ގައިޑްލައިނަށް ފެތޭ ކަމަށް ބުނެ އެޗްޕީއޭގެ ފޭކް ސްޓިކާ ޖަހަނީ!
ގައިޑްލައިނަށް ފެތޭ ކަމަށް ބުނެ އެޗްޕީއޭގެ ފޭކް ސްޓިކާ ޖަހަނީ!

ކޮވިޑް-19އިން ރައްކާތެރިވުމަށް ރެސްޓޯރަންޓްތަކާއި ފިހާރަ އަދި ހިދުމަތް ދޭ ތަންތަނުން އަމަލު ކުރުމަށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ ގައިޑްލައިނަށް ފެތޭ ކަމަށް ބުނެ އެ އެޖެންސީގެ ފޭކް ސްޓިކާ ބައެއް ތަންތަނުގައި ޖަހާ މައްސަލަ ފެންމަތިވެއްޖެ އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޭއޯ)އިން މިރޭ ބޭއްވި ނޫސްްވެރިންގެ ބައްދަލުވުމެއްގައި އެތަނުގެ ތަރުޖަމާނު، ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ހިދުމަތް ދޭ ބައެއް ތަންތަނުން، އެޗްޕީއޭގެ ފޭކް ސްޓިކާ އާއި ލިޔުން ހަރުކޮށްފައިވާކަން އެނގުނީ އެތަންތަން އިންސްޕެކްޓު ކުރަން ދިޔުމުން ކަމަށެވެ. ގައިޑްލައިނަށް ފެތޭ ކަމަށް ބުނެ، އަމިއްލައަށް ހަދާފައިވާ ސްޓިކާ ޖަހާފައިވާކަން ފަޅާ އެރީ، ނަޒްލާ ވިދާޅުވި ގޮތުގައި ސްޓިކާ ޖަހާފައިވާ ހުރިހާ ތަނެއްގެ ތަފްސީލު އެޗްއީއޭއޯގައި ހުރުމުންނެވެ.

"ސްޓިކާ ޖެހި ތަންތަނާއި އިންސްޕެކްޓް ކުރި ހުރިހާ ތަނެއްގެ ޑީޓެއިލް އަޅުގަނޑުމެންގެ އަތުގައި ހުންނާނެ. ދެން އެހެން ނެތް ދެ ތަނެއްގައި ސްޓިކާ ޖަހާފައި ހުރުމުން މި އެނގުނީ،" އޭނާ ވިދާޅުވި އެވެ.

ޑރ. ނަޒްލާ ވިދާޅުވީ ގައިޑްލައިނާ އެއްގޮތަށް އެ ތަންތަނުން ހިދުމަތް ދިން ނަމަވެސް، ދޫނުކުރާ ލިޔުމެއް ބޭނުން ކުރުމުން ފިޔަވަޅު އަޅާފައިވާ ކަމަށެވެ.

އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އަމަލު ކުރޭތޯ ބެލުމަށް، އެޗްއީއޭއޯގެ ޓީމުތަކުން ހިދުމަތް ދޭ ތަންތަން ގަވައިދުން ޗެކް ކުރެ އެވެ. ޑރ. ނަޒްލާ ވިދާޅުވީ މި ގޮތަށް ޓީމު ތަކުން ދާއިރު، އެ ތަންތަނުން އަމަލު ކުރަނީ ވަރަށް ރަނގަޅަށް، ގަވައިދާ އެއްގޮތަށް ކަމަށާއި އެގޮތުން، ފިހާރަ ފަދަ ތަންތަނުގައި، އެތެރެއަށް ވަދެވޭނެ މީހުންގެ އަދަދު ވެސް ދޮރުގައި ހަރުކޮށްފައި ހުންނަ ކަމަށެވެ. އެކަމަކު، ގައިޑްލައިނަށް ފެތޭ ކަމަށް ނިންމައި، ސްޓިކާ ދިނުމާއެކު ގަވައިދާ ހިލާފަށް އަމަލު ކުރާކަން ފާހަގަ ވެފައިވާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގައިޑްލައިންތައް ތައްޔާރުކޮށްފައި މިހީޜި އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް. މިއީ ހަމައެކަނި އިންސްޕެކްޓް ކުރާ ވަގުތަކަށް ތައްޔާރު ކުރާ އެއްޗެއް ނޫން. އެހެންވެ، ހުުރިހާ ބޭފުޅުން ވެސް، މިކަމަށް ސަމާލުކަން ދިނުން އެދެން،" ޑރ. ނަޒްލާ ވިދާޅުވި އެވެ.