01 އޮކްޓޯބަރ 2020 - 10:57

ތިމާވެށީގެ ސިއްހަތު ބިނާވެފައި ވަނީ އިންސާނުންނަށް ލިބިފައިވާ ސައިންޓިފިކް އިލްމާއި ޓެކްނޮލޮޖީގެ ބޭނުން ހިފާ ގޮތުގެ މައްޗަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވިދާޅުވެއްޖެ އެވެ.
ނިއު ޔޯކްގައި ހުންނަ އދ.ގެ މައި މަރިކަޒުގައި ވާޗުއަލްކޮށް ބޭއްވި އދ.ގެ ބަޔޯޑައިވަސިޓީ ސަމިޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މޫސުމީ ކަންކަމަށް ރާއްޖެއިން ވަރަށް ބޮޑު ސަމާލުކަމެއް ދޭނެ ކަމަށެވެ. މިދިޔަ އަހަރު ބޭއްވި އދ.ގެ 74 ވަނަ އާންމު މަޖިލީހުގެ ހަވާސާގައި ރާއްޖެއިން 'ކްލައިމެޓް ރެޒީލިއަންޓް އައިލެންޑް އިނީޝިއޭޓިވް' މޮޑެލް ހުށަހެޅިކަން ފާހަގަކުރައްވައި ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަލުތައް ކުޑަކުރުމަށާއި، ބޮޔޯޑައިވާސިޓީ ދެމެހެއްޓުމުގައި ބައިނަލްއަގްވާމީ ބައިވެރިންނާ އެކު ރާއްޖެއިން މަސައްކަތްކުރާނެ ކަމަށެވެ.
މީގެ އިތުރަށް 'ކްލައިމެޓް ރެޒީލިއަންޓް އައިލެންޑް އިނީޝިއޭޓިވް' އަކީ ރާއްޖެ ފަދަ ކުދި ޖަޒީރާ އެހެން ގައުމުތަކުގައި ވެސް ދެމެހެއްޓެނިވި ގޮތެއްގައި ގުދުރަތީ ރީތިކަން ހިމާޔަތްކުރުމާއި އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް މަދުކުރުމާއި އިއާދަކުރަނިވި ހަކަތަ ބޭނުންކުރުން ފަދަ ކަންކަމަށް ބޭނުންކުރެވިދާނެ ނަމޫނާ މޮޑެލްއެއްކަން ރައީސް ފާހަގަކުރެއްވި އެވެ.
ދުނިޔޭގެ ކަނޑުތައް ހިމާޔަތްކުރަން ވަކާލާތުކުރާ އަދި އެކަމުގައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާ ގުޅިގެން ރާއްޖޭގެ ކަނޑުތައް ހިމާޔަތްކުރުމުގައި ކުރަމުން އަންނަ މަސައްކަތްތަކާ މެދު ވެސް ރައީސް ވާހަކަފުޅު ދެއްކެވި އެވެ. އެގޮތުން ރާއްޖޭގެ ކަނޑުފަޅުތަކުގައި ސައިންޓިފިކް އެކްސްޕެޑިޝަންތައް ކުރިޔަށް ގެންދާކަން ފާހަގަކުރައްވައި ވިދާޅުވީ މި އެކްޕެޑިޝަންތަކުގެ ނަތީޖާއަށް ބަލައި ނޫ އިގްތިސޯދެއް ބިނާކުރުމުގައި ގުދުރަތީ ދިރުންތައް ދެމެހެއްޓޭނެ ގޮތަކަށް ސިޔާސަތުތައް އެކަށައަޅައި ކުރިޔަށް ދާން ބޭނުންކުރާނެ މެރިޓައިމް ޕްލޭންތައް އެކުލަވާލާނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖެއިން އަންނަނީ 2023ގެ ކުރިން ސިންގަލް ޔޫޒް ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލަން މަސައްކަތްކުރަމުންނެވެ.