30 އޮކްޓޯބަރ 2016 - 06:01

(ބުދަ ދުވަހުގެ ނޫހާ ގުޅޭ)
"ދަނޑިވަޅުގެ ބޭނުން ހިފައިފި!" މަޑުމަޑުން ހާދީއަށް ބުނެވުނެވެ.
ހާދީ ހޮސްޕިޓަލުގައި އެޑުމިޓުކުރިއެވެ. ލޭ މައްޗަށް ގޮސްގެން އެއްގޮތަކަށް ވެސް ލޭ ދަށް ނުވެގެންނެވެ. އެ މައްސަލަ ދިމާވި ސަބަބު އަހަންނަށް އެނގުނީ މާ ފަހުންނެވެ. ހާދީ އެޑުމިޓުކުރި ދުވަސްވަރު އަހަރެންގެ ގަޔަށް ކުންނާރުފަތު ފެންއަޅަން ފެށިއެވެ. އެ ކަމަކީ، ކިޔެވުމުގެ ފަހު މަރުޙަލާއެވެ. ހާދީ ބުނެދީފައިވާ ގޮތަށް ކިޔެވުމުގެ ކަންތައްތައް ކުރިއަށްގެންދިޔައީ އަހަރެންގެ ބައްޕައެވެ. ކުންނާރުފަތު ފެން އެޅުމުގެ ސިއްރަކީ ކޮބައިބާއޭ އަހަރެންގެ ހިތަށްއެރިއެވެ. އޭރަކު އެ ސުވާލަކަށް ޖަވާބެއް ނުލިބެއެވެ. ފެންއެޅި ދުވަސްވަރު ހާދީ ނެތުމަކީ ލިބުނު ވަރަށް ބޮޑު ފަޅުކަމެކެވެ. އުނިކަމެއް ވެސް މެއެވެ. އެ ކަމަށް ބައްޕަ ނުފަރިތަވެފައި، ކަން ކުރަންޖެހޭ ތަރުތީބާ، ދަނޑިވަޅުތަކުގައި ކިޔަންޖެހޭ އެއްޗެހި ވެސް، ބައްޕައަކަށް އެންމެ ރަނގަޅަކަށް ނޭނގެއެވެ. އެ ދަނޑިވަޅަށް އިންތިޒާރުކޮށްގެން ތިބި ޝައިތާނުން، ޖަމާޢަތް ހަދައިގެން އައިސް އަހަންނަށް އުނދަގޫ ކުރިއެވެ. ގިނަ ޖިންނީން އަންނަނީ އަހަރެންގެ ހިތުގައި ބިރުވެރިކަން އުފައްދާށެވެ. އެ ކަން ކާމިޔާބު ވިއެވެ. އަހަރެން މަރާލާނެކަމަށް، ކެނޑިނޭޅި އިންޒާރުދިނެވެ. އެ ކަން އެހެން ވާނެކަމާއި ހަތް ރޭ ހަމަވިޔަ ނުދޭން ކުރެވުނު ހުރިހާ ކަމެއް ޝައިތާނުން ކުރާނެކަން ހާދީ އޮތީ ބުނެދީފައެވެ. ހިތްވަރު ގަދަކުރަންޖެހޭނެކަން ވެސް، ތަކުރާރުކޮށް ހަނދާންކޮށްދިނެވެ. އެ ވަރުން ވެސް އެ ދުވަސްކޮޅު އަހަރެން ވަރަށް މާޔޫސްވިއެވެ. އަހަރެން ސަލާމަތްވާން ހުރި ދޮރުތައް ބަންދުވަނީ ކަމުގައި ހީކުރެވުނެވެ.
ކުރިމަތިވި އުނދަގޫތަކާ އެކުގައި ވެސް، ފަސް ދުވަހު ފެންއެޅުނެވެ. ހާދީ ހޮސްޕިޓަލުން ދުލެއް ނުކުރިއެވެ. ފެންއެޅުން ހުއްޓައިލީ، އޭގެ ފައިދާ ނުކުރާކަން އަހަރުމެންނަށް ގަބޫލުކުރެވިގެންނެވެ. ކޮންމެވެސް ކަމެއް ގޯސްކޮށް ކުރެވޭހެން ހީވެގެންނެވެ. އެންމެ ފަހުން ހާދީ ގާތަށް ބައްޕަ ދިޔައެވެ. ހޮސްޕިޓަލަށް ގޮސް ބައްދަލުކުރިއެވެ.
"ކިހިނެއް ދެން ހަދާނީ؟" ކަންބޮޑުވެފައި ބައްޕަ ސުވާލުކުރިއެވެ. "އެތައް ހާސް ރުފިޔާއެއް ފެނަކަށްނު މި ދަނީ."
"ދެން ކީއްކުރާނީ،" ހާދީ ޖަވާބުގައި ބުންޏެވެ. "މިއިން ވެސް އެނގޭކަމަކީ، ޖިންނިޝައިތާނުންގެ ކިބައިން ސަލާމަތްވާން ކެނޑިނޭޅި މަސައްކަތް ކުރަންޖެހޭކަން. އެހެންނޫނީ، ކޮންމެ މީހަކާ ވެސް ޖިންނި އަވަލަވާފާނެކަން. އެންމެ ފަހަރަކު މަ ހަނދާންނެތުނީ. ﷲގެ އިރާދަފުޅުން މަ ސަލާމަތްވާނެ. މުއްދަތު ނޭނގެނީ."
ހޮސްޕިޓަލުން ބައްޕަ ނުކުންނަނިކޮށް ޝައުކަތާ ދިމާވިއެވެ. ބައްޕަ އާއި ހާދީ ދެއްކި ވާހަކަ އަޑުއިވިގެން ޝައުކަތު އައިސް ބައްޕަޔާ ބައްދަލުކުރީއެވެ. ޝައުކަތަކީ، ރުޤްޔާ ޢިލްމުގެ އިތުރަށް، ދީނީ ތަޢުލީމުން ވެސް ފާސްތަކެއް ހާސިލުކޮށްފައިވާ ޢިލްމުވެރިއެކެވެ. އޭނާ އަގެއް ވެސް ނުކިޔެވެ.
"އަހަންނަކީ ރުޤްޔާގެ ކަންކަމުގަ އުޅޭ މީހެއް ނޫން،" ޝައުކަތު އެ ދުވަހު ބުންޏެވެ. "އެކަމަކު މަށަށް އެނގޭ އެ ކަން ކުރަން. ﷲ އިރާދަކުރެއްވިއްޔާ ރަނގަޅުކޮށްދޭނަން."
ހަމަ އެ ދުވަހު ޝައުކަތު ގެއަށް އައިސް އަހަންނާ ބައްދަލުކުރިއެވެ. މަޢުލޫމާތު އޮޅުންފިލުވިއެވެ. ޝައުކަތަކީ ވަރަށް އޯގާތެރިކޮށް ވާހަކަދައްކާ، ކެރޭ މީހެކެވެ.
"އަދި ފެންއަޅާނެކަމެއް ނެތް،" ޝައުކަތު ބުންޏެވެ. "އަދި އިހަށް ކިޔަވާނީ."
ޝައުކަތު އެ ކަން ކުރާ ގޮތް ހާދީއާ ވަރަށް ތަފާތެވެ. ރުޤްޔާކުރަން ފެށުމުގެ ކުރިން ޝައުކަތު ދެ ރަކުޢަތް ނަމާދެއް ކުރިއެވެ. އެ އަށް ފަހު ﷲ ގެ ހަޟްރަތަށް ދުޢާ ދެންނެވުމުގައި ވަރަށް ގިނަ ވަގުތު ހޭދަކުރިއެވެ. އެ ކަން ނިންމައިފައި އައިސް ކިޔަވަން ފެށިއެވެ. ޝައުކަތަކީ ޖިންނީންނަށް އަދަބު ދޭ މީހެއް ނޫނެވެ. ޝައުކަތުގެ ކަމަކީ ކާފަރުޖިންނީނަށް އިންޒާރުދިނުމަށް ފަހު ދީނަށް ގޮވައިލައި އިސްލާމް ކުރުމެވެ. އެ ކަމުގައި ޝައުކަތު ސަތޭކަ ޕަސަންޓު ކާމިޔާބު ހޯދިއެވެ. ކިތަންމެ ވަރުގަދަ ޖިންނިއެއް އަޔަސް، ކިތަންމެ އިރެއް ވާންދެން ގަދަހެދިޔަސް، އެންމެ ފަހުން ޖެހެނީ އިސްލާމް ވާށެވެ. ވަކިން ޚާއްޞަކޮށް، ޢިފްރީތުން އިސްލާމް ކުރުމަކީ ޝައުކަތު ވަރަށް ބޮޑު އިސްކަމެއްދިން ކަމެކެވެ. ޢިފްރީތުން ވަރުގަދަވެފައި، ދީނުގެ މަގުގައި ހަނގުރާމަ ކުރުމުގައި އިފުރީތުންގެ ބޭނުން ހިފޭލެއް ބޮޑުކަމުންނެވެ.
ޝައުކަތު ފުރަތަމަ ފަށައިގަތް ދުވަސްވަރު ޖިންނިޝައިތާނުން އައީ ހާހުންނެވެ. އެންމެންނަކީ ވެސް އަރިޔަސިރީ ފޮނުވައިގެން އައި ޖިންނީންނެވެ. އެ ދުވަސްވަރު އަހަރެންގެ ފަޔަށް ސިހުރު ލުމުގައި ޖިންނީން ކާމިޔާބު ހޯދިއެވެ. ކަށިމައްޗާ ހިސާބުގައި ފޮޅުތައް ލިއެވެ. ދެތިން ދުވަހެއްގެ ތެރޭގައި ޝައުކަތު އެ ފޮޅުތައް އޮއްބައިލިއެވެ. އެއްފަހަރަކު ދިހަ ހާސް ޖިންނިޝައިތާނުން އިސްލާމް ކުރުމުގައި ޝައުކަތު ކާމިޔާބު ހޯދިއެވެ. މަޖުބޫރުކުރުވުމެއް ނެތި، ޝައުކަތަށް ލިބިފައިވާ ޢިލްމުގެ އަލީގައެވެ. އެއްފަހަރަކު އަހަރެންގެ ގައިތެރޭގައި ވަސްވާސްދޭ ކުޑަ ޖިންނިއެއް އުޅުނެވެ. އޭނައަށް ޙައްޤު މަގު ދައްކައި، އިސްލާމް ކުރަން ޝައުކަތު މަސައްކަތް ކުރަމުން ދިޔައެވެ. އެކި އުކުޅުތައް ރާޤީ ބޭނުން ކުރިއެވެ.
"ތިހެން އުޅެންޏާ ޢިފްރީތަކާ ހަވާލުކޮށްފާނަން،" ޝައުކަތު އިންޒާރުދިނެވެ. "އެއީ ކަލޭމެންގެ ތެރޭގަ އުޅޭ އެންމެ ވަރުގަދަ ޖިންނީން. މަ ކުރާ ކޮންމެ އަމުރަކަށް އޭނަ ތަބާވާނެ."
"އިފްރީތުންނެއް ނޫން އެންމެ ވަރުގަދަވާނީ،" އަހަރެން ލައްވާ ޖިންނިޝައިތާނާގެ އަޑުން ބުނުވިއެވެ. "އިފުރީތުން ހަނގުރާމަ ކުރަންޖެހޭނީ ކަނޑިހިފައިގެން. އަހަރެން ކަނޑިއެއްގަ އަތްލާކަށް ނުވެސް ޖެހޭނެ. ވަސްވާސް ދީގެން އެއްބަޔަކު އަނެއްބަޔަކާ ތަޅާ މުޅި ޤައުމު ސުންނާފަތިކޮށްލާނަން."
ކުއްލިއަކަށް އެ ތަނަށް އިފުރީތެއް ފާޅުވިއެވެ. އެކުގައި ޖިންނީންގެ ފައުޖެއް ވެސް އައެވެ. މޮޅުބަސް ބުނަމުން އައި ކުޑަ ޖިންނި ފިލާ ރައްކާވިއެވެ. އިފުރީތުންނަކީ ތަހުޒީބުވެފައިވާ، ތަންދޮރު ދަންނަ ބައެކެވެ. އަހަރެންގެ ހަށިގަނޑަށް އިފުރީތު ވަނެވެ. އެކުގައި އައި ވިއްސަކަށް ޖިންނި ވެސް ވަނެވެ. ވަނުމާއެކު އެ އެންމެން ބަލިކުރަން ނުވަތަ އިސްލާމްކުރަން ޝައުކަތު މަސައްކަތް ފެށިއެވެ. އިފުރީތު ގަދަހަދައި އިންޒާރުދީ، އަހަރެންގެ ނާރުތައް ދަމައި ގޮށްޖަހަން މަސައްކަތް ފެށިއެވެ. ޝައުކަތު ކިޔަވަން ފަށާއިރަށް އެންމެން ފިލަން ދުއްވައިގަނެއެވެ. ދުވެފައި ގޮސް ފިލަނީ އަހަރެންގެ ފައިގެ ކުޑަ ހުޅުގައެވެ.
"ކަލޭމެންނަކަށް އެއްކަމެއް ވެސް ނުކެރެވޭނެ،" އެ ތަނުގައި އޮވެގެން ވެސް އިފުރީތު ގަދަބަސް ބުންޏެވެ. އަދި މިސާލެއް ވެސް ދެއްކިއެވެ. "ފަޅޮލެއްގެ ތެރޭގައި އޮށްތައް ހުންނަހެން އަހަރުމެން މި ތިބީ. ދެން ނުކުރެވޭނެ އެއްކަމެއް ވެސް."
ޒައްރެއްގެ މިންވަރަށް ކުދިވެގެން، އެކަކު މައްޗަށް އަނެކަކު އަރައި ބޯޅަތަކެއްހެން އެތުރިގެން ތިބުމުގެ އެއް ބޭނުމަކީ، އެއްބައިވަންތަކަން ދެއްކުމެވެ. ބިރު ކުޑަކަން އެންގުމެވެ. ރާޤީ ފޮނުވާ ހަމަލައިން ބޭރު ފަށަލައިގައި ތިބޭ ޖިންނީން ހަލާކުވެގެން ދިޔަސް އެތެރޭގައި ތިބޭ ޖިންނީން ސަލާމަތް ކުރުމެވެ. އަނެއް ބޭނުމަކީ، ވީހާ ވެސް ކުޑަ ޖާގައެއްގައި ފިލާތިބުމެވެ. ރުޤްޔާ ކުރާއިރު މާމުޔާއި ކަޅުދިރި ކަހަލަ އެއްޗެހި އަހަންނަށް ދެއެވެ. އެ އެއްޗިހިތަކުގެ އަސަރު ލޭހޮޅިތަކަށް ކުރަން ފެށުމުން ޖިންނިން ބިރުން ބޭނުންވަނީ އެ ލޭހޮޅިތަކަށް ނާރާށެވެ. އަސަރު ކުޑަ ތަންތަނުގައި ތިބޭށެވެ. ދެކޮޅަށް ވަރަށް ހަނގުރާމަކުރުމަށް ފަހު، އެންމެ ފަހުން އެންމެންނާއި، ވަރުގަދަ އިފުރީތު ވެސް އިސްލާމްވިއެވެ. އިސްލާމްވުމުން އޭނައަށް ކިޔާނެ ނަމަކާ ބެހޭގޮތުން ޝައުކަތު ސުވާލު ކުރިއެވެ.
"ޒުހުރީ." އިފުރީތު ބުންޏެވެ.
ޒުހުރީއަކީ އަހަރެންގެ ބައްޕައަށް ކިޔާ ނަމެވެ.
"އެއީ ކީއްވެ؟" ޝައުކަތު އެހިއެވެ.
"އެއީ ވަރަށް ބާރު ގަދަ މީހެއް،" އަހަރެންގެ ބޯލާކޮޅުގައި ހުރި އިފުރީތު ބުންޏެވެ. "ވަރަށް ރީތިކޮށް ޤުރުއާން ކިޔަވާނެ."
ޖިންނިޝައިތާނުން އިސްލާމްވުމަށް ފަހު ކުއްލިއަކަށް ޖިންނީގެ މިޒާޖު ބަދަލުވެއެވެ. އޯގާތެރިވެ، ކިޔަމަންތެރިވެއެވެ. އިސްމާލްދީނާ ބެހޭގޮތުން ޖިންނިޝައިތާނުންނަށް ކިހާ ޢިލްމެއް ލިބިފައިވާކަން ވެސް ފަހުން އެނގެއެވެ. ކިޔަން ބޭނުންވާ ނަން ހޮވަނީ ދަންނަ އިންސާނުންގެ ތެރެއިންނެވެ. ނަން ކިޔުމަށް ފަހު އެ ނަން ހޮވި ސަބަބު ކިޔައިދޭން ޖިންނިން ބޭނުންވެއެވެ. ނަން ނިސްބަތްވާ މީހާއަށް ތަޢުރީފު ކުރެއެވެ. އެ އިފުރީތު އަބަދު ކަހަލަ ގޮތަކަށް އައިސް އަހަރެން ގާތުގައި ހުރެއެވެ. ބައްޕަ އަންނައިރަށް ތަޢުރީފުކުރަން ފަށައެވެ. އަހަރެންގެ ހާލުބަލަން އެކި ކަހަލަ މީހުން އާދެއެވެ. އޭގެ ތެރޭގައި ޤުރުއާން ހިތުދަސް މީހުން ނުވަތަ ބަރާބަރަށް ނަމާދުކުރާ މީހަކު އަންނަންޏާ މާ ކުރިން އަހަންނަށް އެނގެއެވެ. އެ މީހެއްގެ ނޫރުން މުޅި ގޭތެރެ އުޖާލާވެފައި ހުއްޓާ ދެކެމެވެ. އަހަރެންގެ ބައްޕައަކީ ވެސް އެ ފަދަ މީހެކެވެ. ޤުރުއާން އެއްބައި ހިތުދަސް މީހެއް އަޔަސް އެ މީހާގެ މޫނު ވެސް ހުންނަނީ ދިއްލިފައެވެ.
އެއްދުވަހަކު، ނަޔާޝީނަށް އާދަޔާ ޚިލާފު ކަމެއް ދިމާވިއެވެ. ނަޔާޝީނަކީ ޝައުކަތުގެ އަންހެން ދަރިފުޅެވެ. ނަޔާޝީން އިސްކޫލުން ނިމިގެން ގޯތި ތެރޭގައި ހުއްޓައި، ކުޑަކުޑަ ގުރައެއް އައިސް ނަޔާޝީންގެ ކޮނޑުގައި ޖެއްސިއެވެ. ޖެއްސި ގޮތަކަށް ދެން ނުއެއް ދިޔައެވެ. އަތް ދިއްކޮށްލުމުން އަތަށް އެރިއެވެ. ވަރަށް އޮޅެވެ. ނަޔާޝީން ގެއަށް އައީ ގުރާ ހިފައިގެންނެވެ. ކޮށްޓެއް ހޯދައިފައި އެ ގުރާ ކޮށްޓަށް ލިއެވެ. ގުރާ ގެނައީ މެންދުރުފަހުއެވެ. އިރު އޮއްސުނުއިރު ގޭގެ އެންމެނަށް ރޯގާ ޖެހިއްޖެއެވެ. ހުން އައިސް ބަލިވެއްޖެއެވެ. ޝައުކަތަށް ޝައްކުވިއެވެ. ގުރާ އިން ކޮށި ކައިރިއަށް ޝައުކަތު އައެވެ. ޝައުކަތަށް ހީވަނީ، އެ ގުރާގެ ލޮލުން ތަފާތު ވިދުވަރެއް ފެންނަހެންނެވެ. ޝައުކަތު އައިސް ރުޤްޔާގެ ދެތިން އާޔަތެއް ކިޔަވައިލިއެވެ. ކުއްލިއަކަށް ގުރާ ނުވަތަ ޖިންނި ގެއްލުނެވެ. އެ ޖިންނި އަލުން ހޯދައިގެން ގެނެސްދިނީ ޒުހުރީއެވެ. ގެނެސްދީފައި ޒުހުރީ ދިޔައީއެވެ. ދެން ޒުހުރީގެ ޚަބަރެއް ނުވެއެވެ.
"ކީއްކުރަން ކަލޭ ކުރި ކަމެއް އެއީ؟" ޝައުކަތުގެ އެދުމަށް އަހަރެން ސުވާލުކުރީމެވެ.
"ކުރިނބީން ކަލެއަށް ސިހުރު އެބަ ހަދާ ޚަލީލް ކިޔާ މީހެއް،" އެ ޝައިތާނާ ބުންޏެވެ. "ސާޅީސް ދުވަސް ވެއްޖެ އަހަރެން ކަލެއަށް ފާރަލާތާ. ގެއަށް ނުވަދެވިގެން އަހަރެން އުޅުނީ. އެހެންވެ ގެއަށް ވަންނާނެ ދޮރެއް ހޯދާފަ ވަނީ. ވަދެ.."
އެ ހިސާބަށް ބުނިތަނާ އިވުނީ ގަދަފަދަ އަޑެކެވެ.
ނުނިމޭ