30 ސެޕްޓެމްބަރ 2020 - 16:34

އިޒްރޭލާ ގުޅުން ބަދަހިކުރުމަށް އެއްވެސް ގައުމަކާ އެކު އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ފޮރިން މިނިސްޓްރީން މިހެން ބުނީ ދާދިފަހުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޔޫއޭއީއަށް ކުރެއްވި އަމިއްލަ ދަތުރެއްގައި އިޒްރޭލާ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ޔޫއޭއީގެ އިސްވެރިންނާ މަޝްވަރާކުރައްވާފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކާ ގުޅިގެންނެވެ.
ފޮރިން މިނިސްޓްރީން ބުނީ އެފަދަ އެއްވެސް މަޝްވަރާއެއް މިނިސްޓަރު ކުރައްވާފައި ނުވާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ނުވެސް ކުރައްވާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.
އދ.ގެ އާއްމު މަޖިލީހުގެ 75 ވަނަ ސެޝަންގައި ތަގުރީރުކުރައްވަމުން ރޭ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ، ފަލަސްތީނުގެ މުސްލިމުންގެ ހައްގުތައް ކަށަވަރުކުރުމަށް ދުނިޔޭގެ ހުރިހާ ގައުމެއް އަތުގުޅާލައިގެން މަސައްކަތްކުރަންޖެހޭ ކަމަށެވެ.
"ޒަމާންތަކެއް ވަންދެން، ފަލަސްތީނުގެ ރައްޔިތުންގެ ނިމުމެއް ނެތް އާދޭހަކީ، ގަދަރާއި އިއްޒަތާއެކު، އަމިއްލަ ވަތަނެއްގައި ސުލްހަވެރިކަމާއެކު އުޅުމުގެ ފުރުސަތު ލިބުން. 1967ގެ ކުރިން އޮތް އިންތަކުގެ މައްޗަށް ބިނާވެވައިވާ ދެ ގައުމެއްގެ ގޮތުގައި އަދި އިރުމަތީ ގުދުސް ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ހަމަޖެއްސުމަށް އަޅުގަނޑުމެން ގޮވާލާ ގޮވާލުން އާކުރަން،" ފޮރިން މިނިސްޓަރު ވިދާޅުވި އެވެ.
އިޒްރޭލާ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ޔޫއޭއީގެ އިސްވެރިންނާ ފޮރިން މިނިސްޓަރު މަޝްވަރާ ކުރެއްވި ކަމަށް ވާހަކަދެކޭވޭ އިރު ޔޫއޭއީން އިޒްރޭލާ ޑިޕްލޮމެޓިކް ގުޅުން ގާއިމްކޮށްފައި ވަނީ ދާދިފަހުންނެވެ.
ރާއްޖެއިން އިޒްރޭލާ އެންމެ ފުރަތަމަ ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރީ 1965ގަ އެވެ. ނަމަވެސް 1974 ވަނަ އަހަރު އެ ގުޅުން ކަނޑާލި އެވެ.