01 އޮކްޓޯބަރ 2020 - 04:29

މެޑްރިޑް (އޮކްޓޫބަރު 1) – ބްރެޒިލްގެ ޒުވާން ފޯވާޑް ވިނީޝަސް ޖޫނިއާގެ ގޯލާ އެކު ސްޕެނިޝް ލީގުގައި ރޭ ރެއާލް ވަޔަޑޮލިޑް އަތުން 1-0 އިން ޗެމްޕިއަން ރެއާލް މެޑްރިޑް މޮޅުވެއްޖެ އެވެ.
ރޭގެ މެޗުގައި ކަރިމް ބެންޒެމާއާ އެކު ރެއާލުން ފޯވާޑް ލައިން ބަލަހައްޓަން ފުރުސަތުދިނީ ސާބިއާގެ ލޫކާ ޔޮވިޗް އަށެވެ. އެކަމަކު އޭނާ ފުރުސަތުގެ ބޭނުން ނުހިފުމުން ބަދަލުގައި އެރުވި ވީނިޝިއަސް ވަނީ 65 ވަނަ މިނެޓުގައި ގޯލް ޖަހައިފަ އެވެ. އޭނާ މި ލަނޑު ޖެހީ ވަޔަޑޮލިޑްގެ ޑިފެންސުން ހަދަމުން ދިޔަ ގޯސްތަކެއްގެ ފައިދާ ނަގަ އެވެ.
މި މޮޅާ އެކު ރެއާލް ވަނީ ފުރަތަމަ ތިން މެޗުން ހަތަރު ޕޮއިންޓް ހޯދައިފަ އެވެ. އެ ޓީމު އޮތީ ލަނޑުގެ ތަފާތުން ތިން ވަނައިގަ އެވެ. އެ އަދަދަށް ދެން ޕޮއިންޓް ހޯދާފައިވަނީ ގެޓަފޭ އާއި ވެލެންސިއާ އެވެ. ވާދަވެރި ބާސެލޯނާ ކުޅުނު ހަމައެކަނި މެޗުން ވަނީ މޮޅުވެފަ އެވެ. އެ ޓީމުން މިރޭ ސެލްޓާ ވީގޯއާ ދެކޮޅަށް ކުޅޭނެ އެވެ.
ޕޯޗުގަލްގެ ބެންފީކާ އިން މިދިޔަ އަހަރު 60 މިލިއަން ޔޫރޯ އަށް ރެއާލާ ގުޅުނު ފޯވާޑް ޔޮވިޗަށް އަދި ޖެހުނީ އެންމެ ދެ ގޯލެވެ. މި ސީޒަނުގައި ލޯން އުސޫލުން ކްލަބް ދޫކޮށްލާނެ ކަމަށް ބެލެވެ އެވެ. އޭނާ ގެންދަން ޝައުގުވެރިވަނީ މެންޗެސްޓާ ޔުނައިޓެޑާއި ރޯމާ އިންނެވެ. ޔޮވިޗް ދާތީ އާއި އަދި ގަރެތު ބޭލް އާއި ހަމެސް ރޮޑްރިގޭޒް ވެސް ކްލަބް ދޫކޮށްލާފައިވާތީވެ، މި ސީޒަނުގައި ވިނީޝަސް އަށް އެކަށީގެންވާ ފުރުސަތު ލިބޭނެ ކަމަށް ބެލެވެ އެވެ.
ރޭގެ މެޗުގެ ކުރިން ރެއާލުން ވަނީ ޕްލޭމޭކާރު އެޑެން ހަޒާޑުގެ ކަނާތު ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން ދެ ހަފުތާ އަށް ކުޅުމާ ދުރަށް ދާން ޖެހިފައިވާ ކަމަށް އިއުލާންކޮށްފަ އެވެ. ރެއާލުގެ ފުރަތަމަ ދެ މެޗުން ހަޒާޑަށް ކޯޗު ޒައިނުއްދީން ޒިދާން ފުރުސަތު ނުދިނީ މިދިޔަ ސީޒަނުގައި ދިމާވި ކުޑަހުޅުގެ އަނިޔާ އިން އެއްކޮށް ފިޓްވުމަށް ފަހު ފުރުސަތު ދޭށެވެ. ރޭގެ މެޗަކީ އޭނާ ކުޅެން އޮތް މެޗެވެ. ޗެލްސީން މިދިޔަ ސީޒަނުގައި 117 މިލިއަން ޑޮލަރަށް ގެނައި ހަޒާޑަށް އަދި ރެއާލުގައި އެދެވޭ ކުޅުމެއް ނުދެއްކެ އެވެ. މިދިޔަ ސީޒަނުގައި ވެސް ބޮޑުބައި ހޭދަކުރީ އެކި އަނިޔާތަކުގައި ކުޅުމާ ދުރުގަ އެވެ.