30 ސެޕްޓެމްބަރ 2020 - 19:34

ކޮވިޑް-19 ޖެހިދާނެ ކަމަށް ބިރުން ތިބެވެން ނެތް ކަމަށާއި ގައުމު ސަލާމަތްކުރަން ހުރިހާ ދިވެހިން ނިކުންނަން ވެއްޖެ ކަމަށް އިދިކޮޅު ކޯލިޝަން ހިންގުމުގައި އިސްކޮށް ހުންނެވި އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ މިނިވަންކަން ގެއްލޭނެ ގޮތަށް ސަރުކާރުން ކަންކަން ކުރަމުން އަންނަ ކަމަށް ބުނެ އެކަމާ ދެކޮޅަށް އަޑުއުފުލަން ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އަންނަނީ މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ސިލްސިލާ ޖަލްސާތަކެއް ބާއްވަމުންނެވެ. ޕީޕީއެމް ހަރުގޭގައި ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ ގައުމުގެ މިނިވަންކަން ސަލާމަތްކުރަން ނިކުންނަން ޖެހޭ ކަމަށެވެ. ކޮވިޑުން ރައްކާތެރިވާން ގޭގައި ތިބެވެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"ކީއްވެގެންތޯއޭ އަޅުގަނޑުމެން ނުނިކުންނަންވީ؟ ކޮންކަމަކާތޯ އޭ އަޅުގަނޑުމެން ބިރުގަންނަންވީ؟ ކޮވިޑް ޖެހިއްޖެގެން ވެސް ވާނީ މަރު،" ޖަލްސާގައި އޭނާ ވިދާޅުވި އެވެ.
ތަރައްގީގެ ގިނަ މަޝްރޫއުތައް އިންޑިއާއާ ގުޅިގެން ކުރިއަށް ގެންދާތީ، އިދިކޮޅުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އިންޑިއާއަށް އިޝާރަތް ކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ ކޮވިޑުން ރައްކާތެރިވާން ގޭގައި ތިއްބާ އެހެން ބަޔަކު އައިސް ގައުމު ހިފައި ދިވެހިން ނައްތާލުމާ ކޮވިޑް ޖެހިގެން މަރުވުމާ ތަފާތެއް ނެތް ކަމަށެވެ.
"އެހެންވެ އަޅުގަނޑުމެން މި ދަންނަވަނީ ދިވެހި ސިފައިންނާއި ދިވެހި ފުލުހުން މި ގައުމު ހިމާޔަތްކޮށްދެއްވާށޭ. މި ގައުމު ސަލާމަތްކޮށްދެއްވާށޭ،" އޭނާ ވިދާޅުވި އެވެ.
ސަރުކާރަށް ދެކޮޅަށް ނިކުންނަންވީ ބަގާވާތެއް ކުރަން ނޫން ކަމަށް ވެސް މި ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވި އެވެ. މިއީ ގައުމީ މަސައްކަތެއް ކަމަށާއި މި ކަމުގައި އެންމެން ނިކުންނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ގައުމު ސަލާމަތްކުރުމުގެ މަސްއޫލިއްޔަތު އެންމެންގެ އޮންނަން ޖެހޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ކޮވިޑުން ރައްކާތެރިވާން މަގުމައްޗަށް ނިކުމެ އެއްވެ އުޅުމަކީ މި ދުވަސްވަރު މަނާ ކަމަކެވެ. ފުލުހުން އަންނަނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ އުސޫލާ ދެކޮޅަށް އަމަލުކުރާ މީހުން ޖޫރިމަނާ ކުރަމުންނެވެ.
މި ބައްދަލުވުމުގައި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވެސް ވާހަކަ ދެއްކެވި އެވެ. އޭނާ ވިދާޅުވީ އެ ޕާޓީ ވެރިކަމަށް އަންނަތާ 100 ދުވަހުގެ ތެރޭގައި، ރާއްޖޭގެ މިނިވަންކަން ގެއްލޭ ގޮތަށް ވެފައިވާ ހުރިހާ އެއްބަސްވުންތަކެއް ބާތިލްކުރާނެ ކަމަށެވެ. އަދި ރާއްޖޭގެ މިނިވަންކަން ދަމަހައްޓަން މިދުސްވަރު ރައްޔިތުންނަށް ކުރެވޭނެ އެންމެ ބޮޑު ކަމަކީ އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބު ޕީޕީއެމް އާއި ޕީއެންސީއަށް ކާމިޔާބުކޮށްދިނުން ކަމަށް ވިދާޅުވި އެވެ. އަދި އިންސާފުވެރި އިންތިހާބެއް ކަށަވަރުކުރަން އިދިކޮޅު ކޯލިޝަނުން އިލެކްޝަންސް ކޮމިޝަން (އީސީ) އާ އެކު މަޝްވަރާކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.