މޫސަލްގެ ކައިރިން މުހިންމު އަވަށެއް ހިފުމަށް ހަމަލާ ދެނީ
މޫސަލްގެ ކައިރިން މުހިންމު އަވަށެއް ހިފުމަށް ހަމަލާ ދެނީ

ބަޣުދާދު (އޮކްޓޯބަރު 29) - އިރާގުގެ މޫސަލްގެ ހުޅަނގުން އޮންނަ މުހިންމު އަވަށެއް ކަމަށްވާ ތަލް އަފާރު އިސްލާމިކް ސްޓޭޓް (އައިއެސް) ގެ އަތް ދަށުން ހިފަން ޝިއައީ ހަނގުރާމަވެރިން ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފި އެވެ.

ޝިއައީންގެ ހާޝިދު ޝާބީ ގްރޫޕުން ބުނީ އެ މީހުންގެ ބޭނުމަކީ ތަލް އަފާރުން އައިއެސް ފައްސާލުން ކަމަށެވެ. މި އަވަށް އަތުލެއްވިއްޖެ ނަމަ ސީރިއާ އިން މޫސަލް އަށް ފޮނުވާ ސަޕްލައި ހުއްޓުވޭނެ އެވެ.

"ތަލް އަފާރު އަތުލުމުގެ ބޭނުމަކީ ސީރިއާގެ ރައްގާ އިން މޫސަލް އަށް އައިއެސް އިން ފޮނުވާ ތަކެތި ހުއްޓުވުން،" ހާޝިދު ޝާބީ ގްރޫޕުގެ ތަރުޖަމާން އަހުމަދު އަލް އައްސާދީ އޭއެފްޕީ އަށް ބުންޏެވެ.

އައިއެސް އިން 2014 ވަނަ އަހަރު މޫސަލް ހިފުމުގެ ކުރިން ތަލް އަފާރުގެ އާބާދީގައި ގިނައީ ޝިއައީންނެވެ. މޫސަލްގައި ގިނައީ ސުންނީ މުސްލިމުންނެވެ. ޝިއައީން ބުނަމުން ދަނީ މޫސަލް ފަތަހަ ކުރުމުގެ ހަނގުރާމައިގައި އެ މީހުން ބައިވެރިވަމުން ދިޔަ ނަމަވެސް މޫސަލް އަށް ނުވަންނާނެ ކަމަށެވެ. މޫސަލް ހިފުމުގެ ހަނގުރާމައިގައި ޝިއައީންގެ އިތުރުން އިރާގު ސިފައިންނާއި ކުރުދީ ހަނގުރާމަވެރިން ވެސް ދަނީ ބައިވެރިވަމުންނެވެ.

އައިއެސްއާ ދެކޮޅަށް ޝިއައީން ކުރިން ހިންގި އޮޕަރޭޝަންތަކުގައި ސުންނީ މުސްލިމުންނާ ދެކޮޅަށް ބޮޑެތި ޖަރީމާތައް ހިންގިކަމުގެ ރިޕޯޓްތައް ވަނީ އާއްމުވެފަ އެވެ.