އިތުރު ގްރޭޑުތަކަށް ވެސް ސްކޫލު ހުޅުވޭތޯ އެބަ ބަލަން: މިނިސްޓަރު
އިތުރު ގްރޭޑުތަކަށް ވެސް ސްކޫލު ހުޅުވޭތޯ އެބަ ބަލަން: މިނިސްޓަރު

އިތުރު ގްރޭޑުތަކުގެ ދަރިވަރުންނަށް ވެސް ސްކޫލުގައި ކިޔަވައިދެވޭތޯ ބަލަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ރޭ ވިދާޅުވެއްޖެ އެވެ.

އިތުރު ގްރޭޑުތަކަށް ވެސް ސްކޫލު ހުޅުވޭތޯ އެބަ ބަލަން: މިނިސްޓަރު
އިތުރު ގްރޭޑުތަކަށް ވެސް ސްކޫލު ހުޅުވޭތޯ އެބަ ބަލަން: މިނިސްޓަރު

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން ސްކޫލުތައް ބަންދުކޮށް، ކިޔަވައިނުދެވޭތީ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އެކަމުގެ އަސަރުތައް ދަރިވަރުންނަށް ކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދަރިވަރުންގެ ކިޔެވުމަށް ކޮށްފައިވާ އަސަރު ދެނެގަތުމުގެ މަސައްކަތް ދިރާސާކުރާ ފަރާތްތަކުން ކުރަމުން އަންނައިރު، އެކަމުން އެނގެނީ ލާނިން ލޮސް ނުވަތަ އުނގެނުމުގެ ހުނަރު ވަރަށް ބޮޑަށް ދަށްވަމުންދާ ކަމެވެ. އެހެންވެ އެފަދަ ސަބަބުތަކާ ހުރެ، ސްކޫލުގައި ކިޔަވައިދިނުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދަރިވަރުންގެ ސިއްހަތުގެ ރައްކާތެރިކަމަށް ފިޔަވަޅު އެޅިގެން "ސްކޫލަށް ގެނެސް ކިޔަވައިދެވެންޏާ، ތައުލީމީ ދާއިރާގައި އުޅޭ އެންމެން ވެސް ދަރިވަރުން ސްކޫލަށް ގެންނަން" ބާރު އަޅާނެ ކަމަށެވެ.

"އޭގެއިން ދަރިވަރުންނަށް ވާ ފައިދާތައް ހަމަ ވަރަށް ބޮޑު. އަޅުގަނޑުމެން މި އަޅާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު، އަޅުގަނޑުމެންނަށް ވަރަށް ޔަގީންކަން އެބަ އޮތް ދަރިވަރުންނަށް ސްކޫލު ތެރެއިން މި ބަލި ނުފެތުރޭނެކަން،" ބެލެނިވެރިންނަށް ޔަގީންކަން ދެއްވަމުން، މިނިސްޓަރު ވިދާޅުވި އެވެ.

"އެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައި ހަމަ ދަރިވަރުންގެ އުނގެނުން ކުރިއަށް ގެންދިއުމަށްޓަކައި މަސައްކަތްކުރުމަށް ސްކޫލުތައް ހުޅުވިގެން ދިޔައީ. އަދި އިތުރަށް ވެސް މި ބަލަނީ، އިތުރު ގްރޭޑުތަކަށް ވެސް ސްކޫލު ހުޅުވޭތޯ."

މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ގްރޭޑް 9-12 އަށް ކިޔަވައިދޭން އަންނަ ހަފުތާގައި ފަށާނެ އެވެ. މިއީ މާލެ ސަރަހައްދުގެ ސްކޫލްތަކުގެ އެ ގްރޭޑްތަކަށް ކިޔަވައިދޭން ފަށާ ދެވަނަ ފަހަރެވެ. މާލޭގައި ކޮވިޑް-19 ފެތުރެން ފެށުމުން ސްކޫލްތައް ބަންދުކުރި ފަހުން ޖުލައި މަހު ހުޅުވި އެވެ. އެކަމަކު ބަލި ހާލަތު މައްޗަށް ދާން ފެށުމުން އަނެއްކާވެސް ބަންދުކުރީ އެވެ.

ޑރ. އައިޝަތު އަލީ ވިދާޅުވީ ނިއު ނޯމަލްގައި ފުރަތަމަ ސްކޫލުތައް ހުޅުވައިގެން ލިބުނީ ރަނގަޅު ފިލާވަޅުތަކެއް ކަމަށެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވެސް އެކަން ޔަގީންކޮށްދޭއިރު، ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ސަބަބުން ސްކޫލު ތެރެއިން އެއްވެސް ކްލަސްޓާއެއް ނުފެންނަ ކަމަށް ވިދާޅުވި އެވެ.