މިއަދު 97 މީހުން ޕޮޒިޓިވް، ގިނައީ ބިދޭސީން
މިއަދު 97 މީހުން ޕޮޒިޓިވް، ގިނައީ ބިދޭސީން

ކޮވިޑް-19އަށް މިއަދު 97 މީހަކު ޕޮޒިޓިވް ވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން މިއަދު ބުނިގޮތުގައި ބަލި ޖެހުނު މީހުންގެ ތެރެއިން ގިނަ މީހުންނަކީ ބިދޭސީންނެވެ. އެގޮތުން 55 ބިދޭސީން ޕޮޒިޓިވްވި އިރު، ބަލި ޖެހުނު ދިވެހިންގެ އަދަދު އުޅެނީ 42ގަ އެވެ.

ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މި ފަހުން ދަށް ވަމުން އައިސް، މިރޭ އިތުރު މިވީ، އިންޑިއާ ސަރުކާރުގެ އެހީގައި އައްޑޫގައި އަޅާ ޕޮލިސް އެކަޑަމީގައި މަސައްކަތްކުރަން އައި 53 މީހަކަށް ބަލި ޖެހުމުންނެވެ. އެ މީހުން ޕޮޒިޓިވްވި ކަން އެނގުނީ 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ފުރިހަމަކޮށް، ޓެސްޓު ހެދުމުންނެވެ.

ކޮވިޑް ޖެހިފައިވާ މީހުންގެ އަދަދު މިހާރު 10،000އަށް ވުރެ އިތުރުވެފައިވާ އިރު 9،108 މީހަކު ވަނީ ރަނގަޅުވެފަ އެވެ. މިހާރު ބަލި ޖެހިފައިވަނީ 1،142 މީހުންނަށެވެ. އޭގެ ތެރެއިން 75 މީހަކު ތިބީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފަ އެވެ.

ރަށްރަށަށް ބަލާއިރު، މީހުން ދިރިއުޅޭ 22 ރަށަކާއި 22 ރިސޯޓެއްގައި ބަލި ޖެހިފައިވާ މީހުން އެބަތިއްބެވެ. އެކަމަކު ރަށްރަށުގައި ގިނައީ، ހޯމް ކަރަންޓީނުގައި ތިބި މީހުންނެވެ.