01 އޮކްޓޯބަރ 2020 - 10:39

ޝިކާގޯ (އޮކްޓޯބަރު 1) - އެމެރިކާގެ މޮޑާނާ ކުންފުނިން ކޮވިޑް-19 އަށް އުފެއްދި ވެކްސިން އުމުރުން ދުވަސްވީ މީހުންނަށް ދީގެން ވެސް ކާމިޔާބު ކަމަށް ދިރާސާ އިން ދައްކައިފި އެވެ.
މޮޑާނާގެ ވެކްސިން ދިން ދުވަސްވީ މީހުންގެ ހަށިގަނޑުގައި ވަނީ، ވެކްސިން ދިން ޒުވާނުންގެ ހަށިގަނޑުގައި އެންޓިބޮޑީސް އުފައްދާ ވަރަށް، އުފައްދައިފަ އެވެ. ނިއު އިންގްލެންޑް ޖާނަލް އޮފް މެޑިސިންގައި ޝާއިއުކޮށްފައިވާ މި ދިރާސާ އިން އެނގޭ ގޮތުގައި މޮޑާނާގެ ވެކްސިން، ދުވަސްވީ މީހުންނަށް ވެސް ދީގެން ވަނީ އެ ވެކްސިންގެ ރައްކާތެރިކަން ކަށަވަރުކޮށްފަ އެވެ.
ކޮރޯނާވައިރަހަށް ވެކްސިން އުފެއްދުމުގައި އެންމެ ކުރީގައި އުޅޭ މޮޑާނާ ކުންފުނީގެ ވެކްސިންގެ ތިން ވަނަ ފޭސް ފަށާފައި ވަނީ ޖުލައި މަހު އެވެ. މި މަހު 22 ގައި އެ ފޭސް ނިންމާލުމުގެ ކުރިން 30،000 މީހުންނަށް އެ ކުންފުނީގެ ވެކްސިން ދޭނެ އެވެ. މޮޑާނާގެ ވެކްސިންގެ ޓްރަޔަލްގެ ފުރަތަމަ ސްޓޭޖުގައި ވެކްސިން ދިން 45 މީހުންގެ ހަށިގަނޑުގައި ވައިރަހާ ދެކޮޅަށް އެންޓިބޮޑީސް އުފެދިފައިވެ އެވެ.
އެމެރިކާގެ ބަޔޯޓެކްނޮލޮޖީ ކުންފުނީގެ ވެކްސިން ތައްޔާރުކޮށްފައި ވަނީ މިހާތަނަށް އަދި ވެކްސިނެއް އުފައްދާފައި ނުވާ ޓެކްނޮލޮޖީއެއް ބޭނުންކޮށްގެންނެވެ. ވެކްސިންގެ މައިގަނޑަކީ ކޮރޯނާވައިރަސްގެ ޖެނެޓިކްގެ ބައެއް ކަމަށްވާ އެމް-އާރުއެންއޭ އެވެ. ޓްރަޔަލްގައި ބޭނުންކުރި މީހުންގެ ހަށިގަނޑުގައި އެންޓިބޮޑީސް އުފެދުމުން އެ ނަގައި، ލެބޯޓްރީގައި ޓެސްޓް ހެދީ، ކޮރޯނާވައިރަސްގެ ސަބަބުން އިންފެކްޓްވެފައި ހުރި ސެލްތަކެއް ބޭނުންކޮށްގެންނެވެ. ނަތީޖާ ދެއްކީ ވައިރަސް އިތުރުވުން ހުއްޓުވާ ކަމެވެ. ވައިރަސްގެ ނުރައްކާ ބޮޑުވަނީ ހަށިގަނޑު ތެރެއަށް ވަދެ ސެލްތައް ބޭނުންކޮށްގެން ގިނަވެގަންނާތީ އެވެ. ވެކްސިނެއް ކާމިޔާބުވާނީ ވައިރަސްގެ އެ ގިނަވުން ހުއްޓުވައިދޭ ނަމަ އެވެ.
މޮޑާނާ އިން ބޭނުންކުރާ ޓެކްނޮލޮޖީގައި މިހާތަނަށް އެއްވެސް ވެކްސިނެއް ތައްޔާރުކޮށް އިންސާނުންނާ ހަމައަކަށް ނާދެ އެވެ. އާންމުކޮށް ވެކްސިން ހަދަނީ އަސްލު ވައިރަސް ބޭނުންކޮށްގެންނެވެ. އެކަމަކު ވައިރަސްގެ ޖެނެޓިކް މެޓީރިއަލްސް ހިމަނައިގެން ވެކްސިނެއް އުފެއްދިއްޖެ ނަމަ އެއީ ގިނަ އަދަދަކަށް ތައްޔާރުކުރަން ވެސް ފަސޭހަވާނެ އީޖާދެކެވެ.