ސުހާނާގެ ހަމުގެ ކުލައިގެ ބަހުސް ބައްޕަ ޝާހުރުކާ ދިމާލަށް
ސުހާނާގެ ހަމުގެ ކުލައިގެ ބަހުސް ބައްޕަ ޝާހުރުކާ ދިމާލަށް

ދޮން މީހަކަށްނުވާތީ ސޯޝަލް މީޑިއާގައި އަމާޒުވަމުންދާ ފުރައްސާރަތަކަށް އެކްޓަރު ޝާހްރުކް ޚާންގެ އަންހެން ދަރިފުޅު ސުހާނާ ޚާން ރައްދު ދިނުމުން އޭނާ އަށް، ގިނަ ބަޔަކު ހާއްސަ ލަފައެއް ދޭން ފަށައިފި އެވެ.

#އެންޑްކަލަރިޒަމްގެ ނަމުގައި އިންސްޓަގްރާމްގައި ޕޯސްޓްކުރި ޝުއޫރުތަކަށް ފަހު، ގިނަ ބަޔަކު ޓްވިޓާގައި މިހާރު އަންނަނީ 20 އަހަރުގެ ސުހާނާ ދެއްކި ވާހަކަތަކަށް ތާއީދު ވެސް ކުރަމުންނެވެ. އެކަމަކު ކުލައަލި ނޫން މީހުންނާ ދޭތެރޭ މީހުން ދެކޭ ގޮތް ބަދަލުވާނީ ސުހާނާގެ ބައްޕަ ޝާހްރުކް ދޮންވާ ކްރީމް އިޝްތިހާރުކުރުން ވެސް ހުއްޓާލި އިރަކުން ކަމަށް ބުނެފައި އެވެ.

ޝާހްރުކަކީ އިންޑިއާގެ އެކްޓަރުންގެ ތެރެއިން ދޮންވާ ކްރީމް އިޝްތިހާރުކޮށްދޭ މަދު ތަރިންގެ ތެރެއިން އެކެކެވެ. އަދި މިފަހަކަށް އައިސް އެފަދަ އުފެއްދުންތައް އިޝްތިތާރުކޮށްދޭން ބަތަލާއިން ވެސް ގަބޫލެއް ނުވެ އެވެ. ކުރިން އެފަދަ އުފެއްދުންތައް އިޝްތިހާރުކޮށްދިން ތަރިން އެކަން ހުއްޓާލައި އާންމުންގެ ކިބައިން މާފަށް ވެސް އެދިފައިވެ އެވެ.

ޝާހްރުކް އިޝްތިހާރުކޮށްދޭ އެންމެ މަޝްހޫރު ދޮންވާ ކްރީމަކީ "އެމާމީ ފެއާ އެންޑް ހޭންސަމް" އެވެ.

މިކަމާ ގުޅުވައިގެން ސުހާނާ އަށް ލަފާ ދިން ބައެއް މީހުން ބުނެފައި ވަނީ ހަމުގެ ކުލަ މައްސަލައަކަށްވެގެން އެ ވާހަކަ ބަޔަކު ދައްކާ ނަމަ އެކަން އެންމެ ފުރަތަމަ ހުއްޓުވަން ޖެހެނީ ގޭތެރެއިން ކަމަށެވެ.

އެހެންވެ ދޮންވާ ކްރީމް އިޝްތިހާރުކުރުން ހުއްޓައިލަން ބައްޕަ ގާތު ސުހާނާ އެދެން ޖެހޭ ކަމަށް ބުނެފައިވެ އެވެ. އަދި ބައެއް މީހުން ސުހާނާ އަށް ފާޑު ވެސް ކިޔާފައިވެ އެވެ. އެއީ އޭނާގެ ބައްޕަ އަކީ ދޮންވާ ކްރީމް އިޝްތިހާރުކުރާ މީހެއްކަން ކަނޑައެޅިގެން އެނގިހުރެ އެހެން މީހުންނާ ދިމާއަށް އިނގިލި ދިއްކުރާ ކަމަށް ބުނެ އެވެ. އަދި އެކަމުން ދޭހަކޮށްދެނީ ދެފުށް ދެގޮތްކަން ކަމަށް ވެސް ބައެއް މީހުން ބުންޏެވެ.

ބައެއް މީހުން ބުނެފައިވާ ގޮތުގައި ސުހާނާ ދޮން މީހަކަށްނުވާތީ އާންމުން ކިޔާ ފާޑުކިޔުންތަކަށް ސޯޝަލް މީޑިއާގައި ރައްދު ދިނުމަށް ވުރެ ރަނގަޅުވާނީ ބައްޕަ އަށް ނަސޭހަތްދީ އިސްލާހު ކުރުމެވެ.

އިންސްޓަގްރާމްގައި ސުހާނާ ބުނީ އޭނާ ދޮން މީހަކަށް ނުވާތީ ތަކުރާރުކޮށް އެތައް ބަޔަކު ސިފަ އަށް މަލާމާތްކޮށް ފުރައްސާރަކުރަމުންދާ ކަމަށެވެ. އަދި އެކަމަކީ އުމުރުން އެންމެ 12 އަހަރުން ފެށިގެން މި ކުރިމަތިލާން ޖެހިފައިވާ ކަމެއް ކަމަށާއި އެކަން ކުރަނީ އަމިއްލަ ގައުމުގެ ރައްޔިތުން ކަމަށް ވެސް ބުނެފައިވެ އެވެ. އެކަމަކު ދޮން މީހަކަށް ނުވުމަކީ އޭނާ ދެރަވެ، ކަންބޮޑުވާ ކަމެއް ނޫން ކަމަށް ބުންޏެވެ.