހުޅުވާލި ފޮޓޯ އަދި ވީޑިއޯ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި އެވެ.
މިދިޔަ މަހު 21 އިން ފެށިގެން 30 ގެ ނިޔަލަށް ހުޅުވާލި މުބާރާތުގެ މުއްދަތު އިތުރުކުރީ މި މަހުގެ 10 ވަނަ ދުވަހާ ހަމައަށެވެ.
"ކޮވިޑް ހުއްޓުވާނީ އަހަރެން - ރައްޔިތުންގެ ކެމްޕެއިން" ނަމުގައި ފެށި މި ކެމްޕެއިނަށް ހުށަހަޅަން ޖެހެނީ ކޮވިޑް ހުއްޓުވުމާ ގުޅޭ ގޮތުން ހޭލުންތެރިކުރުމުގެ މެސެޖެއް ހިމެނޭ ފޮޓޯ ނުވަތަ ވީޑިއޯއެކެވެ. މުބާރާތަށް ހުށަހަޅާ ފޮޓޯ އަދި ވީޑިއޯތަކުގެ ތެރެއިން އެންމެ ގިނަ ލައިކް އަދި ޝެއާ ލިބޭ ޕޯސްޓްތަކުން އެއް ވަނަ ދެ ވަނަ އަދި ތިންވަނަ ހޮވައި ފައިސާގެ އިނާމެއް ދިނުމަށް ވަނީ ނިންމައިފަ އެވެ.
މި މުބާރާތަށް ހުށަހަޅަން ޖެހެނީ 30 ސިކުންތައް ވުރެ ދިގު ނޫން އެމްޕީ4 ފޯމެޓަށް ތައްޔާރުކޮށްފައި ހުރި ވީޑިއޯ އެވެ. ވީޑިއޯއާ އެކު އޯޑިއޯ ވޮއިސް އާއި ބެކް މިއުޒިކް ހިމަނާ ނަމަ، ހުށަހަޅަން ވާނީ ސާފުކޮށް އިވޭ ގޮތަށް ތައްޔާރުކޮށްފައިވާ ވީޑިއޯ އެވެ.
މުބާރާތަށް ހުށަހަޅާ ފޮޓޯތަކުގައި ތީމާ ގުޅޭ މެސެޖެއް ހިމަނަން ޖެހެ އެވެ. ފޮނުވަން ވާނީ ޕީއެންޖީ، ޖޭޕީއީޖީ ނުވަތަ ޖޭޕީޖީ ފޯމެޓްގެ ފޮޓޯ އެވެ.
ފޮޓޯ އަދި ވީޑިއޯ ޕޯސްޓުކުރަން ހަމަޖައްސާފައި ވަނީ ކެމްޕޭނުގެ ފޭސްކްބް ޕޭޖުގައި މި މަހުގެ 12 ވަނަ ދުވަހު އެވެ. ލައިކް އަދި ޝެއާކުރުމުގެ މުއްދަތު ހަމަވާނީ މި މަހުގެ 25 ގެ ނިޔަލަށެވެ.
ވީޑިއޯ މުބާރާތުން އެއްވަނައަށް ދާ ފަރާތަކަށް ދޭން ނިންމާފައި ވަނީ 15،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ. ދެވަނަ އަށް ދާ މީހަކަށް 10،000 ރުފިޔާ ލިބޭ އިރު ތިން ވަނަ އަށް ދާ މީހަކަށް ލިބޭނީ 7،000 ރުފިޔާ އެވެ.
ފޮޓޯ މުބާރާތުން އެއް ވަނަ އަށް ދާ ފަރާތަކަށް ދޭން ކަނޑައަޅާފައި ވަނީ 10،000 ރުފިޔާ އެވެ. ދެވަނަ އަށް ދާ މީހަކަށް 5،000 ރުފިޔާ ދޭ އިރު ތިން ވަނައަށް ދާ މީހަކަށް ދޭނީ 3،000 ރުފިޔާ އެވެ.