01 އޮކްޓޯބަރ 2020 - 10:06

"އަހަރެމެން ދެ މީހުން އެކުގައި ސްކޫލްގައި ދުވިން،" ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ބުނެލި އެވެ.

އޭނާގެ އެ ވާހަކަ ރައްދުވަނީ، އެވަގުތު ހުޅުމާލޭ ޓްރެކް ދަނޑުގައި ދުވުމުގެ ތަމްރީންތަކުގައި ހުރި، ޑރ. އައިޝަތު ޖިނާނީ އިބްރާހިމް (އިނޫ) އަށެވެ.

އެއީ ތެދެކެވެ. އެކަމަކު އެއީ މީގެ 22 އަހަރު ކުރި އެވެ. ދެ މީހުން އުޅުނީ ޖަމާލުއްދީން ސްކޫލްގަ އެވެ. ސްކޫލް ތަމްސީލްކުރަން ދެ ދަރިވަރުން އެކުގައި ވާދަކުރީ އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތްތަކުގަ އެވެ.
ޕްރައިމަރީ ތައުލީމުގެ މަރުހަލާ ނިންމައި، ދެ މީހުން ދެ ސްކޫލަށް ބަދަލުވި ފަހުން، ވާހަކަ ދައްކާލެވޭ ގޮތަށް ފުރަތަމަ ފަހަރަށް ބައްދަލުވީ އިއްޔެ، ހުޅުމާލޭ ޓްރެކްގަ އެވެ. ދަގަނޑޭ އާއި ރާއްޖޭގެ ގައުމީ ފެންވަރުގެ ބައެއް ކުޅުންތެރިން، ގައުމީ އެތުލެޓިކްސް ކޯޗު އަހުމަދު ފާއިލްގެ ބެލުމުގެ ދަށުން، މި ދުވަސްވަރު އެ ޓްރެކްގައި ގެންދަނީ ފިޒިކަލް ހާއްސަ ޓްރެއިނިންތަކެއް ފުރިހަމަކުރަމުންނެވެ. ރާއްޖޭގެ ކުރީގެ މަޝްހޫރު ދުވުންތެރިޔާ ނަސީރު އިސްމާއިލް ކޯޗުކޮށްދެމުން އަންނަ އިނޫގެ ބައެއް ތަމްރީންތައް ވެސް ޓްރެކްގައި އޮވެ އެވެ.
"އަހަރެން އަމީނިއްޔާއަށް ދިޔަ ފަހުން [ދަގަނޑޭއާ] ދިމައެއް ނުވޭ. އެހެން އުޅެފައި މަގުމަތިން ފެނިލާ ވޭވްކޮށްލެވޭ ސައިކަލްގައި ދާއިރު. އެކަމަކު މިއަދު އެގޮތަށް ވާހަކަ ދައްކާ މިލެވުނީ،" އިނޫ، 34، ބުންޏެވެ.
ޑރ. އިނޫއަކީ ކައުންސިލިން ސައިކޮލޮޖީގެ ދާއިރާ އިން ޕީއެޗު.ޑީ ހާސިލްކޮށްފައިވާ ސައިކޮލޮޖިސްޓެކެވެ. ދެ ކްލިނިކެއްގައި މަސައްކަތްކުރަމުން އިނޫ ދުވަމުން އަންނަނީ ލިބޭ ހުސް ވަގުތުގައި ހަމައެކަނި ސިއްހަތަށް ކުރާ ކަމެއްގެ ގޮތަކުން ނޫނެވެ؛ އޭނާއަކީ މިހާރު ގައުމީ ފެންވަރުގެ ދުވުންތެރިއެކެވެ. ފަސް ކިލޯމީޓަރުގެ ރާއްޖޭގެ އަންހެނުންގެ ރެކޯޑް އޮތީ ވެސް އޭނާގެ އަތުގަ އެވެ. ޔޫއޭއީގައި މި އަހަރުގެ ފެބްރުއަރީ 21 ގައި އޮތް ރަސް އަލް ޚައިމާހް ހާފް މެރަތަންގެ ފަސް ކިލޯމީޓަރު ދުވުން 20:34 މިނިޓުން ނިންމައިގެން ގައުމީ ރެކޯޑް ހެދުމުގެ އިތުރުން އެ ރޭހުގެ އެއް ވަނަ އަންހެން ދުވުންތެރިޔަކީ ވެސް އިނޫ އެވެ.
އޭނާ މިހާރު ތަމްރީންތައް ހަދަމުން އަންނަނީ ބޮޑު އަމާޒެއް ބާއްވައިގެންނެވެ: ފަސް ކިލޯމީޓަރުގެ ދުވުން 20 މިނިޓަށް ވުރެ އަވަހަށް ނިންމުމެވެ. ސްކޫލް ދައުރުގެ ދެ ތަރިން މި ދިމާވީ އެ އަޒުމުގައި އޭނާ މަސައްކަތްކުރަމުން އަންނަ ދުވަސްވަރެއްގަ އެވެ.
އިނޫ ބުނި ގޮތުގައި ދަގަނޑޭގެ ފަދަ ކުޅިވަރުގެ ވަރުގަދަ ޝަހުސިއްޔަތެއްގެ ހަނދާނުން ސްކޫލް ދައުރުގެ އެ ވާދަކުރުންތައް ނުފިލާ ހުރުމަކީ، ލިބުނު ހިތްހަމަޖެހުމެކެވެ.
ޖަމާލުއްދީންގައި އުޅުނު އިރު އިނޫއަކީ އެތުލެޓިކްސް އާއި ޓެނިހާއި ނެޓްބޯޅައިގެ ތަރިއެކެވެ. ސްކޫލްގައި ދަގަނޑޭ މަޝްހޫރުވަމުން އައީ ފުޓްބޯޅައިގެ އިތުރުން އެތުލެޓިކްސްގަ އެވެ.
ދަގަނޑޭ އެންމެ ފަހުން ވީ ރާއްޖޭގައި މިހާތަނަށް ނުއުފެދޭވަރުގެ ފުޓްބޯޅަ ކުޅުންތެރިޔަކަށެވެ. އޭނާގެ އެ ހުނަރަށް އިނޫ ސަޕޯޓްކުރެ އެވެ. މެޗުތައް ބަލަ އެވެ. އަދި ކުޅިވަރުގެ އެހާ ވަރުގަދަ ޝަހުއްސިއްޔަތަކަށް ވުމުން އޭނާގެ ހިތުގައި ދަގަނޑޭއަށް އޮތް އިހުތިރާމް ވެސް ބޮޑެވެ.
އިނޫ ބުނި ގޮތުގައި މިހާރު ވެސް ދަގަނޑޭމެން ކުރާ މަސައްކަތުން އެނގެނީ އެ ލެވެލްގައި ހިފަހައްޓާލުމަކީ ހަމަ ހުރެފައި ވާނެ ކަމެއް ނޫން ކަމެވެ. ކުޅިވަރެއްގައި އެ ފެންވަރަށް ދެވޭނީ އެ ވަރަށް މަސައްކަތްކޮށްގެން ކަން އޭނާ ގަބޫލުކުރެ އެވެ.
ސްކޫލް ދައުރުގެ ހަނދާނެއް ދަގަނޑޭ އާކޮށްދިނީ ސަބަބެއް ނެތިއެއް ނޫނެވެ: އިނޫގެ ތަމްރީންތައް އޭނާއަށް ވެސް ފެނެ އެވެ. އެހެންކަމުން ދެ މީހުން ކައިރީގައި ތިބެވުނު ވަގުތެއްގައި، މާޒީގެ ތެރެއިން ނަމަވެސް، ހިތްވަރުގެ ބަހެއް ބުނެލުމަކީ ހަދިޔާއެކެވެ.
"ވަރަށް، ވަރަށް އުފާވޭ [ދަގަނޑޭ] އެހެން ބުނީމާ،" ސްކޫލްގައި އުޅުނު އިރު އެކުގައި ދުވި ކަމަށް، ދަގަނޑޭ ބުނި ވާހަކައަށް އިޝާރަތްކޮށް، އިނޫ ބުނެލި އެވެ.
ފަސް ކިލޯމީޓަރުގެ ދުވުން 20 މިނިޓަށް ވުރެ އަވަހަށް ދުވެލަން މެންޓަލީ ގޮތުން ވަރުގަދަވެލަން ދަގަނޑޭ ކައިރިން އިރުޝާދެއް ލިބިދާނެ ނޫންހޭ "މިހާރު"ން ސުވާލުކުރުމުން، އިނޫ ބުންޏެވެ.
"އާނ ތިއީ ރަނގަޅު ވާހަކައެއް. ދަގަނޑޭމެން މެޗުތަކުގައި އެ ދައްކާ ހިތްވަރު ހޯދަން އަހާލަންވީ ދޯ."
އިނޫ އާއި ދަގަނޑޭގެ ކުޅިވަރުގެ ހުނަރުން އެހެން ކަމެއް ވެސް ސާބިތުކޮށްދެ އެވެ؛ ސްކޫލް ދައުރުގައި ލިބޭ ރަނގަޅު ތަމްރީނާއި މަގުދެއްކުންތަކުން ދަރިވަރުން ފަހުން ބަދަލުވަނީ ގައުމީ ފެންވަރުގެ ތަރިންނަށް ކަމެވެ.