30 ސެޕްޓެމްބަރ 2020 - 12:10

މަރުތޭލަކުން މީހަކަށް ހަމަލާދިން ކުއްޖަކު ހަ އަހަރަށް ޖަލަށްލާން ކުރި ހުކުމް ހައި ކޯޓުން އިއްޔެ ދަމަހައްޓައިފި އެވެ.
ޖުލައި، 2017 ގައި މާލޭގައި މީހަކަށް މަރުތޭލަކުން ހަމަލާދިން މައްސަލާގައި އެ ކުއްޖާ ހަ އަހަރާއި އަށް މަހަށް ޖަލަށްލާން ޖުވެނައިލް ކޯޓުން ހުކުމްކުރީ މިދިޔަ އަހަރުގެ އޭޕްރީލް މަހު އެވެ.
ކުޑަކުދިންގެ ގޮތުގައި ތިބެ ކުށްކުރާ މީހުންގެ މައުލޫމާތު އާންމު ކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމެކެވެ.
އެ މައްސަލަ އެ ކުއްޖާގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ އޭނާ ދަޢުވާ އަށް އިންކާރު ކުރިޔަސް، ހެކިންގެ ހެކިބަހަށް ބަލާއިރުު އިތުރު ބަޔަކާ އެކު އޭނާ މާރާމާރީ ހިންގި ކަން ސާބިތުވާ ކަމަށާއި އެ މާރާމާރީގައި އޭނާ ބޭނުންކުރީ މަރުތޭލެއްކަން ކަމަށް ބަލައިގަނެވޭ ފަދަ ހެކި ލިބިފައިވާ ކަމަށެވެ. މަރުތޭލައަކީ މީހަކު މަރުވެދާނެ ފަދަ ނުރައްކާތެރި ހަތިޔާރަކަށް ވާތީ ގާނޫނުއަސާސީގެ 51 ވަނަ މާއްދާގައި ބަޔާންކުރާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް އެ ދައުވާ ސާބިތުވާ ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.
އެހެންވެ، އެ ކުއްޖާ ޖަލަށްލާން ޖުވެނައިލް ކޯޓުން ކޮށްފައިވާ ހުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި އެ ހުކުމުގައިވެ އެވެ.
އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ހުސައިން މަޒީދާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި ފަނޑިޔާރު މުހައްމަދު ނިޔާޒެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު މަޒީދެވެ.
ނުރައްކާތެރި ހަތިޔާރެއް ބޭނުން ކޮށްގެން މާރާމާރީ ހިންގުމަކީ 10 އަހަރާއިި 15 އަހަރާ ދެމެދުގެ މުއްދަތަށް ޖަލަށްލެވޭ ކުށެކެވެ. ނަމަވެސް ކުޑަކުދިންގެ ގޮތުގައި ތިބެ ކުށްކުރާ މީހުންނަށް ދޭން ޖެހެނީ ގާނޫނުގައި ބުނާ އެންމެ ލުއި އަދަބެެއްގެ ތިން ބައި ކުޅަ ދެ ބައި އެވެ.