ބީއެމްއެލްގެ އެގްޒެކެޓިވް ޑައިރެކްޓަރުންނަށް ދެ ދިވެހިން އައްޔަންކޮށްފި
ބީއެމްއެލްގެ އެގްޒެކެޓިވް ޑައިރެކްޓަރުންނަށް ދެ ދިވެހިން އައްޔަންކޮށްފި

ބީއެމްއެލްގެ ރީޓެއިލް އަދި އެސްއެމްއީ ބޭންކިން ޑައިރެކްޓަރުގެ މަގާމަށް މޫސާ ނިމާލް އާއި ކޯޕަރޭޓް ބޭންކިން ޑައިރެކްޓަރުގެ މަގާމަށް އަހުމަދު އަސީފް އައްޔަން ކޮށްފި އެވެ.

ޑައިރެކްޓަރުންނަކީ ޑިޕާޓުމަންޓުތަކުގެ އެންމެ އިސް ވެރިންނެވެ. އަދި އެއީ ކުންފުނީގެ އެކްސްކޯގައި ވެސް ހިމެނި ވަޑައިގަންނަވާ މެމްބަރުންނެވެ. އެ ދެ މަގާމުގައި ވެސް މިހާތަނަށް ތިއްބެވީ ބޭރު މީހުންނެވެ. އެހެންކަމުން އެ މަގާމުތަކަށް ދިވެހިން އައްޔަން ކުރަން ނިންމީ ދިވެހިންނަށް އެފަދަ ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން ކަމަަށް ބޭންކުން ބުންޏެވެ.

ބީއެމްއެލުން ރީޓެއިލް އަދި އެސްއެމްއީ ބޭންކިން ޑައިރެކްޓަރުގެ މަގާމަށް އައްޔަން ކުރެއްވި މޫސާ ނިމާލް އަކީ 2003 ވަނަ އަހަރުން ފެށިގެން ބޭންކަށް ހިދުމަތް ކުރައްވަމުން އަންނަ ބޭފުޅެކެވެ. މި މުއްދަތުގެ ތެރޭގައި ނިމާލް ވަނީ ބޭންކިންގެ އެކި ދާއިރާތަކުގައި މަސައްކަތްކުރައްވައި، ގިނަގުނަ ތަޖުރިބާތަކެއް ހޯއްދަވައިފަ އެވެ. އެގޮތުން، ނިމާލް ވަނީ ބްރާންޗް އޮޕަރޭޝަންސް އާއި ކަސްޓަމާ ސާވިސަސް އާއި އިންޓަނޭޝަނަލް ބޭންކިން އަދި ރީޓެއިލް ބޭންކިންގައި މަސައްކަތް ކުރައްވައިފަ އެވެ. ނިމާލް އެންމެ ފަހުން ހުންނެވީ ހެޑް އޮފް ރީޓެއިލް ބޭންކިންގެ މަގާމުގަ އެވެ.

ކޯޕަރޭޓް ބޭންކިން ޑައިރެކްޓަރުގެ މަގާމަށް އައްޔަން ކުރެއްވި އަހުމަދު އަސީފްއަކީ ރިލޭޝަންޝިޕް އަދި ޕޯޓްފޯލިއޯ މެނޭޖްމަންޓުގެ ތަޖުރިބާ ލިބިފައިވާ ކޯޕަރޭޓް ބޭންކާ އެކެވެ. އޭނާ ވަނީ 2012 ވަނަ އަހަރުން ފެށިގެން ކޯޕަރޭޓް ބޭންކިން ޓީމާއެކު ދާއިރާއަށް ކުރިއެރުންތަކެއް ހޯއްދަވައި، ބޭންކުގެ ކޯޕަރޭޓް ކަސްޓަމާ ޕޯޓްފޯލިއޯ ބެލެހެއްޓުމުގައި މުހިންމު މަސައްކަތްތަކެއް ކުރައްވާފަ އެވެ. އޭނާ އެންމެ ފަހުން ހުންނެވީ ހެޑް އޮފް ކޯޕަރޭޓް ބޭންކިންގެ މަގާމުގަ އެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރި ޓިމް ސޯޔާ ވިދާޅުވީ ރީޓެއިލް އާއި އެސްއެމްއީ އަދި ކޯޕަރޭޓް ބޭންކިން އަށް އިތުރު ފުރިހަމަކަމެއް ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މި ދާއިރާތަކަށް ނިމާލް އާއި އަސީފް އައްޔަން ކުރުމަކީ އެ ދާއިރާތަކަށް ލިބޭނެ ކުރިއެރުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މި މަގާމުތަކަށް ބޭފުޅުން އައްޔަން ކުރުމަށް ވަރަށް ފުޅާދައިރާއެއްގައި މަަސައްކަތްކުރެވިގެން ދިޔުމަށްފަހު، ނިމާލް އާއި އަސީފް ބޭންކުގެ އެގްޒެކެޓިވް ޓީމާ ގުޅިވަޑައިގަތުމުން މަރުހަބާ ކިޔުމަކީ އަޅުގަނޑަށް ލިބޭ ބޮޑު އުފަލެއް. މި ދެބޭފުޅުންނަކީވެސް ބޭންކިން ދާއިރާގައި އަމަލީ ގޮތުން މަސައްކަތްކޮށް، އެތައް އަހަރެއްގެ ތަޖުރިބާ ހޯއްދަވާފައިވާ ގާބިލް ދިވެހިން،" ޓިމް ވިދާޅުވި އެވެ.