29 އޮކްޓޯބަރ 2016 - 18:49

ހަށިގަނޑުގައި ފޮރުވައިގެން 1.6 ކިލޯގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި މީހަކު އަތުލައިގެންފި އެވެ.
ކަސްޓަމްސް އިން ބުނީ މި އެއްޗެހި ރާއްޖެ އެތެރެކުރީ ތައިލެންޑު މަގުން ރާއްޖެ އައި ދިވެހި ފިރިހެންގެ އަތުން ކަމަށެވެ. މީހާ އަތުލައިގަތީ މިދިޔަ ބުދަ ދުވަހު ރާއްޖެ އައިއިރު ޝައްކުވާ ފަދަ ކަންތައްތަކެއް ފާހަގަވެގެން، އިތުރަށް ބެލިބެލުމުން ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
އޭނާގެ ހަށިގަނޑުގެ އެކި ތަންތަނުގައި ފޮރުވާފައި ހުރި މަސްތުވާތަކެތި އަޅާފައިވާ 115 ބުލެޓް ފެނުނެވެ.
އެ މީހާ އާއި މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ.
މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރުމަކީ އުމުރަށް ޖަލަށްލުމާ އެކު ބޮޑެތި ޖޫރިމަނާ ކުރެވޭ ކުށެކެވެ. މަސްތުވާތަކެއްޗާ ބެހޭ ގާނޫނު ބުނާގޮތުން މީހެއްގެ ހަށިގަނޑުން ނުވަތަ މީހެއްގެ ބެލުމުގެ ދަށުގައި ހުރި ތަނަކުން ނުވަތަ އެއްޗަކުން މަސްތުވާއެއްޗެއް ފެނިއްޖެ ނަމަ އެހެން ގޮތަކަށް ސާބިތުނުވާހާ ހިނދަކު ބެލޭނީ އެއީ އެ މީހެއްގެ އެއްޗެއްގެ ގޮތުގަ އެވެ.