ލުކާކޫގެ ދެ ގޯލުން އިންޓަ މޮޅުވެއްޖެ
ލުކާކޫގެ ދެ ގޯލުން އިންޓަ މޮޅުވެއްޖެ

ބެނެވެންޓޯ (އޮކްޓޫބަރު 1) – ބެލްޖިއަމް ފޯވާޑް ރޮމަލޫ ލުކާކޫގެ ދެ ގޯލާ އެކު އިންޓަ މިލާނުން އިޓާލިއަން ލީގުގައި ރޭ ރަށުން ބޭރުގައި ބެނެވެންޓޯ އަތުން 5-2 އިން މޮޅުވެއްޖެ އެވެ.

މި ކާމިޔާބާ އެކު އިންޓަ ވަނީ ފުރަތަމަ ދެ މެޗުން ހަ ޕޮއިންޓް ހޯދައި ތިން ވަނަ އަށް އަރައިފަ އެވެ. އެ އަދަދަށް ޕޮއިންޓް ހޯދައިގެން ލަނޑުގެ ތަފާތުން އިންޓަ އަށް ވުރެ ކުރީގައި އޮތީ ނަޕޯލީ އާއި އެޓަލާންޓާ އެވެ. އިންޓަ އަށް ވުރެ ފަހަތުގައި އޮތީ ހެލަސް ވެރޯނާ އާއި އޭސީ މިލާނެވެ. ޗެމްޕިއަން ޔުވެންޓަސް އަށް ފުރަތަމަ ދެ މެޗުން ހޯދުނީ ހަތަރު ޕޮއިންޓެވެ.

ރޭގެ މެޗުގެ ފުރަތަމަ މިނެޓުގައި އަޝްރަފް ހަކީމީ ދިން ބޯޅައަކުން ލުކާކޫ ވަނީ ލީޑު ނަގައިފަ އެވެ. އިންޓަގެ ދެ ވަނަ ގޯލް 25 ވަނަ މިނެޓުގައި ޖެހީ ރޮބާޓޯ ގަގްލިއަޑިނީ އެވެ. އަދި އޭނާ ދިން ބޯޅައަކުން އޭގެ ތިން މިނެޓު ފަހުން ލުކާކޫ އިތުރު ލަނޑެއް ޖެހި އެވެ.

އޭގެ ފަހުން ބެނެވެންޓޯގެ ޖިއަންލޫކާ ކަޕްރަރީ ތަފާތު ކުޑަކޮށްފައިވަނިކޮށް ފުރަތަމަ ހާފުގެ ފަހުކޮޅު އިންޓަ ހަތަރު ވަނަ ލަނޑު ޖެހީ ހަކީމީ އެވެ. މޮރޮކޯ އަށް އުފަން ދުވެލި ބާރު ފުލްބެކް ހަކީމީ އަކީ ރެއާލް މެޑްރިޑުގެ ލޯނެއްގެ ދަށުން މިދިޔަ ސީޒަނުގައި ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅުނު ކުޅުންތެރިއެކެވެ. އިންޓަގެ ފަސް ވަނަ ގޯލް 71 ވަނަ މިނެޓުގައި ލޮޓާރޯ މާޓިނޭޒް ޖަހާފައިވަނިކޮށް ބެނެވެންޓޯގެ ދެ ވަނަ ގޯލް 76 ވަނަ މިނެޓުގައި ޖެހީ ކަޕްރާރީ އެވެ.

ރޭ އެޓަލާންޓާ އިން ވަނީ ރަށުން ބޭރުގައި ލާޒިއޯ އަތުން 4-1 އިން މޮޅުވެފަ އެވެ. މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ވާދަކުރި އެޓަލާންޓާގެ އަލެހަންދްރޯ ގޯމޭޒް ދެ ލަނޑު ޖެހި އެވެ. އަނެއް ދެ ލަނޑު ޖެހީ ރޮބިން ގޮސެންސް އާއި ހަންސް ހަޓެބޮއާ އެވެ. ލާޒިއޯގެ ހަމައެކަނި ލަނޑު ޖެހީ ފެލިއްޕޭ ސައިސޭޑޯ އެވެ.

މިދިޔަ ސީޒަނުގެ އިޓާލިއަން ލީގުގެ ޗެމްޕިއަންކަމަށް ވަރަށް ބޮޑަށް ވާދަކުރި ލާޒިއޯ މި ސީޒަނުގައި ފެންނަނީ ކުރިއާ ބަލާއިރު އެހާ ވަރުގަދަކޮށެއް ނޫނެވެ. އެކަމަކު ފުރަތަމަ މެޗުން ރަށުން ބޭރުގައި ކަލިއާރީ އަތުން 2-0 އިން މޮޅުވި އެވެ.