02 އޮކްޓޯބަރ 2020 - 08:05

ޑައިރެކްޓަރު ޖޭމްސް ކެމެރަން 2009 ގައި ގެނެސްދިން ފިލްމު "އެވެޓާ" އިން ބެލުންތެރިން ގެންގޮސްދިން ޕެންޑޯރާގެ ކުލަގަދަ ހިތްގައިމު ދުނިޔެ އަށް ހިތްޖެހުނު މީހުން ބައިވަރެވެ. އެ ހިޔާލީ ދުނިޔޭގެ ކުލަތަކާ އެކު މި ވަނީ ކާރެއް އުފައްދައިފަ އެވެ.
މި ކާރަކީ ޖަރުމަންގެ މަޝްހޫރު ކާރު ކުންފުނި މާސިޑީޒް-ބެންޒްގެ އުފެއްދުމެކެވެ. "ވިޝަން އޭވީޓީއާރް" ނުވަތަ "ވިޝަން އެވެޓާ" ގެ ނަން ދީފައިވާ މި ކާރުގެ މޮޑެލްއެއް ދައްކައިލީ މި އަހަރުގެ ކުރީކޮޅު އެވެ. މި އުފެއްދުން ހަގީގަތަކަށް ހަދަން ކުރާ މަސައްކަތުގެ ތެރެއިން މިހާރު ވަނީ އަސްލު މަގުތަކަށް ނެރެ ދުއްވާލައި ޓެސްޓްކޮށްފަ އެވެ.
މީގެ ވީޑިއޯ ވެސް މިހާރު ޔޫޓިއުބްގައި އާންމުކޮށްފައިވާ އިރު ކާރުން ހަނދާން އާކޮށްދެނީ ހަމަ ޕެންޑޯރާ އެވެ. ވަރަށް ވެސް ހިތްގައިމެވެ. ކާރު ފަރުމާކޮށްފައި ވަނީ މި ޒަމާނުގެ ސިފަތަކާ އެކުގަ އެވެ. ކާރުގެ އެތެރޭގައި މާ ގޮތްގަނޑު ބޮޑުކުރުމުގެ ބަދަލުގައި އެތެރެ ފެންނަނީ ޖާގަ ވަރަށް ތަނަވަސް، ލޮލަށް ވެސް ވަރަށް ފަސޭހަކޮށެވެ.
"ވިޝަން އޭވީޓީއާރް" އާ ބެހޭ ގޮތުން މާސިޑީޒް-ބެންޒުން ނެރުނު ބަޔާނެއްގައި ބުނީ މި އުފެއްދުމަކީ ޒަމާނީ ޓެކްނޮލޮޖީ އާއި މި ޒަމާނުގެ ޑިޒައިނިންގެ ވަރަށް ވެސް ފުރިހަމަ ޗާލު އެއްޗަކަށްވާނެ ކަމަށެވެ. އެގޮތުން މި ކާރަކީ "ސިމްބައޯޓިކް އޯގަނިޒަމް" ކޮންސެޕްޓްގެ އުފެއްދުމެއް ކަމަށް ބުންޏެވެ.
"މީގައި އެންމެ ބޮޑު އެއް ތަފާތަކަށް ވާނެ އާންމުކޮށް ކާރުތަކުގައި ހުންނަ ފުރޮޅުތަކަށް ވުރެ މާ ތަފާތު ފުރޮޅުތަކެއް ހުރުން،" މާސިޑީޒް-ބެންޒުން ބުންޏެވެ. "އެގޮތުން މުޅި އެތި ކޮންޓްރޯލްކޮށް ދިނުމުގައި ފްރޮޅުތައް މަސައްކަތްކުރާނެ މަލްޓިފަންކްޝަނަލް ކޮންޓްރޯލް އިލެމެންޓެއްގެ ގޮތުގައި."
"ވިޝަން އޭވީޓީއާރް" ގެ ހާއްސަ އަނެއް ސިފަ އަކީ އޭގެ ބްރޭކް/އެކްސެލެރޭޓް ކޮންޓްރޯލްކޮށް ދިނުމުގައި ބޭނުންކޮށްފައިވާ "ބައޯނިކް ފްލެޕްސް" އެވެ. މި ކާރަކީ ސައްތަ އިން ސައްތަ އިލެކްޓްރިކް އުފެއްދުމެކެވެ.
"ވިޝަން އޭވީޓީއާރް" ހަގީގަތަކަށްވުމުގެ މަރުހަލާގައި މިހާރު އޮތަސް އާންމުކޮށް ގަންނަން ލިބޭނެ އިރެއް އަދި ނޭނގެ އެވެ.