އެމެރިކާގެ ރިޔާސީ ބަހުސްގެ ގަވާއިދު ބަދަލު ކުރަނީ
އެމެރިކާގެ ރިޔާސީ ބަހުސްގެ ގަވާއިދު ބަދަލު ކުރަނީ

ވޮޝިންޓަން (އޮކްޓޯބަރު 1) - ރައީސް ޑޮނަލްޑް ޓްރަމްޕާއި ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑަން އެންމެ ފަހުން ބޭއްވި ބަހުސްގައި ބަދަލުކުރި ޒުވާބު ކުރުމާއި ފުރައްސާރަ އާއި މަލާމާތުގެ ބަސްތަކަށް ފަހު، ރިޔާސީ ބަހުސްގެ ގަވާއިދު ބަދަލު ކުރަން، ބަހުސްގެ ކަންކަން ބަލަހައްޓާ ކޮމިޝަނުން ނިންމައިފި އެވެ.

އެ ގޮތުން ގެންނަ އެއް ބަދަލަކީ ކެންޑިޑޭޓަކު އަނެއް ކެންޑިޑޭޓެއްގެ ވާހަކަ އަށް ހުރަސް އަޅާ ނަމަ މައިކްރޯފޯން ކަނޑާލުމެވެ. ފުރަތަމަ ބަހުސް އަށް ފަހު އެމެރިކާ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަނީ ފާޑުކިޔުންތައް އަމާޒުވެފަ އެވެ. ކޮމިޝަނުން ގެންނަ ބަދަލަށް ޓްރަމްޕުގެ ޓީމުން މިހާރު ވެސް ވަނީ ދެކޮޅު ހަދައިފަ އެވެ. ކެމްޕޭނުގެ ކޮމިއުނިކޭޝަން ޑިރެެކްޓަރު ޓިމް މާޓައު ވިދާޅުވީ އަންގާރަ ދުވަހުގެ ބަހުސް އިން އެނގިގެން ދިޔައީ "ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން" ކަމަށެވެ. އަދި ބަހުސްގެ ގަވާއިދަށް ގެންނަ ބަދަލަށް އޭނާ ވަނީ ފާޑު ވިދާޅުވެފަ އެވެ.

ކޮމިޝަން އޮން ޕްރެޒިޑެންޝަލް ޑިބޭޓްސް (ސީޕީޑީ) އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެންމެ ފަހުން ނިމުނު ބަހުސް އިން ހާމަވެގެން ދިޔަ އެއް ކަމަކީ ކުރިއަށް އޮތް ދެ ބަހުސްގެ ގަވާއިދު ބަދަލު ކުރަން ޖެހޭކަން ކަމަށެވެ.

"އެންމެ ފަހުން ބޭއްވި ބަހުސްގެ މޮޑަރޭޓަރު ކްރިސް ވެލަސްގެ ޕްރޮފެޝަނަލިޒަމަށް ކޮމިޝަނުން ވަރަށް ބޮޑަށް ފަޚުރުވެރިވޭ. ކުރިއަށް އޮތް ބަހުސްތައް އޮމާންކަމާ އެކު ގެންދިއުމަށް ގަވާއިދަށް ވަރަށް އަވަހަށް ބަދަލުތައް ގެންނާނަން،" ކޮމިޝަނުން ބުނެފައިވެ އެވެ.

އެންމެ ފަހުގެ ބަހުސްގައި ބައިޑަންގެ ވާހަކަ އަށް ޓްރަމްޕް ވަނީ ވަރަށް ގިނަ ފަހަރު ހުރަސް އަޅުއްވައިފަ އެވެ. ނަތީޖާއެއްގެ ގޮތުން ބަހުސްގެ ހަމަ ގެއްލި ބަހުގެ ހަމަލާތަކަށް ވަނީ ބަދަލުކޮށްފަ އެވެ.

ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި ނޮވެމްބަރު 3 ވަނަ ދުވަހު އޮންނަ އިންތިހާބުގައި ވޯޓު ލާނެ ގޮތް އެމެރިކާގެ ގިނަ ބަޔަކު މިހާރު ތިބީ ނިންމައިގެންނެވެ. އެހެންކަމުން މި ބަހުސްތަކުން މާ ބޮޑު ބަދަލެއް، އާންމުންގެ ވިސްނުމަށް އަތުވެދާނެ ކަަމަކަށް، ބައެއް ތަޖުރިބާކާރުން ގަބޫލެއް ނުކުރެ އެވެ.