ގާޑިއޯލާ ސިޓީގެ ޑިފެންސަށް ކުރި ހަރަދު 400 މިލިއަނަށް
ގާޑިއޯލާ ސިޓީގެ ޑިފެންސަށް ކުރި ހަރަދު 400 މިލިއަނަށް

މެންޗެސްޓާ (ސެޕްޓެމްބަރު 30) - ފާއިތުވި ފަސް ވަރަކަށް އަހަރުތެރޭ މެންޗެސްޓާ ސިޓީގެ ކޯޗުކަމުގައި ހުރެ ޕެޕް ގާޑިއޯލާ އެ ޓީމަށް ޑިފެންސްލައިން ވަރުގަދަ ކުރަން ކުރި ހަރަދު 400 މިލިއަން ޕައުންޑް (514 މިލިއަން ޑޮލަރު) އަށް އަރައިފި އެވެ.

ގާޑިއޯލާ ސިޓީގެ ޑިފެންސަށް ކުރި ހަރަދު 400 މިލިއަނަށް
ގާޑިއޯލާ ސިޓީގެ ޑިފެންސަށް ކުރި ހަރަދު 400 މިލިއަނަށް

ސިޓީން އެންމެ ފަހުން ގަތް ޑިފެންޑަރަކީ ރޭ އިއުލާނުކުރި ޕޯޗުގީސް ތަރި ރުބެން ޑިއާސް އެވެ. އުމުރުން 23 އަހަރުގެ ޑިއާސް ހަ އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސިޓީ އަށް ބަދަލުވީ 62 މިލިއަން ޕައުންޑްގެ ފީ އަކަށެވެ. ސިޓީން ވަނީ މި ފަހަރުގެ ޓްރާންސްފާގައި އެކަނި ވެސް ޑިފެންޑަރުންނަށް 103 މިލިއަން ޕައުންޑް ހަރަދުކޮށްފަ އެވެ. މި ފަހަރު އެންމެ ފުރަތަމަ ގެނައި ޑިފެންޑަރަކީ ބޯންމައުތަށް 41 މިލިއަން ޕައުންޑް ދީފައި ގެނައި ނެދަލެންޑްސްގެ ޑިފެންޑަރު ނޭތަން އަކޭ އެވެ.

ގާޑިއޯލާ ސިޓީގެ ކޯޗުކަމާ 2016 ވަނަ އަހަރު ހަވާލުވެ ޑިފެންސްލައިން ވަރުގަދަކުރަން 400 މިލިއަން ޕައުންޑް ހޭދަކުރީ 12 ކުޅުންތެރިންނަށެވެ. އޭގެ ތެރެއިން ތިން ކުޅުންތެރިއަކު ވަނީ އެ ޓީމު ދޫކޮށް ގޮސްފަ އެވެ. ގާޑިއޯލާ އެންމެ ބޮޑު ހޭދައެއް ކުރީ އޭނަގެ ގޭމްޕްލޭންގައި ބޮޑު ހިއްސާއެއް އަދާކުރާ ފުލްބްކް އިން ގަންނާށެވެ.

ބެންފީކާ އާއި ޕޯޗުގަލް ގައުމީ ޓީމުގައި ބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ ޑިއާސް އަކީ މީގެ ކުރިން ޔުވެންޓަސް އާއި ޗެލްސީން ގެންނަން މަސައްކަތްކުރި ޑިފެންޑަރެކެވެ. ސިޓީން ޑިފެންސް ވަރުގަދަ ކުރަން މި ސީޒަނުގައި ނިންމި އެންމެ ބޮޑު ސަބަބަކީ މިދިޔަ އަހަރު ވިންސެންޓް ކޮމްޕެނީ އެ ޓީމު ދޫކޮށްލުމުން ފަހަތުގައި ލީޑަރެއްގެ ރޯލު ކުޅޭނެ ޑިފެންޑަރެއް ހޯދާށެވެ. އެ ގޮތުން ޑިއާސް އަކީ އެ ޒިންމާ ނެގޭނެ ޑިފެންޑަރެއްގެ ގޮތުގައި ގާޑިއޯލާ ދެކެ އެވެ.

ޑިއާސް ސިޓީ އަށް ބަދަލުވާ ޑީލުގެ ތެރެއިން ސިޓީން ވަނީ އެ ޓީމުގެ އާޖެންޓީނާ ޑިފެންޑަރު ނިކޮލަސް އޮޓަމެންޑީ ބެންފީކާ އަށް ދޫކޮށްލަން ނިންމައިފަ އެވެ. ތަޖުރިބާކާރު ޑިފެންޑަރު އޮޓަމެންޑީ ބެންފީކާއާ ގުޅޭނީ 12 މިލިއަން ޕައުންޑަށެވެ.

ސިޓީ އެންމެ ފަހުން ޕްރިމިއާ ލީގުގައި ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި ވަނީ ލެސްޓާ ސިޓީ އަތުން 5-2 އިން ބަލިވެފަ އެވެ. ސިޓީގެ މުހިއްމު ގިނަ ކުޅުންތެރިންތަކެއް އަނިޔާގައި ތިބުމުން އެ ޓީމަށް ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ.