ކޮވިޑް ނެތް ރަށްރަށުގައި ސްކޫލުގައި ކިޔަވައިދޭ ވަގުތު އިތުރުކުރަނީ
ކޮވިޑް ނެތް ރަށްރަށުގައި ސްކޫލުގައި ކިޔަވައިދޭ ވަގުތު އިތުރުކުރަނީ

ކޮވިޑް-19 ނެތް ރަށްރަށުގައި ސްކޫލުގައި ކިޔަވައިދޭ ވަގުތު އިތުރުކުރަން ނިންމައިފި އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި މިރޭ ބޭއްވި ނިއުސް ކޮންފަރެންސްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ، އާ އާއްމު ހާލަތަކުން، އާއްމު ހާލަތަކަށް ބަދަލުވުމަށް މަސައްކަތްކުރަމުން އަންނައިރު، ސްކޫލުތަކުގައި ކިޔަވައިދޭ ވަގުތު ވެސް އިތުރުކުރަން ނިންމާފައިވާ ކަމަށެވެ.

ބަލިން ރައްކާތެރިވުމަށް މާޗު 12 ގައި ސްކޫލުތައް ބަންދުކޮށްފައި އޮތުމަށްފަހު ޖުލައި 1 ގައި އަލުން ސްކޫލުތައް ހުޅުވައި ކިޔަވައިދޭން ފެށީ ސެޝަނެއްގައި ހަތަރު ގަޑިއިރެވެ. ނަމަވެސް އަންނަ ހަފުތާއިން ފެށިގެން ފަސް ގަޑިއިރާ ހަމައަށް ކިޔަވައިދިނުމުގެ ފުރުސަތު ރަށްރަށުގެ ސްކޫލުތަކަށް އޮންނާނެ ކަމަށް ވިދާޅުވި އެވެ.

"މިގޮތަށް މިކަން ކުރަނީ ސްކޫލަށް ގެނެސްގެން ކިޔަވައިދިނީމަ ދަރިވަރުންނަށް އެތައް އެޑްވާންޓޭޖުތަކެއް އެބަ ލިބޭ. އޮންލައިން ކްލާސްތަކުން ނުލިބޭ އެތައް ކަމެއް ސްކޫލަށް އައިސް އެހެން ދަރިވަރުންނާއި މުދައްރިސުންނާއެކު ދަރިވަރުން ކިޔެވީމަ އެބަ ފައިދާތަކެއް ލިބޭ. އެކަމަށް ރިއާޔަތްކޮށް ކިޔަވައިދޭ ވަގުތު، ފިޒިކަލް ކްލާސްރޫމުގައި ކިޔަވައިދޭ ވަގުތު އަޅުގަނޑުމެން އެބަ އިތުރުކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

މާލެ ސަރަހައްދުގައި ކޮވިޑްގެ ކޭސްތައް އިތުރުވާން ފެށުމުން، މިދިޔަ މަހުގެ 9 ގައި ސްކޫލުތައް އަނެއްކާ ވެސް ބަންދުކުރީ އެވެ. ގާތްގަނޑަކަށް ދެ މަހަށްފަހު، އަންނަ އާދިއްތަ ދުވަހު މާލެ ސަރަހައްދުގެ ސްކޫލުތައް ހުޅުވަން މިނިސްޓްރީން ވަނީ ނިންމައިފަ އެވެ. އެކަމަކު ފުރަތަމަ ކިޔަވައިދޭނީ ގްރޭޑު 9 އިން މަތީގެ ގްރޭޑުތަކަށެވެ. އެހެން ދަރިވަރުންނަށް ކިޔަވައިދެމުން އަންނަނީ އޮންލައިންކޮށެވެ.

މިނިސްޓަރު ވިދާޅުވީ ސްކޫލަށް ގެންގޮސް ކިޔަވައިދިނުމަކީ ދަރިވަރުންނަށް ވަރަށް ފައިދާހުރި ކަމެކެވެ. ސްކޫލުތަކުގައި މިހާރު އަޅާފައި ހުރި ފިޔަވަޅުތަކުން އެތަންތަނުން ބައްޔެއް ނުފެތުރޭނެ ކަމަށާއި މިހާތަނަށް ވެސް ސްކޫލާ ގުޅުންހުރި ކްލަސްޓާއެއް ފެނިފައިނުވާ ކަމަށް ވިދާޅުވި އެވެ.

ރަށްރަށުގައި ސްކޫލުގައި ކިޔަވައިދޭ ވަގުތު އިތުރުކުރިއަސް، މާލެ ސަރަހައްދާއި އެހެން ރަށްރަށުގައި ކޮންޓެންޓް ކަވަކުރުމުގައި ތަފާތެއް ނުހުންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން ލާނިން އެރޭންޖްމަންޓްސް ހަދާފައި ހުރީ، ކޮންމެ ހަފުތާއަކު ވެސް ކޮންމެ މާއްދާއަކުން ވަކި ވަގުތަކަށް ގަޑި ނަގައިދޭ ގޮތަށް ކަމަށެވެ. އެ ވަގުތު ހަމަކުރަނީ ސީދާ ކްލާސްރޫމުގައި ކިޔަވައިދީގެންނާއި އޮންލައިން ކްލާސްތައް ނަގައިގެންނެވެ. ސްކޫލަށް މަދުން ހާޒިރުވާ ކަމުގައިވާނަމަ، ބާކީ ހުރި ވަގުތުތައް އޮންލައިންކޮށް ފުރިހަމަކުރަމުން އަންނާތީ، ފިލާވަޅުތައް ނަގައިދިނުމުގައި ތަފާތެއް ނުހުންނާނެ އެވެ.

"އަންނަ ހަފުތާއިން ފެށިގެން އަތޮޅުތެރޭގައި ފިޒިކަލް ކްލާސްރޫމްތަކަށް ދެވޭ ވަގުތު އިތުރުކުރީ. އެހެންވީމަ އަތޮޅުތެރޭގައި އޮންލައިން ކްލާސްތަކުގެ އަދަދު މަދުވާނެ. އެކަމަކު ޓޯޓަލް ނަމްބާސް އޮފް ޕީރިއަޑްސް ހަމަ އެއްވާރުވާނެ މާލެއެކޭ އަތޮޅުތެރެއެކޭ. ދަރިވަރުންނަށް އެއްވެސް ފިލާވަޅެއް ނުގެއްލޭނެ. އަޅުގަނޑުމެން އަމަލުކުރަން އަންނަ ކޮންޖެސްޓެޑް ކަރިކިއުލަމްއާ އެއްގޮތަށް، އެ އަދަދަށް ގަޑިތައް ނެގިގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ނިއު ނޯމަލްގައި ފުރަތަމަ ކިޔަވައިދޭން ފެށީ މާއްދާއެއް 45 މިނިޓަށެވެ. ނަމަވެސް އެ އަދަދު 35 މިނިޓަށް މަދުކޮށްފައިވެ އެވެ. އެ ބަދަލާއެކު، ކޮންމެ ހަފުތާއަކު ނަގަންޖެހޭ މާއްދާތަކުގެ އަދަދުތަކަށް ވެސް ބަދަލު ގެނެސްފައި ވެ އެވެ. ކިޔަވައިދޭ ވަގުތު މަދުކުރި ނަމަވެސް ކޮންމެ ހަފުތާއަކު ނަގަންޖެހޭ ޖުމްލަ މާއްދާތައް ކުރިއަށް ވުރެ އިތުރުވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.