ލަންކާގައި ގެރި ކަތިލުން މަނާކުރަނީ
ލަންކާގައި ގެރި ކަތިލުން މަނާކުރަނީ

ކޮލަމްބޯ (އޮކްޓޯބަރު 1) - ސްރީ ލަންކާގައި ގެރި ކަތިލުން ވަރަށް އަވަހަށް މަނާ ކުރުމަށް ސަރުކާރުން ނިންމައިފި އެވެ.

ލަންކާގައި ނުފޫޒް ގަދަ ބުޑިސްޓުންގެ ހިތް ރުހޭނެ ގޮތަށް ގެރި ކަތިލުން މަނާކުރުމަށް އަންގާރަ ދުވަހު ބޭއްވި ކެބިނެޓުގެ ބައްދަލުވުމުގައި ވަނީ ފާސްކޮށްފަ އެވެ. ގެރި ކަތިލުން މަނާކުރުމަށް ވެރިކަން ކުރާ ޕާޓީގެ ޕާލަމެންޓަރީ ގްރޫޕަށް ސެޕްޓެމްބަރު 8 ވަނަ ދުވަހު ހުށަހެޅުއްވީ ބޮޑުވަޒީރު މަހިންދާ ރާޖަޕަކްސާ އެވެ.

ލަންކާގައި ގެރިކަތިލުން މަނާކުރުމުން ގެރިމަސް އެ ގައުމަށް ފަސޭހާ އިން އިމްޕޯޓްކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ލަންކާގައި ފަހަކަށް އައިސް ގެރިމަސް ބޭނުންކުރާ މިންވަރު ވަނީ ވަރަށް ބޮޑުތަން މަދުވާން ފަށައިފަ އެވެ. ލަންކާގައި މިދިޔަ އަހަރު އުފައްދާފައި ވަނީ 29،870 ޓަނުގެ ގެރި މަހެވެ. އޭގެ 10 އަހަރު ކުރިން ވަނީ 38،700 ޓަނުގެ ގެރި މަސް އުފައްދައިފަ އެވެ. ލަންކާ އަށް މިދިޔަ އަހަރު އިމްޕޯޓްކޮށްފައި ވަނީ 116 ޓަނުގެ ގެރި މަހެވެ. ބުޑިސްޓުންނާއި ހިންދޫން ގެރި މަސް ނުކަނީ ދީނީ ސަބަބަކަށްޓަކަ އެވެ. ލަންކާގައި ގެރި މަސް ގިނައިން މިހާރު ބޭނުން ކުރަނީ 21 މިލިއަން މީހުން ހިމެނޭ ގައުމުގެ 10 ޕަސެންޓް ހިއްސާ ކުރާ މުސްލިމް އާބާދީ އެވެ. ލަންކާގެ އާބާދީގެ 70 ޕަސެންޓަކީ ބުޑިސްޓުންނެވެ. އަދި 12.5 ޕަސެންޓަކީ ހިންދޫންނެވެ.

ހިންދޫ ނޭޝަނަލިސްޓް ސަރުކާރު ވެރިކަމަށް އައުމަށް ފަހު އަވަށްޓެރި އިންޑިއާގެ ބައެއް ސްޓޭތްތަކުގައި ވެސް ވަނީ ގެރި ކަތިލުންމަނާ ކޮށްފަ އެވެ.